ވަކި ޤައުމަކަށް ނިސްބަތްވީތީ ނުވަތަ ވަކި ފިކުރަކަށް ތަޢީދު ކުރާތީ، އެމީހަކަށް ޙައްޤު އެތައް ކަމަކުން މަހްރޫމު ވާން ޖެހިފައި ތިބި މީހުންގެ ޢަދަދު މަދެއް ނޫނެވެ. އެތައް ބައެއްގެ ފަރާތުން އެފަދަ ފުރައްސާރައާއި ހަނގާ ކުރުންތަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވީ ނަމަވެސް، ސާބިތު ކަމާއެކު އެ ގޮންޖެހުންތަކާ ކުރިމަތިލައި، ދިރިއުޅުމައިގެން ކުރިއަށް ދިއުމުގެ ހިތްވަރު ލިބިގަތުމުގެ ހުނަރަކީ، ކޮންމެ މީހަކުވެސް ދަސްކުރަންޖެހޭ ހުނަރެކެވެ. އަމިއްލަ އިޚުތިޔާރުން ބޭރުގައި އޮތް ކަމެއްގެ ސަބަބުން ތަފާތު ކުރުންތަކާއި ހަނގާ ކުރުމާ ކުރިމަތިލާން ދާދި ފަހުން މަޖުބޫރުވި އެކަކީ ލުބްނާނުގެ ކުރެހުންތެރިއެއް ކަމަށް ވާ އައިމަން ބަލްބަކީއެވެ.
ފަންނުވެރި މަސައްކަތްތެރިންގެ އުފެއްދުންތަކާއި އާދަޔާ ޚިލާފު ތަކެތި، ރެކޯޑް އަގުތަކުގައި ނީލަން ކިޔައި، ވިއްކުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ކްރިސްޓީޒްއިން ވަނީ، އައިމަންގެ 2 ކުރެހުމެއް ނީލަމުން ނަގާފައެވެ. ލަންޑަންގައި ކުރިއަށް ދިޔަ ސޭލްއަކުން އެ ކުރެހުންތައް ނަގާފައި ވަނީ 'ޝަކުވާތަކެއް' ލިބިގެން ކަމަށްވެއެވެ. އައިމަން ސިފަ ކުރި ގޮތުގައި، ނީލަމުން އޭނާގެ ކުރެހުންތައް ނެގި ނެގުމަކީ، ކަނޑައެޅިގެން އޭނާއާ މެދު "ތަފާތު ކުރުމެވެ."
އައިމަންގެ މަސައްކަތްތަކުގެ ތެރެއިން ކްރިސްޓީޒްގެ ނީލަމުން ބޭރު ކުރި އެއް އުފެއްދުމަކީ "އަލް މޫލަޘަމް"އެވެ. 2 މީޓަރުގެ އުސްމިން ހުރި އެ އުފެއްދުމުން ފެނިގެން ދަނީ ރަތާއި ހުދު ކުލައިގެ ސްކާފަކުން ނިވާކޮށްފައި ވާ މީހެކެވެ. ރަތާއި ހުދު ކުލައިގެ ސްކާފްއަކީ ކީފިއްޔާގެ ރަމްޒެކެވެ. އެއީ މެދުއިރުމަތީގެ އަންހެނުން، އިސްތަށިގަނޑު ނިވާ ކުރުމަށް، އާންމުކޮށް ބޭނުން ކުރާ ސްކާފްއެކެވެ.
ކްރިސްޓީޒްއިން ބޭރުކުރި 2 ވަނަ މަސައްކަތަކީ "އެނޯނިމަސް"އެވެ. އެއީ ޢަރަބި ދުނިޔޭގައި ކުރަމުންދާ މުޒާހަރާތައް ދައްކުވައިދިނުމަށް އައިމަން ކުރިއަށް ގެންދާ ސިލްސިލާއެއްގެ ބައެކެވެ. އެ މަސައްކަތުން ފެންނަނީ ގޭސް މާސްކެއް އަޅައިގެން ހުންނަ މީހަކާއި، ރަތް ދޮންކެޔޮވަކެކެވެ. އަދި ޢަރަބި ބަހުން، 'އިންޤިލާބީން' ސިފަކޮށްދިނުމަށް ބޭނުން ކުރާ ލަފުޒުވެސް ލިޔެފައިވެއެވެ.
ކްރިސްޓީޒްގެ ވެބްސައިޓްގައި، މެދުއިރުމަތީގެ ކުރެހުންތަކަށް ޚާއްޞަކޮށްފައި ވާ ޞަފްޙާއިންވެސް އައިމަންގެ 2 މަސައްކަތް ވަނީ ނަގާފައެވެ. ނަމަވެސް، އަލިފާން ރޯކޮށްފައި ވާ، ރަތް ދިދަތަކެއް ފެންނަ 3 ވަނަ މަސައްކަތެއް އަދިވެސް ކްރިސްޓީޒްގެ ނީލަމުގައި އެބަ ހުއްޓެވެ.
އައިމަންގެ މަސައްކަތްތައް ނީލަމުން ނެގި ނެގުމާ ބެހޭ ގޮތުން ވާހަކަދައްކަމުން، ކްރިސްޓީޒްގެ ތަރުޖަމާނު ބުނީ، ވިޔަފާރީގެ ނިންމުންތަކަކީ ކްރިސްޓީޒްއާއި ކްރިސްޓީޒްގެ މުރްސިލުން ނުވަތަ ކޮންސައިނަރޒްއާ ދެމެދު، ސިއްރެއްގެ ގޮތުގައި ރައްކާ ކުރެވިފައި އޮންނަ މަޢުލުމާތެއް ކަމަށެވެ.
އެކައްޗެއްވެސް ނުބުނޭ، ކްރިސްޓީޒް ހަމަ އެކައްޗެއްވެސް ނުބުނި. މަސައްކަތުގަ އުޅޭ މީހުންވެސް، ވެރިންވެސް. ކުރެހުންތައް ނެގީ ކީއްވެކަމެއް މިހާތަނަށް ބުނެދީފައެއް ނެތް. ތެދެއް، އެންމެ ފުރަތަމަ ބުނި، ކުރެހުންތައް އުފުލުމުގަ މައްސަލައެއް އުޅޭ ކަމަށް. އެ ނިންމުމަކީ ޑިރެކްޓަރުންގެ ނިންމުމެއް ކަމަށްވެސް ބުނި. އެ މަސައްކަތްތައް ވަރަށް ކަމުދާ ކަމަށާ، އެ ކަން ދިފާޢު ކުރާނެ ކަމަށްވެސް ބުނި.އައިމަން ބަލްބަކީ؛ ލުބްނާންގެ ފަންނުވެރިއެއް
ނީލަމުން އައިމަންގެ މަސައްކަތްތައް ނެގި ކަން އަންގާ، އޭނާއަށް ކްރިސްޓީޒްއިން ފޮނުވި އީ-މެއިލްއެއްގައި ބުނެފައި ވަނީ، އެ ކަން ކޮށްފައި ވަނީ ލިބިފައި ވާ ޝަކުވާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ. އެއީ ކޮން ކަހަލަ ޝަކުވާތަކެއް ކަމެއް، ނުވަތަ ޝަކުވާ ކުރި ފަރާތްތަކުގެ ތަފްޞީލެއްވެސް ނުދެއެވެ.
ފަންނުވެރިންގެ އުފެއްދުންތައް ނީލަމުން ނެގުމަކީ ކްރީސްޓީޒްގެ ޢާންމު ސިޔާސަތުގައިވެސް އޮންނަ ކަމެއް ކަމަށާ، އެކަން އެގޮތަށް ކުރަނީ، މީޑިއާގައި ދައުރުވެދާނެ ނުރަނގަޅު ނުވަތަ ކުންފުންޏަށް ގެއްލުން ދެނިވި ކަމަކުން ދިފާޢުވުމުގެ ގޮތުން ކަމަށެވެ.
ޢުމުރުން 48 އަހަރުގެ ފަންނުވެރިޔާ، ޤަބޫލު ކުރާ ގޮތުގައި، ކްރިސްޓީޒްގެ ނީލަމުން އޭނާގެ މަސައްކަތްތައް ނަގާފައި ވަނީ، އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ގުޅުންހުރި ކަމެއްގެ ސަބަބުންނެވެ.
ލުބްނާންގެ ވެރިރަށް ބެއިރޫތުގައި އޭނާ ދިރިއުޅެމުންދާ ގޭގައި ހުރެ، ވާހަކަދައްކަމުން އައިމަން ބުނީ، ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށްވެސް ހުރަސް އެޅޭ ހިސާބަށް ކަންކަން ދިއުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
ހިތާމަ ހުރި. ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށްވެސް ހުރަސް އެޅޭ ހިސާބަށް ކަންކަން ގޯސްވެގެން ދިޔައިމަ ވަރަށް ދެރަ. މުޖުތަމަޢުގެ އެއް ބަޔަކާއި އަނެއް ބަޔަކާ ދެމެދު މިކަހަލަ ތަފާތު ކުރުންތައް ގެންގުޅޭކަން ވަރަށް ސާފު. ތާރީޚަށް ބެލިޔަސް، މިކަހަލަ ކަންކަން ހިނގާފަ އެބަހުރި، ޤަތުލުޢާންމުތަކާ ގުޅިގެން... ކުރެހުމާއި ނާވިލްތަކުން ޚިޔާލު ފާޅު ކުރަމުން ދާ ދިއުމަށް ހުރަސް އަޅާނަމަ، ނޫނީ، ޘަޤާފީ ގޮތުން ބުރަދަން ހުރި ކަމަކަށް ހުރަސް އަޅާނަމަ، ކަންކަން ބޮއްސުންލައިގެން ދިއުން ވަރަށް އަވަސް ވާނެ. އުންމީދަކީ އެހާ ހިސާބަށް ކަންކަން ގޯސް ނުވުން. މާޒީގަ ކަންކަން ހިނގާފަ އޮތް ގޮތަށް ކަންކަން ޢިޔާދަ ނުވުން އުންމީދަކީ. މާޒީ ތަކުރާރު ނުވެ، ބަދަލެއް ފެނުން އުންމީދަކީ.އައިމަން ބަލްބަކީ؛ ލުބްނާންގެ ފަންނުވެރިއެއް
ފަލަސްޠީނުގެ މުސައްނިފަކަށް އެވޯޑްއެއް ދިނުމަށް ފްރޭންކްފަރޓްގައި މިދިޔަ މަހު ކުރިޔަށް ގެންދަން އޮތް ޙަފުލާއެއްވެސް ފަސްކޮށްފައި ވާ އިރު، އައިމަންގެ މަސައްކަތްތައް ކްރިސްޓީޒްގެ ނީލަމުން ނެގުމަކީވެސް އެފަދަ ކަމެއް ކަމަށް އޭނާ ޤަބޫލު ކުރެއެވެ.
ޔަހޫދީ އިޒްރޭލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ މައްސަލައަށް ޙައްލެއް ނުހޯދި އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައި ވާ އިރު، ޣައްޒާއަށް އަމާޒުކޮށްގެން އޮކްޓޯބަރު 7 ވަނަ ދުވަހު ފެށި ޤަތުލުޢާންމުގައި މިހާތަނަށް 15000 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި 5000 އާ ގާތް ކުރާ ޢަދަދަކަށް ކުޑަކުދިންވެސް ހިމެނެއެވެ. ޣައްޒާއަށް ޢަމާޒުކޮށްގެން އިޒްރޭލުން ހިންގާ ޖަރީމާ، ފަލަސްޠީނުގެ ބޯޑަރުން ބޭރަށްވެސް މިހާރު ވަނީ ބަންޑުންވެފައެވެ. އެފަދަ ޙަމަލާތައް އެންމެ ގިނައިން ޢަމާޒު ވަނީވެސް އެ ޤައުމަކަށް އައިމަން ނިސްބަތްވާ ލުބްނާންއަށެވެ.