ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 22:54
މަލީހު ޖަމާލް
މަލީހު ޖަމާލް
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ
މަލީހު ސަސްޕެންޑް ކުރުން
އަޅުގަނޑު ސަސްޕެންޑް ނުކުރެވޭނެ، އެކަން ކުރީ އުސޫލާ ޚިލާފަށް: މަލީޙު
މަލީހް ވިދާޅުވީ ރައީސް ޔާމީންގެ ލަފަޔާ މަޝްވަރާގެ މަތީން ނޫނީ ޕާޓީގެ އެހެނިހެން މެމްބަރުންނަށް އެފަދަ ނިންމުންތަކެއް ނުނިންމޭނެ ކަމަށް

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އިން ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ސަސްޕެންޑު ނުކުރެވޭނެ ކަމަށާއި، އެކަން ކުރީ އުސޫލުތަކާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އެމްވީއަށް މަލީހު އެފަދައިން ވިދާޅުވީ މަލީހް އިސްވެހުންނަވައިގެން އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އެ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ، އެ ޕާޓީން އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.

އެގޮތުން މަލީޙު ވިދާޅުވީ އޭނާ ސަސްޕެންޑް ނުކުރެވޭނެ ކަމަށާއި، އެކަން ކުރީ އެފަދަ ކަންތައް ކުރުމަށް ޕާޓީގެ ގަވާއިދުގައި ހުރި އުސޫލުތަކާއި އިޖުރާތު ތަކާ ވެސް ޚިލާފަށް ކަމަށެވެ. އެގޮތުން މަލީހް ވިދާޅުވީ ރައީސް ޔާމީންގެ ލަފަޔާ މަޝްވަރާގެ މަތީން ނޫނީ ޕާޓީގެ އެހެނިހެން މެމްބަރުންނަށް އެފަދަ ނިންމުންތަކެއް ނުނިންމޭނެ ކަމަށެވެ.

މަލީހު ވިދާޅުވީ އެފަދައިން ހެއްދެވި ނަމަވެސް، ރައީސް ޔާމީނާ ޕީޕީއެމްގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

Advertisement

މަލީޙު ޕާޓީން ސަސްޕެންޑް ކުރިކަމަށް ބުނެ، އޭނާ އަށް ފޮނުއްވި ސީޓީގައި ސޮއި ކުރައްވާފައިވަނީ ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ، މިހާރުގެ މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމުގެ އިތުރުން، ދިފާއީ ވުޒާރާގެ ވަޒީރު ޣައްސާން މައުމޫނެވެ.

އެގޮތުން އެ ދެބޭފުޅުންނަށް އިޝާރަތް ކުރައްވާ ފާޑު ވިދާޅުވަމުން މަލީހު ވިދާޅުވީ، އެ ދެބޭފުޅުން ވެސް އެ ސީޓީގައި ސޮއި ކުރެއްވީ ވަޒީފާގެ ބިރަށްޓަކައި، ވަޒިފާގެ އަޅުންނަށް ވެގެން މަޖުބޫރީ ޙާލަތެއްގައި ކަމަށެވެ. އަދި އެ ސިޓީގައި ޕާޓީގެ ސްޓޭމްޕެއް ވެސް ނެތް ކަމަށް މަލީޙު ވިދާޅުވި އެވެ.

އެހެން ކަމުން އެއީ ފޭކު ސިޓީއެއްގެ ގޮތުގައި ގަބޫލު ކުރައްވާ ކަމަށް މަލީޙު ވިދާޅުވި އެވެ.

މަލީހު ސަސްޕެންޑް ކުރި ކަމަށް ބުނެ ސިޓީ ފޮނުއްވީ، އަންގާރަ ދުވަހުގެ ރޭ މަލީހު އިސްކޮށް ހުންނަވައި ބޭއްވެވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔަމީން އެކުލަވާލެއްވި ސްޓިއަރިންގ ކޮމިޓީއެއް ހިންގުމާ ހަވާލުވެވަޑައިގެންފައިވާ ކަމަށް އިއުލާނުކުރެއްވުމާ އެކު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް