Advertisement
ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 15:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ބަޖެޓް ބަހުސް
ބަޖެޓް ބަހުސް ފެށިގެން ކުރިއަށް - ސަރުކާރުގެ އިޚުލާސްތެރިކަމާއި މެދު ސުވާލު އުފައްދާ އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން
ބައެއް މެންބަރުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ގޯސްވީ ނިމިދިޔަ ސަރުކާރުގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފައި
މި ސަރުކާރުން އަމަލުކުރަނީ އަމަލާއި ބަހާއި ދިމާނުވާ ގޮތަށް ކަަމަށް މެންބަރުން ވަނީ ވިދާޅުވެފައި
މަޝްރޫޢުތައް ޕްރިއޯރިޓައިޒް ކުރާ ގޮތަށް ފާޑުކިޔުން ވަނީ އަމާޒުވެފައި

ސަރުކާރުގެ އިޚުލާސްތެރިކަމާމެދު ސުވާލު އުފައްދާ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފިއެވެ.

އެމްޑީޕީގެ މެންބަރުން އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ކުރިއަށް ގެންދާ 2024ގެ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ.

ބަޖެޓަށް ވާހަކަދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު ޝަރީފް ވަނީ މި ބަޖެޓަކީ ރާއްޖޭގައި މިހާތަނަށް ހުށަހަަޅާ އެންމެ ބޮޑު ބަޖެޓް ކަމަށް ވާއިރު، އެއީ ދައުލަތުގެ ހަކަތަ އާއި އެންމެ އެކަށީގެންވާ ބަޖެޓެއްތޯ ސުވާލު އުފައްދަވާފައެވެ. މި ސަރުކާރުން ބަޖެޓާއި މެދު ޢަމަލުކުރަން ޖެހޭނީ ސިޔާސީ ވާދަވެރިކަމާއި ހަތުރުވެރިކަން އެއްކިބާކޮށްގެން ކަަމަށް އޭނާ ވިދާޅުވިއެވެ. ފާއިތުވި 4 އަަަހަރު ރާއްޖޭގެ އިގްތިޞާދު ރަނގަޅުކުރަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މަސައްކަތް ކުރި ކަަމަށާއި މި ސަރުކާރުން ވެސް ޢަމަލުކުރަންވާނީ އެ މަގުން ކަމަށް ޝަރީފް ވިދާޅުވިއެވެ. މެމްބަރުން ވަނީ އާ ސަރުކާރުގެ އަމާޒަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ އޭނާގެ ދާއިރާ އަށް ކަނޑައަޅާފައިވާ މުހިންމު ކަންކަން ކުރިއަށް ނުގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި އަހަރު ކުރިއަށް ގެންދަން ޕްލޭންކޮށްފައި ހުރި ކަންކަން އިންތިޤާލީ މަރުހަލާގައި ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

މީގެ އިތުރުން ވެރިކަމަށް އައުމަށް ފަހު ޕީޕީއެމް ޕީއެންސީގެ ރާގު ބަދަލުވާ ކަަމަށް ވެސް މެންބަރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވަނީ ނިމިދިޔަ ސަރުކާރުން ކޮވިޑް-19 ގެ ހާލަތުގައި ވެސް މަޝްރޫޢުތައް ކުރިއަށް ގެންދިޔަ ކަމަށާއި މިހާރު ހިނގާ ސަރުކާރުން ވެސް ވެފައިވާ ވައުދުތައް ފުއްދަން ޖެހޭނެ ކަަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ ދަރަނިވެރިވެފައިވާ ކަމަށް ވިދާޅުވެ ވެރިކަމަށް އައި ބަޔަކަށް ފައިނޭންސް ހޯދަން އެނގެންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވެސް ވަނީ މި ސަރުކާރުން މަޝްރޫޢުތައް ޕްރިއޯރިޓައިޒްކުރާ ގޮތަށް ފާޑު ވިދާޅުވެފައެވެ. ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހޭދަކޮށްގެން މަސައްކަތް ކުރަމުން ދަނީ މާލެ ނޫން އެހެން ސަރަހައްދުތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލަން ކަަމަށް އޭނާ ވިދާޅުވިއެވެ. އެއީ ތާއީދުކުރެވޭ ގޮތެއް ނޫން ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ބަޖެޓާއި މެދު ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ ސަރުކާރުން މިހާތަނަށް ވެސް އަމަލުކުރަމުންދަނީ ކަންބޮޑުވުން ހުރި ގޮތަށް ކަމަށެވެ. އެގޮތުން ނިމުނު ސަރުކާރުން ކޮވިޑްގެ ދަތި ހާލަތުގައި ވެސް މުވައްޒަފުން ވަކިނުކޮށް، މަޝްރޫޢުތައް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރުން އަމަލުކުރަނީ އެއާއި މުޅިން އިދިކޮޅަށް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

ބައެއް މެންބަރުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ގޯސްވީ ނިމިދިޔަ ސަރުކާރުގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ނިމިދިޔަ ސަރުކާރުގެ އިގްތިޞާދީ ސިޔާސަތުތައް ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް