ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 09:45
މިނިސްޓަރު އަމީރު ބަޖެޓް ހުށަހަޅުއްވަމުން ގެންދެވި އިރު ޑިމޮކްރެޓްސްގެ މެންބަރުން ހުރަސް އަޅަމުންދާތީ އެމްޑީޕީ މެންބަރުން ވަޒީރު ވަށާލައިގެން
މިނިސްޓަރު އަމީރު ބަޖެޓް ހުށަހަޅުއްވަމުން ގެންދެވި އިރު ޑިމޮކްރެޓްސްގެ މެންބަރުން ހުރަސް އަޅަމުންދާތީ އެމްޑީޕީ މެންބަރުން ވަޒީރު ވަށާލައިގެން
ރާއްޖެއެމްވީ
މަޖިލީހުގެ ސެކިއުރިޓީ
މަޖިލީހަށް ހާޒިރުވެވަޑައިގަންނަވާ ވަޒީރުންނަށް ސެކިއުރިޓީ ދިނުމަށް ރިޔާސަތުން އަމުރުކޮށްފި
މަޖިލީހުގެ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ގަވާއިދު އެކުލަވާލާ އަމަލުކުރަން ފަށާނެ
މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ ކަންތައްތަކެއް ކުރާ މަޖިލީހެއްކަމުގައި ބައެއް މެންބަރުން ދެކެވަޑައިގެންނެވިނަމަވެސް، އެއީ އެކަން އޮތްގޮތެއް ނޫން
މަޖިލީހަށް ހާޒިރުވާ ބޭފުޅުންގެ ސެކިއުރިޓީ ބަލަހައްޓަން އަމުރުކޮށްފައިވަނީ ބަޖެޓް ހުށަހެޅުމަށް ވަޒީރު ވަޑައިގަތުމުން ހިނގައިދިޔަ ކަންތައްތަކަށްފަހު

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގަންނަވާ ވަޒީރުންނާއި، އެހެނިހެން ބޭބޭފުޅުންނަށް ސެކިއުރިޓީ ދިނުމަށް ރިޔާސަތުން އަމުރު ކުރައްވައިފި އެވެ.

ބުދަ ދުވަހުގެ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރިޔާސަތުން، ރައީސް މުހައްމަދު އަސްލަމް މިފަދައިން އަމުރުކުރައްވާފައިވަނީ، އަންގާރަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަޖެޓް ހުށަހަޅުއްވަމުން ގެންދެވި އިރު ޑިމޮކްރެޓްސްގެ މެންބަރުން ވަޒީރު ވަށާލައި، އަޑުގަޑަކޮށް އިހްތިޖާޖުކޮށްފައިވާ މައްސަލައަށް އިޝާރާތްކުރައްވައެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ނިޒާމް ނުގެއްލި މަޖިލީހުގެ މަސައްކަތްތައް އިންތިޒާމް ކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާތީ އެގޮތަށް ބައެއް ފިޔަވަޅުތައް އަޅުއްވަން ގަސްތުކުރައްވާ ކަމަށެވެ. އޭގެ އެއް ފިޔަވަޅެއްގެ ގޮތުގައި މީގެ ކުރިން މަޖިލިސްތަކުގައި މަސައްކަތްކޮށްފައިވާ، ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 2 ގައި ބަޔާންކުރާ މަޖިލީހުގެ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ގަވާއިދެއް އެކުލަވާލުމަށް އޮންނަ ކަމަށް މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވިއެވެ.

Advertisement

އަދި މީގެ ކުރިން މަޖިލިސްތަކުގައި އެކަމުގެ މަސައްކަތްތަކެއް ކުރެވިފައިވީނަމަވެސް، 19 ވަނަ މަޖިލީހުގައި އެކަމުގެ މަސައްކަތް ކުރެވިފައި ނެތުމުން، ގާނޫނު އަސާސީގައި ބަޔާންކުރާ މަޖިލީހުގެ މެންބަރުން ތަބާވާން ޖެހޭ ސުލޫކީ ގަވާއިދުގެ މަސައްކަތް ކުރައްވާ މެންބަރުންގެ އެއްބާރުލުމާއެކު ފާސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި މަޖިލީހަށް ހާޒިރުކުރެވޭ ވަޒީރުންނާއި އެހެނިހެން ފަރާތްތައް ހާޒިރުކުރެވޭ އިރު އެ ފަރާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ މަޖިލީހުން ކުރަންޖެހޭ ކަންކަން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ އިދާރީ ބޭފުޅުން، މަޖިލީހަށް ހާޒިރުކުރެވޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ކަންކަން މަޖިލީހުގައި އެ ބޭފުޅުން ތަމްސީލުކުރައްވާ ގަޑިތަކުގައި ފޯރުކޮށްދިނުމަށް އަމުރު ކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށް ޖެހުމެއް ނެތި ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިންގުމުގައި، މަޖިލީހުގެ އިދާރާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނާ ގޮތަށް މަޖިލީހުގެ ގަވާއިދާއި ހުރުމަތް ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް. އަދި މަޖިލީހުގެ ގަވާއިދަށް އުނިކަން އަންނާނެފަދަ އެއްވެސް ކަމެއް ހިންގުމަށް ނުވަތަ ގަވާއިދަށް އުނިކަން އަންނާނެ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަމެއް ހުއްޓުވަން ކުރަންޖެހޭ ކަންކަން ކުރުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް. ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ވަރަށް މުހިންމު މަސްއޫލިއްޔަތުތަކާއި މަސައްކަތްތައް މަތިކޮށްފައިވާތަނެއް. އަދި ސިޔާސީ އެކިއެކި ޕާޓީތައް ތަމްސީލުކުރާ މަޖިލީހެއް. އެހެންނަމަވެސް މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ ކަންތައްތަކެއް ކުރާ މަޖިލީހެއްކަމުގައި ބައެއް މެންބަރުން ދެކެވަޑައިގެންނެވިނަމަވެސް، އެއީ އެކަން އޮތްގޮތް ނޫން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ ގާނޫނު ހެދުމުގައާއި ސަރުކާރު ޖަވާބުދާރީކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރިއަށްގެންދެވޭއިރު މަޖިލީހުގެ ހައިބަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްއެކޭ އެއްފަދައިން މަޖިލީހުގެ މެންބަރުންގެ ވެސް މަސްއޫލިއްުޔަތުކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް