މިއަންމާގެ ބައި މަދު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލުވާން ރާއްޖޭން ހުށަހަޅައިފިއެވެ.
މިއަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން އެމައްސަލަ އައީސީޖޭއަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު ހުށަހެޅީ ގެމްބިއާ ސަރުކާރުންނެވެ. ރާއްޖޭން މި މައްސަލައަށް ތަދައްޚުލްވާން ނިންމައި، އެ ކަން އިއުލާނުކުރީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް ބައްދަލުވުމުގައެވެ.
އެ މައްސަލައިގައ،ި މިއަންމާގެ ރާކީން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް 2016 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ސިފައިންނާއި އެހެން ފަރާތްތަކުން ހިންގަމުން އަންނަ އަމަލުތަކަކ،ީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ ހިލާފު އަމަލުތަކެއް ކަމަށް ވަނީ ހުށަހަޅާފައެވެ.
އެކަމާއި ގުޅިގެން ބަންޑާރަނާއިބު އޮފީހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މި މައްސަލައަށް ތަދައްޚުލުވާނެކަމަށް އިއުލާނުކޮށްފައިވާ އިތުރު ހަ ގައުމަކާ ރާއްޖޭން ވެސް އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ ރާއްޖޭގެ އިންޓަވެންޝަން މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތުގެ މައްޗަށް ކަމަށެވެ.
މި މައްސަލާގައި ރާއްޖެ ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނެނ،ީ އިނގިރޭސިވިލާތުގެ ޑައުޓީ ސްޓްރީޓް ޗޭމްބާސްގެ ވަކީލު އަމާލް ކްލޫނީ އާއ،ި އިނގިރޭސިވިލާތުގެ ޓްވެންޓީ އެސެކްސްގެ ވަކީލު ޕްރޮފެސަރު ފިލީޕާ ވެބް ކަމަށް ވެސް އޭޖީ އޮފީހުން ބުނެއެވެ.
މިއަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ރާއްޖޭން ވަނީ 2017 ވަނަ އަހަރު އެ ގައުމާ އެކު ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލައިފައެވެ. އަދި މި މައްސަލައާ ގުޅޭ ގިނަ ރެޒޮލިއުޝަންތަކެއް ކޯ-ސްޕޮންސާކޮށް އދ.ގެ އާންމު މަޖިލީހާއި ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖޭން ހުށަހަޅާފައިވެއެވެ.
މިއަންމާގެ އަސްކަރިއްޔާގެ އަނިޔާތަކުން ސަލާމަތްވުމަށް 2017 ވަނަ އަހަރު ގައުމުދޫކޮށް ދިޔަ، ގާތްގަނޑަކަށް އެއް މިލިއަން ރޮހިންޔާ މުސްލިމުން މިހާރު ދިރިއުޅެމުންދަނީ ބަންގްލަދޭޝްގެ ތޮއްޖެހިފައިވާ ކޭމްޕްތަކުގައެވެ.