ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރައި އެގައުމަށް ގެންގޮސްދިނުމަށް އިންޑިޔާގެ ސަރުކާރުގައި ރަސްމީގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ރައީސް މިފަދައިން އެދިވަޑައިގަންނަވާފައި ވަނީ އިންޑިއާގެ މިނިސްޓަރ އޮފް އާތް ސައިންސެސް ކިރެން ރިޖިޖޫއާއެކު ރައީސް މުއިއްޒު ހޮނިހިރު ދުވަހު ބޭއްވެވި ޚާއްސަ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލައްވާނެ ކަމުގެ ވައުދުފުޅާއި އެކުގައެވެ. އެއީ މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ކެމްޕެއިންގެ ތެރޭގައި އެންމެ ގިނައިން ދެއްކެވި އެއް ވާހަަކަފުޅަކީ ވެސް އެއީއެވެ. އަދި ޚާރިޖީ ސިޔާސަތުގެ ތެެރެއިން އެންމެ އިސްކަމެއް ދެއްވާނެ އެއް މަސައްކަތްޕުޅަކީ އެއީކަން ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން އިންޑިޔާގެ އަސްކަރީ މީހުން ވީހާވެސް އަވަހަކަށް އަނބުރާ ފޮނުވާލުމުގެ ތަފްސީލުތައް ހޯދުމަށްޓަކައި، އިންޑިއާއާއެކު ސީދާ އަދި ތަފްސީލީ ޑިޕްލޮމެޓިކް މަޝްވަރާތައް ބާއްވަވާނެ ކަމަށް މީގެކުރިން ވިދާޅުވެފައިވެއެވެ.
އަދި ރާއްޖޭގައި ތިބި އިންޑިޔާގެ އަސްކަރީ މީހުންގެ ހަގީގީ އަދަދަށް ފޯކަސް ނުކުރައްވާ ކަމަށާއި، ރާއްޖޭގައި އެއްގޮތަކަށްވެސް، އެއްވެސް މީހަކު ތިބެން ބޭނުންފުޅު ނުވާކަމަށް އެމަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ހޮނިހިރު ދުވަހުގެ އެ ބައްދަލުވުމުގައި ޚުދު ރައީސް މުޢިއްޒުވެސް ފާހަގަކުރެއްވި އެއް ކަމަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ސަބަބުން، ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ގިނަ އަދަދެއްގެ ބަލި މީހުން އުފުލުމަށް މަގުފަހިވެފައިވާ ކަމެވެ. އެކަމުގެ ސަބަބުން ރާއްޖެ އަށް ލިބޭ މަދަދު ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް ފާހަގަކުރައްވައެވެ.
ރަސްމީ ސިފައެއްގައި އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިއުމަށް އެދިފައިވާއިރު ކަންދިމާކުރިގޮތުން ހޮނިހިރު ދުވަހުގެ ހަވީރުވެސް ޑޯނިއާ އެއާކްރާފްޓް އޮތީ ދިވެހިންގެ ޚިދުމަތުގައެވެ. އެ ދުވަހުގެ ހަވީރު 17:04 ހާއިރު ޑޯނިއާ އެކްރާފްޓުން ވަނީ އުމުރުން 36 އަހަރުގެ ހާލުބޮޑު ބަލި މީހަކު ތ.އަތޮޅު ހޮސްޕިޓަލުން މާލެ އަށް ގެނެސްފައެވެ. އެއީ ހޮނިހިރު ދުވަހު ގަޑިން 17:04 ހާއިރެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުތަކުން ވެސް އެނގޭ ފަދައިން އިންޑިއާ އިން ފޯރުކޯށްދީފައިވާ އެއާކްރާފްޓަކީ ރާއްޖެ އަށް އެއްގޮތަށް ވުރެ ގިނަ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ވަސީލަތެކެވެ. އެހެންނަމަވެސް އިންޑިއާ ސިފައިން އަނބުރާ ފޮނުވާލެއްވުމުގެ ވައުދުފުޅާއެކު ސަރުކާރަށް ވަޑައިގަތުމުން އެކަން ނުކުރައްވާ ފަރުޖައްސާލެވޭކަށް ވެސް ނެތެވެ.
ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި 500 އަށް ވުރެ ގިނަ މެޑިކަލް އިވަކުއޭޝަން ނުވަތަ ސިއްހީ ފަރުވާ ބޭނުންވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މި އެއާކްރާފްޓް ބޭނުންކޮށްގެން ވަނީ ކޮށްފައެވެ. އިދާރާތަކުން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާ ނަމަ މިއީ 523 ދިވެހިންގެ ސިއްހީ ޙާލަތު ގޯހަށް ހުށަހެޅިޔަ ނުދީ އެ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދިން މަރުހަލާއެކެވެ. އަވަސް ފަރުވާ އަށް ބޭނުންވި ވަގުތު އަވަހަށް އިޖާބަ ދެވުނު އެންމެ މައި އެއް ސަބަބެވެ.
އެހެންކަމުން އިންޑިއާ ސިފައިން ފޮނުވާލާ އިރު ޑޯނިއާ މަތިންދާ ބޯޓުގެ މަސައްކަތް ހުއްޓިއްޖެ ނަމަ އަނެއްކާވެސް ބަލި މީހުން އެއްތަނުން އަނެއްތަނަކަށް އުފުލުމުގައި އިތުރު ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ. އިންޑިއާ ސިފައިން އަނބުރާ ފޮނުވާލައްވާއިރު އެއާކްރާފްޓާއި އެއާކްރާފްޓުގެ ޚިދުމަތަށް ވާނެ ގޮތަކާއި މެދު ނުވަތަ، އެކަމާއި މެދު ޢަމަލުކުރަން ގަސްތުކުރައްވާ ގޮތެއް އަދި ރައީސް ހާމައެއް ނުކުރައްވައެވެ. ދިވެހިންނަށް ލިބިލިބި ހުރި މަދަދުވެރިކަމެއް ހުއްޓުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ވެދާނެތޯ އެއީ އުފެދޭ ސުވާލެކެވެ. ހަމައެކަނި ސިޔާސީ ނަޒަރުންނާއި، މަގްބޫލުވުމުގެ ނަޒަރުން ނިންމާލާ ވަރަށް ވުރެ މިއީ މާ ހައްސާސްކަމެކެވެ.