ފައިދާހުރި ކާނާ ކެއުމާއި، ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމުގައި މުޅި ސަރުކާރާއި މުޖުތަމައު ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ހެނދުނު މީރުމާ ހޯލުގައި ބޭއްވި "ރައުންޑް ޓޭބަލް ކޮންސަލްޓޭޝަން އޮން ނިއުޓްރިޝަން އެންޑް ހެލްތީ ލައިފްސްޓައިލް" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފަރުވެރިކޮށްދެއްވައެވެ. "ރައުންޑް ޓޭބަލް ކޮންސަލްޓޭޝަން އޮން ނިއުޓްރިޝަން އެންޑް ހެލްތީ ލައިފްސްޓައިލް" ބައްދަލުވުމަކީ ރާއްޖޭގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނާއި އަދި އަންހެނުން އާދަޔާ ޚިލާފަށް ބަރުދަން އިތުރުވުން ހައްލުކުރުމަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ދެވަނަ ބައްދަލުވުމެވެ. މި ބައްދަލުވުމަކީ ޔުނިސެފާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ނޭޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި، އަދި އަމިއްލަ ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ އެކަމަނާއަށް ތައުލީމީ ދާއިރާއިން ލިބިވަޑައިގެންފައިވާ ތަޖުރިބާއަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އެކަމަނާ ވަނީ ސްކޫލުތަކުގައި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން ތާޖުއްދީން ސްކޫލުން ކުރި ތިން ކަމެއްގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އޭގެ ތެރޭގައި މުޅި ސްކޫލަށް އަމާޒުކޮށްގެން ހަފުތާއަކު އެއްފަހަރު ކަސްރަތު ޕްރޮގްރާމެއް ހިންގެވިކަމަށާއި، ޚިޔާރުކުރެވޭ ދަރިވަރުންގެ ގްރޫޕަކަށް ބޭއްވި ބުއްތަށި ދީގެން ކަސްރަތު ކުރުވާ ހަތަރު އަހަރު ދުވަހުގެ ޕްރޮގްރާމެއް ހިންގިކަމަށާއި، އަދި އިންޓަވަލް ބްރޭކްތަކަށް ދަރިވަރުން ގެންނަ ކާބޯތަކެތީގެ ސަރވޭއެއް ހެދުމަށްފަހު ގެންނަތަކެތީގެ ތެރެއިން ސިއްހަތަށް ފައިދާނުކުރާ ކާބޯތަކެތީގެ ބަދަލުގައި މޭވާއާއި އެހެނިހެން ސިއްހަތަށް ފައިދާހުރި ތަކެތި ބޭނުންކުރުމަށް ބާރު އެޅުން ހިމެނުނުކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވި ގޮތުގައި ދުޅަހެޔޮ ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ވެސް ފަރުވާތެރިވާން ޖެހެއެވެ. އަދި ތިބާ ދޫކޮށްފަ ދާ އެއްޗަކީ އެހެން މީހުންގެ ދިރިއުޅުމަށް ފައިދާކުރާނެ އެއްޗެއްކަމުގައި ހަދަން ޖެހޭ ކަމަށް އެމަކަމަނާ ވިދާޅުވިއެވެ.
"ރައުންޑް ޓޭބަލް ކޮންސަލްޓޭޝަން އޮން ނިއުޓްރިޝަން އެންޑް ހެލްތީ ލައިފްސްޓައިލް"ގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ހަރަކާތްތެރި، ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމެއް އުޅުމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.