އޭދަފުށީ ކަޕުގެ ފައިނަލް ބެލުމަށް ކުރީގެ ކުޅުންތެރިޔާ ސަލްސާ އިބްރާހީމް އާމިރު ދައުވަތު ދިނުމުން އެރަށަށް އެރީ، އެއީ ފުޓްބޯޅައިގައި ރާއްޖޭގެ އެއްވަނަކަން އެނގިހުރެ އެވެ. ރަށަށް ފޭބުމަށްފަހު އަޅުގަނޑު ވެސް ފުރަތަމަ އެހީ އެރަށުގެ އަބްދުލްވާހިދު ކޮބައިތޯ އެވެ؟ މިދަތުރުގައި ވާހިދާއެކު ވަރަށް ގިނަ ވަގުތު ހޭދަކޮށް، އޭނާގެ ކުޅުމުގެ ދުވަސްވަރާއި އެހާރާއި މިހާރުގެ ފުޓްބޯޅައިގެ ހާލަތާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ބަދަލުކުރެވުނެވެ. ހިތްހެޔޮ، ރަހުމަތްތެރި ވާހިދަކީ މައުލޫމާތުގެ ހަޒާނާއެކެވެ.
އިހުގައި ގައުމީ ފުޓްބޯޅަ ޓީމަކީ މާލޭ މީހުންގެ އެއްޗެކެވެ. ފުޓްބޯޅައިގެ މައި ލީގު އޮތީ މާލޭގަ އެވެ. މިހެންވެ ކޮންމެ ކޮންމެ ކުޅުންތެރިއަކަށް ގައުމީ ޓީމުން ޖާގަ ނުލިބޭނެ އެވެ. ގައުމީ ޖާޒީ ލެވޭނީ ދެތިން ކަމެއް ފުރިހަމަވާ މީހަކަށެވެ. އެންމެ ފުރަތަމަ ކަމުވޮށިގެންވާ މާލޭގެ ރަށްވެހީންނާއި އެމީހުންގެ ދަރިންނަށެވެ. ނުފޫޒުގަދަ މީހުންނާއި އާއިލާތަކަށެވެ. ބޮޑުން ރުހޭ މީހުންނަށެވެ.
މިކަން ބަދަލުކޮށްލި މީހަކީ ވާހިދެވެ. 1991 ވަނަ އަހަރުގެ ސާފް ގޭމްސްއިން ރިހިމެޑަލް ހޯދި ޓީމުގެ ޑިފެންސް ލައިނަށް ކޯޗު މިކޮލަސް ޓެމިސްވާރީ އޭނާ "ވައްޓާލީ" ޒުވާން ޑިފެންޑަރުގެ ކިބައިން ރަނގަޅު ގިނަ ކަންތައްތަކެއް ހުރުމުންނެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅެމުންދިޔަ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން ވާހިދާއެކު އަތޮޅުތެރެއަށް ނިސްބަތްވި އެހެން ދެ ކުޅުންތެރިއަކު ވެސް ގައުމީ ސްކޮޑަށް ނެގި އެވެ. އެކަމަކު އެސިސްޓެންޓް ކޯޗު އަބްދުލް ޖަލީލު (އަބްޖީ)ގެ ކަޅި ހުއްޓުނީ ވެސް ވާހިދަށެވެ. އޭނާގެ ކަންފަތުގައި ހިފާފައި އަބްޖީ ބުނީ "ކަލެއަށް ކުޅެވޭނެ" ކަމަށެވެ.
ސާފް ގޭމްސް އަށް ޓީމު ފައިނަލް ކުރުމުގެ ކުރިން ގައުމީ ޓީމު ކޭމްޕްކުރީ އިންޑިޔާގަ އެވެ. ކޯޗު މިކޮލަސް ޓެމިސްވާރީ އަށް ވާހިދާމެދު ކަށަވަރުކަން ލިބުނީ ޓްރިވެންޑްރަމުގައި އިންޑިޔާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ގޯލާރައްޓެހި، އެހާމެ ހަލުވި ފޯވަޑް ބައިޗުން ބުޓިޔާ އޮބަހައްޓާލުމުންނެވެ. ވާހިދަށް ދީފައި އޮތް ޓާސްކަކީ ބުޓިޔާ ގޯލެއް ޖެހިޔަ ނުދިނުމެވެ.
އޭނާ މެޗަށް ފަހު ބުނީ ކަލޭތީ ވަރަށް ކަންތައް ގޮލައެކޭ. އަހަރެން އެކަން ނެގީ ހިތްވަރެއްގެ ގޮތުގައި. އިންޑިޔާ ޓީމުގެ ކޯޗު ވެސް މަށާ ސަލާމްކުރި. ބުނީ ވަރަށް ރަނގަޅޭ. އޭނާ އަށް ވެސް އެނގޭ މަށަކީ ޓީމުގެ ޅަ ގޮލައެއްކަން އޭރުވާހިދު
އެ ދަތުރުގައި ކުޅުނު މެޗެއްގައި ދެ ކޯނަރުން ވާހިދު ދެ ގޯލު ވެސް ޖެހި އެވެ. އޭނާ ބުނީ އެ ދެ ގޯލާއެކު "ކޮންފިޑެންސް ލިބުނު،" ކަމަށާއި ޓީމުގައި ތިބި އިސް ކުޅުންތެރިން ކަމަށްވާ "ކުޑަމޫސަ، ކަލީމްމެންގެ އިތުބާރު މަށަށް ލިބުނީ އެހިސާބުން،" ކަމަށެވެ.
ސާފް ގޭމްސްގެ ކޮންމެ މެޗެއްގައި ވެސް ވާހިދު މޮޅަށް ކުޅުނެވެ. ރާއްޖެ ބަލިވީ ފައިނަލް މެޗުގައި ޕާކިސްތާން އަތުން 2-0އިންނެވެ. ގިނަ ބަޔަކަށް ފެނިފައިނުވާ އެ މެޗުގެ ހަނދާންތައް އާކުރަމުން ވާހިދު ބުނީ ޕާކިސްތާނުން ރާއްޖޭގެ ޑިފެންސް ފަހަތަށް ކުޅެމުންދިޔަ ބޯޅަތައް ދިފާއުކުރަމުންދަނިކޮށް، ރާއްޖެ ކޮޅަށްވަން އެއް ގޯލުގައި އޭނާއަށް ވެސް ގޯހެއް ހެދުނު ކަމަށެވެ. އެކަމަކު ރާއްޖެ ބަލިވީ ފޯވަޑުންނަށް ހުސް އެތައް ފުރުސަތެއްލިބި ގޯލު ވެސް ނުޖެހިގެންނެވެ. އެ ކާމިޔާބީއަށް ފަހު ވާހިދު ރަށަށް އައުމުން މުޅި. ބ. އަތޮޅުން މަރުހަބާކިއެވެ.
ސާފް ގޭމްސް އަށް ފަހު މެޑަލް އަޅުވައިގެން ރަށަށް އައުމުން ވަރަށް ބޮޑަށް ރަށު މީހުން މަރުހަބާ ކިޔައި ހެދި. ފުޓްބޯޅަ ކުޅެގެން އެންމެ އުފާވީ ސާފް ގޭމްސް ފައިނަލަށް ދިޔަ ދުވަހާއި ދެ ވަނަ ޑިވިޝަނުގެ ތަށި (އޭދަފުއްޓަށް) ލިބުނު ދުވަހުވާހިދު
ވެލެންސިއާ އަށް ނުކުޅެވުމުން ހިތާމަކުރަން: ވާހިދު
ވާހިދު ކުޅުނީ އޭނާގެ ރަށް އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއަށެވެ. އެ ޓީމު ރެލިގޭޓްވީ 1992ގަ އެވެ. އެއީ މުސާރަދީގެން ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުވަން ވެލެންސިއާއިން މޮޅު ކުޅުންތެރިން ލައްވައި ސޮއިކުރުވަން ފެށި އަހަރެވެ. ވެލެންސިއާގެ ދައުވަތު ވާހިދަށް ވެސް ލިބުނެވެ. އެކަމަކު އޭދަފުށި ރެލިގޭޓްވުމުން ލިބުނު ހިތްދަތިކަމުގައި އެހެން ޓީމަކަށް ދާހިތްނުވީ އެވެ. ވާހިދު ބުނީ އެހިތާމައިގައި "ފުޓްބޯޅަކުޅެން އެވަގުތަށް ފޫހިވީ،" ކަމަށެވެ.
(ވެލެންސިއާގެ އެއް މުއައްސިސް) ހިޔަލީ އައި ދެ ފަހަރު ކޮންޓްރެކްޓް ހިފައިގެން. މަށަކީ ކުޑަމޫސަމެން، ދޮންބިލެތްމެން ވެލެންސިއާ އަށް ބަދަލުވިއިރު ޕްރޮފެޝަނަލްކޮށް ބޯޅަ ކުޅެން ދާން ފުރުސަތު ލިބުނު މީހެއް. އެކަމަކު މަ ނުދިޔައީ. ފަހުން އެކަމާ ވަރަށް ދެރަވި. އެއީ މަގޭ ވަރަށް ގިނަ ރައްޓެހިގެން ބުނަމުންދިޔަ ތިޔަ ހެދީ ވަރަށް ބޮޑު ގޯހެކޭ. ފަހުން މަށަށް ވެސް އެކަން ވިސްނުނު. އެކަމާ ހިތްހަމަނުޖެހިގެން ހިޔަލީ ވާހަކަ ނުދައްކައިވެސް ހުރި އެތައް ދުވަހެއް ވަންދެންވާހިދު
އޭނާ ސަޕޯޓް ކުރަނީ ވެސް ވެލެންސިއާ އަށެވެ. އެއްކޮށް އުޅުނު ގިނަ ރަހުމަތްތެރިންނަކީ ވެސް ވެލެންސިއާގެ މީހުންނެވެ. އެކަމަކު ކުޅުން ހުއްޓާލައިގެން ހުރުމަށްފަހު 1995 ވަނަ އަހަރު އަލުން ކުޅެން އޭނާ ނުކުތީ ލެގޫންސްގެ ޖާޒީއެވެ.
ފަހުން ވެސް ވެލެންސިއާ އަށް ދާން ޗާންސް ލިބުނު. އެކަމަކު ނުދެވުނީ. އެހެން ހުއްޓާ (ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަހުމަދު) ޝާހިރު އައީ މިރަށަށް އަހަރެން ހޯދަން. އެމީހުން ލެގޫންސް ވަރުގަދަ ކުރަން ކުޅުންތެރިން ހޯދުމުގެ ތެރޭގައި. އޭނާ ބުނީމާ މަށަށް ނުގޮސް ހުންނަން ނުކެރުނީވާހިދު
މޮޅު ޓީމެއް އޮތަސް ލެގޫންސަށް ޓީމެއްގެ ގޮތުގައި ކާމިޔާބުނުހޯދުނީ މެނޭޖްމަންޓާއި ކުޅުންތެރިންގެ މެދުގައި ގުޅުން ނެތުމުން ކަމަށް ވާހިދު ގަބޫލުކުރެ އެވެ.
އޭދަފުށި ރެލިގޭޓްވީ ފެންވަރު ނެތިގެންނޫން
ނިއުރޭޑިއަންޓް ފިޔަވައި ރާއްޖޭގެ ގަދަ ކުލަބުތައް ބަލިކޮށްލި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އަކީ މޮޅު ޓީމެކެވެ. އެއީ އަތޮޅުތެރޭގެ ނަން ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓައިދިން ޓީމެވެ. އެކަމަކު 92 ވަނަ އަހަރު އެ ޓީމު ރެލިގޭޓްވުން ވެގެންދިޔައީ ވާހިދު ފަދަ އެތައް ކުޅުންތެރިންނެއް "ގެއްލިގެން" ދިޔަ ސަބަބަކަށެވެ.
ވާހިދުގެ ނަޒަރުގައި ކ. ހުރާގެ ހުއްރިއްޔާ ސްޕޯޓްސް ކުލަބު އަތުން ބަލިވެ، އޭދަފުށި ރެލިގޭޓްވީ ފެންވަރު ނެތިގެންނޫނެވެ. އެއީ ވާންޖެހޭ ކަމެއްވެސްނޫނެވެ.
ރެލިގޭޓްވީ ދަށްވެގެނެއްނޫން. އެދުވަހު ލަކް ނެތީ. ހުސްކޮށް (ލަންކާ ފޯވަޑް) އަމާނުﷲ އަށް ދެ ބޯޅަ ލިބި ޖެހުނީ ދަނޑީގައި. އެނޫނަސް ހުސްކޮށް ޖަހަން ލިބުނު. އެދުވަހު މޮޅުވާން ނެތީ. ހުރާގެ ޒުވާން ޓީމު އަންޑައެސްޓިމޭޓެއް ނުކުރަން. އެމީހުން އެދުވަހު ލިބުނު ފުރުސަތު ނިންމާލީ. އަލީ ޝިޔާމް ގޯލު ޖެހީ ލިބުނު ޕެނަލްޓީ އަކުންވާހިދު
މިހާރުގެ އުފަލަކީ ޒުވާން ކުޅުންތެރިންނަށް ކޯޗުކޮށްދިނުން:
ވާހިދަކީ އޭދަފުށީގެ ކުޅިވަރުގައި ހާއްސަކޮށް ފުޓްބޯޅައިގައި އަބަދުވެސް ނަގާކިޔާ މީހެކެވެ. ރަށުގެ ކޮންމެ ހިސާބެއްގައި ކޮންމެ ވަގުތަކު ފުޓްބޯޅައިގެ ކަމެއް ކުރަން ޖެހުނަސް އޭނާ ހުންނާނީ ތައްޔާރަށެވެ. އެރަށު ކައުންސިލުން އުފެއްދި ކްލަބް އޭދަފުށީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެވެ. އޭނާގެ ހުރިހާ އުފަލަކީ ޒުވާން ކުޅުންތެރިންނަށް ބުނެދިނުމެވެ. އޭދަފުށީގެ ކުރިމަގުގެ ޖީލަކީ އޭނާ ފަދައިން ގައުމީ ފެންވަރުގައި ވިދާލާނެ ބަޔަކަށް ހެދުމެވެ.
ކުރިން ވިސްނަނީ ބޮޑެތި މީހުންނަށް ކޯޗުކޮށްދޭން. އެކަމަކު މިހާރު އެބައި ދޫކޮށްލައިފައި ބޮޑަށް އިސްކަންދެނީ ޒުވާން ކުދިންނަށް ބުނެދޭނެ. މަށަށް ވިސްނުނީ މިއީކަން ކުރަންވީ ކަމަކީ. ފުޓްބޯޅަ އަކީ މަގޭ ލަވް. އަދި ޒުވާން ކުދިންނަށް ކޯޗުކޮށްދޭން އަހަރެން ވަރަށް ލޯބިކުރަން. ސަބަބަކީ އެމީހުން މޮޅުވި ވަރަކަށް ކުރިމަގުގައި ރަނގަޅު ޓީމެއް ބިނާކުރެވޭނީވާހިދު
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް އުފެއްދި ސޭވް އެފްއޭއެމުގެ ސްޓިއަރިން ކޮމިޓީގައި ވެސް ވާހިދަކީ މުހިންމު، އިސްނަގާ ބޭފުޅެކެވެ. އޭނާގެ ދިރިއުޅުމާއި ފުޓްބޯޅަ ވަނީ ގުޅިލާމެހިފަ އެވެ. ވާހިދު އުއްމީދު ކުރަނީ އޭނާގެ ރަށުގައި ކްރައުން އަހުމަދު ނަޒީރު އަޅައިދިން ޒަމާނީ ފެންވަރުގެ ސްޓޭޑިއަމުން އޭނާ ފަދަ ޒުވާން ހުނަރުވެރި އެތައް ކުޅުންތެރިންނެއް ގައުމީ ސަފަށް ނުކުންނާނެ ކަމަށެވެ. ހަގީގަތުގައި ވެސް ރާއްޖޭގެ ފުޓްބޯޅައިގައި ވާހިދަކީ އަގުހުރި ހިދުމަތްތެރިއެކެވެ. އޭދަފުށީގެ އުދަރެހުން އެރި މި އަލިގަދަ ތަރިއަކީ ރާއްޖޭގެ ގައުމީ ޓީމާ ހަމައަށް އަތޮޅުތެރޭގެ ކުޅުންތެރިން ވާސިލްވުމުގެ ވަރުގަދަ ފެށުމެވެ. އޭނާ އަކީ ދިވެހި ފުޓްބޯޅައިގެ ތާރީހު ބަދަލުކޮށްލި، އަގުވަޒަންކުރަންޖެހޭ ވަރުގެ ލެޖެންޑެކެވެ. މިއަދާއި މާދަމާގެ ޖީލަށް އުއްމީދުގެ ދަންމަރު ދިއްލައިދިން ފަހުރުވެރި ކުޅުންތެރިޔާ އެވެ.