ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 09:32
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ރާއްޖެއެމްވީ
ރަސްމީ ރިޒަރވް
2024 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒަރވް ހުންނާނީ 605 މިލިއަން ޑޮލަރުގައި
2023 ވަނަ އަހަރުގެ ނިޔަލަށް ކަރަންޓް އެކައުންޓް ޑެފިސިޓް ހުންނާނީ 1.5 ބިލިއަން އެމެރިކާ ޑޮލަރުގައި
2023 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒަރވް 618.4 މިލިއަން އެމެރިކާ ޑޮލަރަށް ދަށަށްދާނެ
2024 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭނެކަމަށް އަންދާޒާކުރެވެނީ 4.6 ބިލިއަން އެމެރިކާ ޑޮލަރު

2024 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒަރވް ހުންނާނީ 605 މިލިއަން ޑޮލަރުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބުނެފައިވަނީ 2022 ވަނަ އަހަރު ނިމުނު އިރު ރަސްމީ ރިޒަރވް 832.1 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު 2023 ވަނަ އަހަރުގެ ނިޔަލަށް 618.4 މިލިއަން އެމެރިކާ ޑޮލަރަށް ދަށަށްދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ތެޔޮ އިމްޕޯޓްކުރުމަށް ކުރަންޖެހޭ ހޭދަ އިތުރުވެފައިވާތީ ރިޒަރވަށް ކޮށްފައިވާ ނޭދެވޭ އަސަރެއް ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

އަދި 2014 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒަރވް ހުންނާނެކަމަށް އަންދާޒާ ކުރެވެނީ 605.7 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

ބަޖެޓުގައި ބުނެފައިވަނީ 26 އޮކްޓޯބަރު 2023 ގެ ނިޔަލަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި އެމްއެމްއޭއިން ތައްޔާރުކޮށްފައިވާ ބެލެންސް އޮފް ޕޭމަންޓްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 1 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ ޖީޑީޕީގެ ނިސްބަތުން 16.3 އިންސައްތައިގައި ހުރުމަށްފަހު 2023 ވަނަ އަހަރުގެ ނިޔަލަށް ކަރަންޓް އެކައުންޓް ޑެފިސިޓް ހުންނާނީ 1.5 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ ޖީޑީޕީގެ ނިސްބަތުން 22.4 އިންސައްތައިގައި ކަމަށެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު މި އަދަދު 1.39 ބިލިއަން އެމެރިކާ ޑޮލަރަށް ނުވަތަ ޖީޑީޕީގެ ނިސްބަތުން 18.8 އިންސައްތައަށް އަރާނެކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.

ބަޖެޓުގައި ބުނެފައިވަނީ 2023 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް ދަށަށްދާން މެދުވެރިވި މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތުން މި އަހަރަށް ލިބޭނެކަމަށް އަންދާޒާ ކުރެވޭ މިންވަރު 2022 ވަަނަ އަހަރާ އަޅާ ބަލާއިރު ދަށަށް ދިއުންކަމަށް ބުނެފައިވެއެވެ. މި ދަށްވުމަށް މައިގަނޑު ގޮތެއްގައި ހިއްސާކުރަނީ މިއަހަރު ފެށުނު އިރު ޓީޖީއެސްޓީ ރޭޓުތައް މަތިކޮށްފައިވާތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މި ދާއިރާއިން ލިބުނު އާމްދަނީ އިތުރުވެފައިވާތީއެވެ.

އެގޮތުން 2022 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން 4.49 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ނިޔަލަށް މި ދާއިރާއިން ލިބޭނެކަމަށް ބެލެވެނީ 4.19 ބިލިއަން އެމެރިކާ ޑޮލަރެވެ. އަދި 2024 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭނެކަމަށް އަންދާޒާކުރެވެނީ 4.6 ބިލިއަން އެމެރިކާ ޑޮލަރެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ދިވެހިރާއްޖެއިން ބޭރުން ހޯދާ ހިދުމަތްތަކަށް 1.63 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެކަމަށް ބެލެވިފައިވެއެވެ. އަދި 2024 ވަނަ އަހަރު މި އަދަދު 1.67 ބިލިއަން އެމެރިކާ ޑޮލަރަށް މައްޗަށް ދާނެކަމަށް ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން މުދަލުގެ އިމްޕޯޓް-އެކްސްޕޯޓުގެ ތަފްސީލަށް ބަލާއިރު، 2022 ވަނަ އަހަރު 3.31 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު 2023 ވަނަ އަހަރުގެ ނިޔަލަށް 3.37 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ އިމްޕޯޓްކުރެވޭނެ ކަމަަށް އަންދާޒާކޮށްފައިވެއެވެ. ބަޖެޓުގައި ބުނެފައިވަނީ މިއީ 2022 ވަނަ އަހަރާ އަޅާ ބަލާއިރު 1.9 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ.

އަދި 2024 ވަނަ އަހަރު 3.54 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ އިމްޕޯޓްކުރެވޭނެ ކަމަށް ލަފާކޮށްފައިވާ އިރު، މިއީ 2024 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި އަގުތަށް ދަށަށްދާނެ ކަމަށް ބެލެވުނަށް، އިމްޕޯޓްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ މިންވަރު ނިސްބަތުން އިތުރުވާނެކަމަށް ބެލެވޭ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

- ކޮމެންޓް