ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 12:19
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ގޮނޑިއަށްޓަކައި ބަޔަކު މިހާ ހުތުރުކޮށް އުޅުނު މަންޒަރު މުޅި ސިޔާސީ ހަޔާތުގައިވެސް އަދި ނުދެކެން: ރޮޒައިނާ
އީވާ ރިޔާސަތުން ފައިބާވަޑައިނުގެން، އުޅުއްވަމުން ގެންދަވަނީ ނުހަނު ހުތުރުކޮށް
ރިޔާސަތުގައި އެހެން ބޭފުޅަކު އިންނަވަން ވެސް ޖާގަދެއްވަން އީވާ ދެކޮޅު ހެއްދެވި
ޖަލްސާ ކުރިއަށް ގެންދިއުމަށް އާދިއްތަ ދުވަހުވެސް އީވާ ހުރަސް އެޅުއްވި

ގޮނޑި ދިފާއުކުރެއްވުމަށްޓަކައި ބަޔަކު މިހާ ހުތުރުކޮށް އުޅުނު މަންޒަރު މުޅި ސިޔާސީ ހަޔާތުގައިވެސް އަދި ދެކިވަޑައިގެންފައިނުވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ އެހެން ވިދާޅުވީ، މަޖިލިސް ކުރިއަށްގެންދަން ފުރުސަތު ނުދެއްވާ، ރިޔާސަތުގައި އެހެން ބޭފުޅަކު އިންނަވަން ވެސް ޖާގަދެއްވަން މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ ދެކޮޅުހައްދަވައި ދިގުދަންމަވާލެއްވުމާއި ގުޅިގެންނެވެ.

ރާއްޖެއެމްވީން ގެނެސްދިން ކަަވަރޭޖަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ރޮޒައިނާ ވިދާޅުވީ، އީވާ ރިޔާސަތުން ފައިބާވަޑައިނުގަންނަވާނެކަމަށް ވިދާޅުވެ، ރިޔާސަތުގައި މަޑުކުރައްވައިގެން އިންނެވުމުން، އެކަން އެހެން ނުކުރެއްވުމަށް މަޖިލީހުގެ އަމީންއާންމުވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންގޮސްފައިވާކަމަށެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ އަމުރުގެ ވާހަކަ އީވާ ވިދާޅުވިއިރު، ޖަލްސާ ކުރިއަށް ގެންދިއުމަށް އާދިއްތަ ދުވަހުވެސް އީވާ ހުރަސް އެޅުއްވިކަން ރޮޒައިނާ ފާހަަގަ ކުރެއްވިއެވެ.

ސުޕްރީމް ކޯޓުގެ ޙުކުމަށްވުރެ އީވާއަށް މުހިއްމީ އާއިލީ ގޮނޑި ދިފާއު ކުރެއްވުންކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

Advertisement

ރޮޒައިނާ ވިދާޅުވީ، އަލަށް އަންނަ ސަރުކާރުގެ މަޖިލިސް މެންބަރުންނާއި، އެމްޑީޕީގެ މެންބަރުންވެސް ހެނދުނުގެ ޖަލްސާއަށް ވަޑައިނުގެން މަޑުކުރެއްވީކަމަށެވެ. އެއީ ރިޔާސަތުން އިތުބާރު ނެތްކަމުގެ މައްސަލަ ހައިޖެކް ކުރަމުންދާތީކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.

އެތައް ފަހަރަކު ކައުންސިލް ޖެނެރަލާއި ސެކެޓަރީ ޖެނެރަލް ވާހަކަ ދެއްކެވުމުންވެސް، އީވާ ރިޔާސަތުން ފައިބާވަޑައިނުގެން، އުޅުއްވަމުން ގެންދަވަނީ ނުހަނު ހުތުރުކޮށްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އަދި ގޮނޑިއަކާހެދި މިހާ ހުތުރުކޮށް އުޅުނު މަންޒަރު ސިޔާސީ ހަޔާތުގައިވެސް އަދި ފެނިވަޑައިގެންފައިނުވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މީގެއިތުރުން ސުޕްރީމް ކޯޓުގެ ޙުކުމަށް އިހުތިރާމުކޮށް، މިހާރު ދިމާވެގެން އުޅޭ ޙާލަތަށް މަޖިލީހުގެ އަމީންއާންމު ހައްލެއް ހޯދަވަން ޖެހިވަޑައިގަންނަވާނެކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް