ކ. މާލެ
|
7 ނޮވެންބަރ 2023 | އަންގާރަ 18:45
ޕްލޭނިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕްލޭނިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕްލޭނިންގ މިނިސްޓްރީ
ޝަކުވާ ހުށަހަޅާނީ އުސޫލު ބެލުމަށްފަހު، ލިބެންވާ ވަރަށް ޕޮއިންޓް ނުލިބޭނަމަ: ޕްލޭނިންގ މިނިސްޓްރީ
ވަކި މީހަކަށް ފްލެޓް ދީފައެއް ނުވާނެ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭއިރު ޕޮއިންޓް ދޭ އުސޫލު 8 އޭޕްރިލް 2021ގައި ގެޒެޓުކުރި
ގެދޮރުވެރިޔާ ސްކީމުގައި ސަރުކާރަށާއި އިވެލުއޭޓަރުންނަށް، ބޭނުންވާ މީހަކަށް އެންމެ މާކްސްއެއް ދިނުމުގެ ފުރުސަތެއް ނޯވޭ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅާނީ އެމީހަކު ފޯރުކޮށްދީފައިވާ މައުލޫމާތާއި ޕްލޭނިންގ މިނިސްޓްރީގެ އުސޫލުގައިވާ ޕޮއިންޓު ދިމާނުވާނަމަކަމަށް، އެ މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިންގ މިނިސްޓްރީން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު އާރިފް ވިދާޅުވީ، ދާއިމީ ލިސްޓު އިއުލާންކުރުމުން ޕޮއިޓް ލިބުނު ގޮތާމެދު ކަންބޮޑުވުން ފާޅުކުރަމުން ދާކަމަށެވެ. ނަމަވެސް ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ މާލޭގައި އެ ފަރާތްތަކުން ދިރިއުޅޭ މުއްދަތު ހާމަކޮށް ކަމަށާއި، އެއީ ޝަކުވާ ހުށަހެޅޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ކޮންމެ ކަމެއްވެސް ނިންމަނީ ރައްޔިތުންނަށް ވަރަށް ސާފުކޮށް ކިޔައިދެމުންކަން ފާހަގަކުރައްވައި އާރިފް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭއިރު ޕޮއިންޓް ދޭ އުސޫލު 8 އޭޕްރިލް 2021ގައި ގެޒެޓުކޮށް އާއްމުންގެ ޝަކުވާއަށް ހުޅުވާލި ކަމަށެވެ. އަދި އެ އުސޫލަކީ މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި ރިއަލް އެސްޓޭޓް ދާއިރާގައި އުޅޭ ފަރާތްތަކާއި ހައުސިންގ ދާއިރާގެ އެކްސްޕަރޓުންގެ މަޝްވަރާާއެކު އެކުލަވައިލި އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ. ފްލެޓަށް އެދި ހުޅުވާލުމުގެ ކުރިން އުސޫލަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު އެ އުސޫލު ރައްޔިތުން ބަލައިގެންފައި ވާކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ޕްލޭނިންގ މިނިސްޓްރީން ހުޅުވާލީ 2022 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ފޯމު ހުށަހަޅަން 3 މަސް ދުވަސް ދިންއިރު، އެ މުއްދަތުގައި ހުށަހަޅާ ފޯމުތައް ބަލައި، މައްސަލަަ ހުރި މީހުންނަށް ގުޅައި ފޯމުތައް ރަނގަޅުކުރަން މަސައްކަތް ކުރެވުނުކަންވެސް އާރިފް ފާހަގަކުރެއްވިއެވެ. އެގޮތުން، ޖުމްލަ 2 ލައްކަ މިނެޓް، ފޯމު ހުށަހެޅި މީހުންނާ ވާހަކަދެއްކުމަށް މިނިސްޓްރީން ހޭދަކުރި ކަމަށާއި، 2 ލައްކަ އެސްއެމްއެސްއާއިި 2 ލައްކަ އީމެއިލް ފޮނުވުނު ކަމަށްވެސް ވިދާޅުވިއެވެ. އަދި ސުންގަޑި ހަމަވާން ކައިރިވުމުން، އިތުރު މުއްދަތެއް ދިންއިރު އިވެލުއޭޝަންގެ މަސައްކަތް ފެށީ އެއަށްފަހުކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ހިންގާ އެހެން ސްކީމުތަކާ ޚިލާފަށް، ގެދޮރުވެރިޔާ ސްކީމުގައި ސަރުކާރަށްވެސް އަދި އިވެލުއޭޓަރުންނަށް ވެސް އެ މީހަކު ބޭނުންވާ މީހަކަށް އެންމެ މާކްސްއެއް ދިނުމުގެ ފުރުސަތު ނޯންނަކަމަށް އާރިފް ވިދާޅުވިއެވެ. އެ މާކްސްއަކީ ފޯމު ހުށަހަޅާއިރު ލިބިފައިވާ މާކްސް ކަމަށާއި، މާކްސްދެނީ އެ މީހެއްގެ ދިރިއުޅުމުގެ ހާލަތު ބަޔާންކޮށްފައިވާ ގޮތަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މި ހުރިހާ މައުލޫމާތެއް މިހާރުވެސް ފޯމު ހުށަހެޅި ކޮންމެ މީހަކަށްވެސް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް ވިދާޅުވިއެވެ.

ގިނަ ބޭފުޅުންގެ ޝަކުވާގަ މި އޮންނަނީ އަޅުގަނޑު މާލޭގަ ދިރިއުޅޭތާ މިހާ ދުވަސް ވެއްޖެއޭ. މި އޮޅުން އަޅުގަނޑުމެން ސާފުކޮށްދޭން ބޭނުންވޭ. ފެނިވަޑައިގަންނަވާނެ އެ ބޭފުޅަކު ހުށަހެޅުއްވި ފޯމު، އަދި އުސޫލު. އެ އުސޫލުގަ އޮތް އެއްޗަކާ އެ ބޭފުޅާ ވިދާޅުވެފަ އޮތް އެއްޗަކާ ނިސްބަތުން އަޅާ ކިޔައިގެން، ލިބެންޖެހޭ ސްކޯރ އެނގިވަޑައިގަންނަވާނެ. އެ ސްކޯރ ނޫން ސްކޯރއެއް ލިބިފަ އޮވެއްޖިއްޔާ އެއީ ޝަކުވާއަކީ.
ޕްލޭނިންގ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ، މުހައްމަދު އާރިފް

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓު އާއްމުކުރުމުން ދައުލަތުގެ އިސްވެރިންގެ އާއިލާތަކަށް ޖެހިޖެހިގެން ހުޅުމާލެއިން ގޯތި ދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަޑުފެތުރުނުކަން ފާހަގަކުރައްވައި އާރިފް ވިދާޅުވީ، މިފަހަރުވެސް އެހެން ލިސްޓުތަކެއް ދައުރުކުރާ ކަމަށެވެ. އަދި މިހާތަނަށް އެގޮތަށް ބެލި ބެލުމުން އެ ޝަކުވާތައް ސައްހަކަމަށް ބެލެވިފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭ ސަރަހައްދުގައި 600 އަކަފޫޓުގެ ގޯއްޗެއް އޮތް އެއްވެސް މީހަކަށް ނުވަތަ ހިޔާ ފްލެޓު ލިބުނު އެއްވެސް މީހަކަށް ގެދޮރުވެރިން ސްކީމުގެ ދަށުން ފްލެޓު ލިބިފައި ނުވާނެކަމުގެ ޔަގީންކަން އާރިފް ދެއްވިއެވެ.

އާރިފް ވިދާޅުވިގޮތުގައި، 76 މާކްސްއަށްވުރެ މަތިން މާކްސް ލިބުނު މީހުންނަށް ފްލެޓު ދޭން ނިންމީ އެއީ 4000 ފްލެޓަށްވާ އަދަދު ހަމަވަނީ 76 މާކްސް ލިބިފައިވާ ފަރާތްތަކާ ހަމައަށް ކަމަށް ވާތީކަމަށެވެ.

- ކޮމެންޓް