ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ އެގްޒެކެޓިވް މެންބަރަކު ނެތް ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބަޔާންކޮށްފިއެވެ.
ޕީސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކުގައި ހިމެނޭ އެގްޒެކެޓިވް ބޯޑު މެންބަރެއް ނެތް ހާލަތެއްގައި އަމަލުކުރަންވީ ގޮތް ސާފުކުރުމަށް ބައެއް ކުންފުނިތަކުން ބޯޑަށް ގުޅަމުންދާ ކަމަށެވެ.
ޕީސީބީން ބުނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ނުވަތަ ޗީފް އެގްޒެކްޓިވް އޮފިސަރު މަޤާމުން ވަކިވާ ހާލަތުގައި ކުންފުނި ހިންގުން ހަވާލުކުރަން ޖެހޭނީ ބޯޑުގައި ހިމެނޭ އެގްޒެކެޓިވް މެންބަރުންނަށް ކަމަށެވެ. ނަމަވެސް ބޯޑުގައި އެގްޒެކެޓިވް މެންބަރެއް ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ ކުންފުނީގެ މެނޭޖްމެންޓުގެ އެންމެ އިސް ފަރާތަކާ ހިންގުން ހަވާލުކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުންފުނީގެ ބޯޑަށް އެގްޒެކެޓިވް މެންބަރަކު އައްޔަންކުރުމާ ދެމެދު، ދުވަހުން ދުވަހަށް ހިންގަން ޖެހޭ މުއާމަލާތްތައް ފިޔަވައި ބޮޑެތި މާލީ ނުވަތަ ވިޔަފާރީގެ މުއާމަލާތްތައް ނުހިންގުމާއި ކުންފުނި ހިންގުން ވަގުތީ ގޮތުން ހަވާލުކުރާ ފަރާތުގެ މަގާމާއި އީމެއިލް އަދި ގުޅޭނެ ނަންބަރު ޕީސީބީއާ ހަވާލުކުރުމަށް ވެސް ވަނީ އެދިފައެވެ.