ކ. މާލެ
|
3 ނޮވެންބަރ 2023 | ހުކުރު 19:00
ޣައްޒާގެ މަގުގައި ކުޑަކުއްޖެއް ހުއްޓިލައިގެން
ޣައްޒާގެ މަގުގައި ކުޑަކުއްޖެއް ހުއްޓިލައިގެން
ފަލަސްތީނުގެ ހާލަތު
އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައި އެންމެ ބޮޑު އަގެއް އަދާ ކުރަނީ ކޮން ބައެއްކަން ދެނަ ހުރީމުތަ؟
3500 އަށް ވުރެ ގިނަ ކުޑަ ކުދިން މަރުވެއްޖެ
6800 އަށްވުރެ ގިނަ ކުދިންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިއްޖެ

ފަލަސްޠީނުގެ ފުރަތަމަ އިންތިފާޟާއަށް ފަހު، ޝައިޚު އަހުމަދު ޔާސީންގެ މޭސްތިރިކަމުގެ ދަށުން ރަސްމީ ސިފައެއްގައި، 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވުޖޫދު ކުރި ޙަރަކާތުލް މުޤަވާމާ އަލްއިސްލާމިއްޔާ ނުވަތަ ޙަމާސް ޖަމާޢަތަކީ، އަދާ ޖެހުނު އިރު ވެސް، ފަލަސްޠީނުގެ މިނިވަން ކަމަށް ވަކާލާތު ކުރާ އެންމެ ވަރުގަދަ އެއް ޖަމާޢަތެވެ. މުޅި ދުނިޔެއަށް އަތްގަދަ ކުރަމުން ދާ ބޮޑެތި ބާރުތަކުން، އެއީ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައި ކަނޑައަޅާ، އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަމުން ދިޔައެއް ކަމަކު، ޙަމާސް ޖަމާޢަތުގެ ރޫޙާއި މަޤްޞަދަށް ކުޑަ ނަމަވެސް ހީނަރު ކަމެއް ނާދެއެވެ. ވިއްޔާ ވަނީ ވަރުގަދައެވެ.

2007 ވަނަ އަހަރު ފަލަސްޠީނުގައި ހިންގި ދާޚިލީ ހަމަނުޖެހުންތަކަށް ފަހު، ޣައްޒާގެ ކޮންޓްރޯލް ނަގައިގެން އޮތް ޙަމާސް ޖަމާޢަތުން ދަނީ، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުގެ އަތުން އުފަން ފަސްގަނޑު މިންޖު ކުރުމަށް ދޭތެރެ ދޭތެރެއިން ޙަމަލާތައް ވަރުގަދަ ކުރަމުންނެވެ. ހުސްވި އޮކްޓޯބަރު މަސް ފެށިގެން ދިޔައީވެސް އެފަދަ ޙަމަލާތަކަކާއެކުގައެވެ. އިސްރާއީލުން ބުނާ ގޮތުގައި ޙަމާސްގެ ޙަމަލާ އަމާޒު ކުރީ އިންޒާރަކާ ނުލައެވެ. ނަމަވެސް އަސްކަރީ ޖާސޫސުންގެ ރޭހުގެ އެންމެ ކުރީގައި އޮތް އިސްރާއީލަށް، ޙަމާސްގެ ޙަމަލާ ސިއްރު ވެފައި އޮވެދާނެ ކަމާ މެދު ސުވާލު އުފެދެއެވެ.

ޙަމާސްއިން ދިން ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، އެ ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށް ރަސްމީކޮށް ހަނގުރާމަ ޢިއުލާން ކޮށް، އޮކްޓޯބަރު 7 ވަނަ ދުވަހުން ފަށައިގެން ޔަހޫދީން ދެމުން ގެންދާ ޙަމަލާތަކުގައި ފަލަސްޠީނުން ގެއްލިދިޔަ ފުރާނައިގެ ޢަދަދު، 9000 އިން މައްޗަށް ވަނީ އަރާފައެވެ. ވަކި މީހެއް، ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެން ބެލުމެއް ނެތި އިސްރާއީލުން ދެމުންދާ ޙަމަލާތަކުގައި މުޅި ޣައްޒާ ހަފުސްވެއްޖެއެވެ. 2.3 މިލިއަން މީހުންގެ އާބާދީއަކުން 1.4 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެއެވެ. އެތައް ހާސް ބަޔަކު ޒަޚަމްވެއްޖެއެވެ. އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ ޛަރޫރީ އަދި އަސާސީ ޙައްޤުތަކުން މަޙްރޫމުވެއްޖެއެވެ. މިއަށް ޤަތުލުޢާންމު ނޫން ދެން ވަކި ކިޔާނެ އިތުރު ނަމެއް ދަންނަވާކަށް ނޭނގެއެވެ.

އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުގައި އެންމެ ބޮޑު އަގެއް އަދާ ކުރަމުން ދާ ބަޔަކީ ޣައްޒާގެ ކުޑަ ކުދިން ކަމާ މެދު ދެބަސްވާނެ ޖާގައެއް ނެތެވެ. ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ބުދަ ދުވަހު ހާމަ ކުރި ގޮތުގައި، އިސްރާއީލުން ދެމުންދާ ޙަމަލާތަކުގެ ޝިކާރައަކަށްވެ، ޣައްޒާއިން މަރުވި ކުދިންގެ ޢަދަދު ވަނީ 3500 އަށް ވުރެ މައްޗަށް އަރާފައެވެ. ޤަތުލުޢާންމު ހިންގަން ފެށުމުގެ ކުރިންވެސް ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ތަންފީޒު ކުރަމުންދާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ މައްޗަށް، ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް ވަރުގަދަކޮށް، މުޅި ދުނިޔެއާއި ޣައްޒާއާ ދެމެދު އޮތް ގުޅުން ކަނޑާލާފައި ވަނީވެސް، ލާއިންސާނީ ޖަރީމާތައް އިތުރު ކުރުން ނޫން ދެވަނަ އެހެން ކޮން މަޤްޞަދެއްގައިތޯއެވެ؟

މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ޔުނިސެފްގެ ކޮމިއުނިކޭޝަންސް އޮފިސަރ، ސަލީމް އުވައިސް ދެއްވި ވީޑިއޯ އިންޓަރވިއުއެއްގައި ވިދާޅުވީ، ހިންގަމުންދާ ހަމަނުޖެހުންތަކުގެ އެންމެ ބޮޑު ތަކުލީފެއް އުފުލަމުން ދާ ބަޔަކީ ކުޑަކުދިން ކަމަށެވެ. އެތައް ހާސް ކުދިންނެއް މަރުވެ، އެއަށް ވުރެ ގިނަ ކުދިން ޒަޚަމްވި ވާހަކަދައްކާ އިރު، އެއީ ހަމަ އެކަނި ނަމްބަރުތަކެއްގެ ގޮތުގައި ރިޢާޔަތް ކުރެވެން ނެތް ކަމަށް އުވައިސް ސިފަ ކުރެއްވިއެވެ.

ޙަޤީޤަތުގައިވެސް މި ހަމަނުޖެހުންތަކުގެ އެންމެ ބޮޑު އަގެއް އަދާ ކުރަމުން ދާ ބަޔަކީ ކުޑަ ކުދިން. މިހާތަނަށް އެކަނިވެސް 3500 އަށް ވުރެ ގިނަ ކުޑަ ކުދިން މަރުވެއްޖެ. 6800 އަށްވުރެ ގިނަ ކުދިންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިއްޖެ. މީ ހަމައެކަނި ނަމްބަރުތަކެއްގެ ގޮތުގައި ދެކި، ދޫކޮށްލެވޭކަށް ނެތް. މިދައްކަނީ ކުޑަކުދިންތަކެއްގެ ވާހަކަ. ހުވަފެންތަކެއް ފުނޑުފުނޑު ކޮށްލެވުނު ކުދިންތަކެއްގެ ވާހަކަ. އެ ބައެއްގެ އަތުން މުސްތަޤުބަލު ނިގުޅައިގަނެވިފައިވާ ކުދިންތަކެއްގެ ވާހަކަ. އެފަދަ އެތައް ހާސް ކުދިންނެއް މަރާލުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކެވިގެން ނުވާނެ
ސަލީމް އުވައިސް؛ ޔުނިސެފްގެ ކޮމިއުނިކޭޝަންސް އޮފިސަރެއް

ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ އިތުރަށް، ޣައްޒާގެ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދުވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުން ސަމާލުވާން ވެއްޖެ ކަމަށްވިދާޅުވެ އުވައިސް ވަނީ އިންޒާރު ދެއްވާފައެވެ. ޣައްޒާގެ ކުޑަކުދިން މިއަދު އެ ތަހައްމަލު ކުރަމުން ދާ ވޭނަކީ، ޢުމުރު ދުވަހަށްވެސް އެ ޒަޚަމްތަކުގެ އަސަރު ދެމި ހުންނާނެ ފަދަ ވޭނެއް ކަމަށް އުވައިސް ވިދާޅުވިއެވެ.

މި ދައްކަނީ، ފަޅި ސިކުންތެއްގެ ތެރޭގަ، ލޯ ކުރިމަތީގަ، މައިންބަފައިންނާއި، ޢާއިލާ މެންބަރުންނާއި، ދައްތަމެންނާއި، ބޭބެމެންނާއި، ކޮއްކޮމެން މަރާލާ، ދިރިއުޅުނު ގެވެސް ބިމާހަމަކޮށްލާ މަންޒަރު ފެންނަމުންދާ ކުޑަކުދިންތަކެއްގެ ވާހަކަ. އެމީހުން ދިރިއުޅެމުން ދިޔަ އަވަށް ހުރި ގޮތަށް ނެތިކޮށްލާ މަންޒަރު ލޮލުން ދެކި، އަތުން ހިފަމުންދާ ކުދިންތަކެއް. މީ އެކުދިންގެ ޖަޒުބާތުތަކަށް ފުން އަސަރެއް ކުރުވާ ކަންކަން. ނަފްސާނީ ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރު ފޯރާ ކަމެއް. މި ޒަޚަމްތަކުގެ ލަކުނު، މުޅި ޢުމުރަށް ދެމިގެންދާނެ. އެކުދިންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން މުހިންމު. ސުލްޙަ ޤާއިމު ކުރެވިފައި ނެތް އިރު، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ އިންސާނިއްޔަތު ކަމުގެ ޤާނޫނުތަކަށް އިޚުތިރާމްކޮށް، ކުޑަކުދިން ޙިމާޔަތްކޮށް، އެ ކުދިން އެތަންތަނަށް ބަރޯސާވެގެން ތިބި، މަދަނީ ޢުމްރާނީ ބިނާވެށި ރައްކާތެރިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް
ސަލީމް އުވައިސް؛ ޔުނިސެފްގެ ކޮމިއުނިކޭޝަންސް އޮފިސަރެއް

ޛަރޫރީ ހުރިހާ ޚިދުމަތަކުން ޣައްޒާގެ ރަށްވެހިން މަޚްރޫމު ކޮށްފައި ވާ އިރު، ތަޣައްޔަރު ވެފައި ވާ ފެނާއި، ލޮނު ފެން، ކުޑަކުދިންނަށް ދިނުމަށް ޢާއިލާތަކަށް މިއަދު މަޖުބޫރުވެފައި ވާ ކަންވެސް ޔުނިސެފްގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

ޣައްޒާއަށް އެހީގެ ގާފިލާ ވައްދާލީމަ، އެ ހިސާބުން އަދި އެ ނިމުނީއެއް ނޫން. ކުދިންގެ ބޭނުންތަކެއް އެވަރުން ފުދޭކަށް ނެތް. މާ ސިންގާ ކަނޑަކަށް ބަލާނަމަ، އެއީ ހަމަ އެންމެ ފެންތިއްކެއްގެ މިންވަރު. ޣައްޒާގެ ކުދިންނަށް މިހާރުން މިހާރަށްވެސް ބޭނުންވާ ގިނަ އެހީތަކެއް އެބަ ހުރި. އެކުދިންގެ ޢާއިލާތަކަށްވެސް ވަނީ އެހީތެރިކަން ބޭނުން ވެފަ. އެންމެ ބޮޑު ކަމަކީ ސާފު ފެން ލިބުން އިންތިހާއަށް ދަތިވުން. ތަޣައްޔަރު ވެފައި ވާ ފެނާއި، މޫދު ލޮނުވެސް ކުޑަކުދިންނަށް ދިނުން ނޫން އެހެން ގޮތެއް މިއަދު ޣައްޒާގެ ބައެއް ޢާއިލާތަކަކަށް ނެތް.
ސަލީމް އުވައިސް؛ ޔުނިސެފްގެ ކޮމިއުނިކޭޝަންސް އޮފިސަރެއް

ޣައްޒާގެ ކުޑަކުދިންގެ އަޑު އަހާލުމުން އެކަނިވެސް، އުވައިސްގެ ވާހަކަތަކަކުގެ ޙަޤީޤީ މަންޒަރު ކޮންމެވެސް ވަރަކަށް ސިފަ ކުރެވެއެވެ. ނަމަވެސް ޣައްޒާގެ ރަށްވެހިން މިއަދު އުޅެމުން އެދާ ޙާލު، އަޅުގަނޑުމެންނަށް އިޙްސާސްވެސް ކޮށް ނުލެވޭނެއެވެ.

ވައިގެ މަގުން ދެމުން ދިޔަ ޙަމަލާތަކުގެ އިތުރަށް އިސްރާއީލުން މިހާރު ދަނީ އެއްގަމު މަގުންވެސް ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ. ޙަމަލާ ދިނުމުގައި އެޔެއް މިޔެއް ނުބަލައެވެ. އެންމެ ފަހުން، ނޮވެމްބަރ 2 ވަނަ ދުވަހުގެ ޙަމަލާތައްވެސް އަމާޒު ކުރީ ޖަބާލިއާ ރެފިއުޖީ ކޭމްޕަށެވެ. ފަލަސްޠީނުގެ ރެއިފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިއުއޭ) އިން ހިންގާ އަބޫ ޙުސައިން ސްކޫލަށްވެސް ޙަމަލާ ދިނީއެވެ. އެއީ ގެދޮރު ގެއްލިފައި ވާ އެތައް ބަޔަކު މިއަދު ރެފިއުޖީންގެ ގޮތުގައި ވަގުތީ ހިޔާވަހިކަން ހޯދަމުންދާ މަރުކަޒެވެ.

މިއީ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށްގެން އިސްރާއީރޭލުން ޢުދުވާނީ ޙަމަލާތައް ދެމުންދާތާ ވިދިވިދިގެން 3 ވަނަ ދުވަހެވެ. ޖަބާލިޔާ ރެފިއުޖީ ކޭމްޕުގެ ރަށްވެހިންގެ ތެރޭގައި، 1948 ވަނަ އަހަރު އިސްރާއީލުން ކުރި ހަނގުރާމައިގައި ގެދޮރު ގެއްލުނު ފަލަސްޠީނުގެ ރައްޔިތުން އެބަތިއްބެވެ.

ޙަމާސް ޖަމާޢަތް ނެތިކޮށްލުމަށް ކަމަށް ބުނެ އިސްރާއީލުން ދެމުންދާ ޙަމަލާތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ޢަމަލީ ގޮތުން ފިޔަވަޅެއް އެޅުނު އެއްވެސް ޤައުމެއް ނުވަތަ އިދާރާއެއްވެސް އަދި ނެތެވެ. ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، އެ ޤައުމުގެ ސަރަޙައްދުތަކެއް ހިފުމަށް ކުރަމުންދާ ހަނގުރާމައަށް 2 އަހަރު ވާން ދާ އިރު، މަރުވި މީހުންގެ ޢަދަދު 9000 އަށް އަރައެވެ. ޣައްޒާއަށް އަމާޒުކޮށްގެން އިސްރާއީލުން ދެމުންދާ ޙަމަލާތަކަށް މަހެއް ނުވެ އުޅެނިކޮށް، މަރުވި މީހުންގެ ޢަދަދު 9000 އިން މައްޗަށް އަރައިފިއެވެ. ރަޝިއާއާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ހަލުވި ދުވެލީގައި ދަތި ކުރުމުގެ ފިޔަވަޅުތައް އެޅި މަންޒަރު އަޅުގަނޑުމެން އެންމެން ދެކެފީމުއެވެ. އިޒްރޭލުގެ ޔަހޫދީންނާ ދެކޮޅަށް، އެފަދަ ފިޔަވަޅުތަކެއް ނޭޅިގެން އުޅެނީ ކޮން ސަބަބަކާ ހެދި ތޯ، މިއީ ކޮންމެ މީހަކުވެސް ސުވާލުކޮށް، ޖަވާބު ހޯދަން ޖެހިފައި އޮތް ކަމެކެވެ. ޙައްލެއް ހޯދައި ދޭން ޖެހޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް