ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 11:49
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ދިވެހި ޚާރިޖިއްޔާ
ކުރިން އޮތް ޙާލަތު ބަދަލުކޮށް، ބައިނަލްއަޤުވާމީ މުޖުތަމައުގައި ރާއްޖެއަށް ޙައްޤު މަޤާމު ހޯދައިދެވިއްޖެ: ރައީސް
ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ޚާރިޖީ ޙާލަތު އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލެއްވި
ރައީސް ވަނީ އެބޭފުޅުން ޚާރިޖިއްޔާއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތައް ފާހަގަ ކުރައްވާފައި
މިއީ ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ ނަމުގައި ޚާއްސަ ޝަރަފެއް އެރުވޭ ފުރަތަމަ ފަހަރު

ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ޚާރިޖިއްޔާ އޮތް ޙާލަތު ބަދަލުކޮށް، ބައިނަލްއަޤުވާމީ މުޖުތަމައުގައި ރާއްޖެއަށް ޙައްޤު މަޤާމު ހޯދައިދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް ދެއްވުމަށް ހޯމަ ދުވަހު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ ނަމުގައި ޚާއްސަ ޝަރަފެއް އެރުވޭ ފުރަތަމަ ފަހަރުކަމަށެވެ.

މި ޝަރަފުގެ މަޤްސަދަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާ ފަރާތްތަކުގެ އަގުވަޒަން ކުރެއްވުން ކަމަށާއި، މިއަދު މި ޝަރަފު ޙާސިލު ކުރެއްވި ދެބޭފުޅުންނަކީ ރާއްޖެއިން މި ޝަރަފު ފުރަތަމަ ޙާސިލު ކުރައްވާ ދެބޭފުޅުންކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްކަމުގެ މަޤާމުގައި ހުންނެވި އަހުމަދު ޚަލީލް އަދި ފޮރިން ސެކެޓަރީގެ މަޤާމުގައި ހުންނެވި އަހުމަދު ލަތީފްއެވެ.

ރައީސް ވަނީ އެބޭފުޅުން ޚާރިޖިއްޔާއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިއީ ޚާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަލަށް ދެއްވާ ޝަރަފެކެވެ. މި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ މެޑަލަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.

ރާއްޖޭގެ ޚިދުމަތުގެ ދާއިރާއަށް 2022 ވަނަ އަހަރު ޚާއްސަ ޤާނޫނަކުން، ދިވެހި ފޮރިން ސަރވިސް އުފެއްދިފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިއީ މުހިއްމު މަޤްސަދެއްގައި ގެނެވުުނު ބަދަލެއްކަމަށެވެ. އެއީ އެއިރަކު އޮންނަ ސަރުކާރެއްގެ ޚާރިޖީ ސިޔާސަތު ޤާއިމުކޮށްދިނުމުގައި އެންމެ ފުރިހަމައަށް މަސައްކަތް ކުރުމުގެ މަގުފަހި ކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ޚާރިޖީ ޙާލަތު އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލައްވާ ރައީސް އިތުރަށް ވިދާޅުވީ، މިހާރު އެކަންކަން ބަދަލު ކުރެވި، ބައިނަލްއަޤުވާމީ މުޖުތަމައުގައި ރާއްޖެއަށް ޙައްޤު މަޤާމު ހޯދައިދެވެމުންދާކަމަށެވެ.

ވަކިން ޚާއްސަކޮށް، ކޮވިޑުގެ ވަބާގައި މުޅި ދުނިޔެ ބަންދުވެފައި އޮތްއިރު ޚާރިޖިއްޔާގެ ބޭފުޅުން ކުރެއްވި މަަސައްކަތްތައްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ކޮވިޑު ވަބާއިން ރައްކާތެރިވުމަށް ބޭނުންވި ބޭހާއި އެހެނިހެން ތަކެތި ހޯދުމުގައިވެސް އެބޭފުޅުންގެ އެހީތެރިކަން ސަރުކާރަށް ލިބިގެންދިޔަ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙު

ރައީސް ވިދާޅުވީ، ދިވެހި ޚާރިޖިއްޔާ އިތުރަށް ހަރުދަނާވެގެން ދިއުމަކީ އެމަނިކުފާނުގެ އުއްމީދު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި