ކ. މާލެ
|
1 ނޮވެންބަރ 2023 | ބުދަ 21:35
އޭސީސީގެ ރައީސް އާދަމް ޝާމިލް
އޭސީސީގެ ރައީސް އާދަމް ޝާމިލް
ރާއްޖެއެމްވީ
އޭސީސީ
ބައެއް މަސައްކަތްތައް ހުއްޓުވަނީ އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެތީ: އޭސީސީ
ބައެއް މަސައްކަތްތައް ހުއްޓުވަނީ އެކަންކަމާ ގުޅިގެން ހުށަހެޅޭ މައްސަލަތަކާގުޅޭ ތަހުގީގުތައް ކުރިއަށްގެންދާތީ
އިދާރީ ހިންގުންފަދަ އެއްވެސް ކަމެއް ހުއްޓާލުމަށް އަންގާފައި ނުވާނެ ކަމަށް ބުނޭ

ދައުލަތުގެ އިދާރާތަކުާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ބައެއް ކަންކަން ހުއްޓުވަނީ އޭގެ ސަބަބުން އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެތީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް ހުއްޓުވަނީ އެކަންކަމާ ގުޅިގެން ހުށަހެޅޭ މައްސަލަތަކާގުޅޭ ތަހުގީގުތައް ކުރިއަށްގެންދާތީ ކަމަށެވެ. އަދި އެފަދަކަންކަން ހުއްޓުވަނީ އެ ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ތުހުމަތުތަކަށް ބަލާއިރ،ު އެކަންކަން ނުހުއްޓުވައިފިނަމަ ދައުލަތާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭފަދަ ގެއްލުން ލިބިދާނެކަމުގެ އިހުތިމާލު އޮންނާތީ ކަމަށް ބުންޏެވެ.

މިގޮތަށް އަންގާ އެންގުމަކީ ވަގުތީގޮތުން އަންގާ އެންގުންތަކެއްކަން ފާހަގަކޮށް އޭސީސީން ބުނީ އެ ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެފަދަ އެންގުމަކަށް ބަދަލުގެންނަން ޖެހޭނަމަ އެ ބަދަލެއް ގެނެސް، އެ އެންގުމެއް ރައްދުވާ ފަރާތަށް އަންގާނެ ކަމަށެވެ.

ވަކިކަމެއް ވަގުތީގޮތުން މަޑުޖައްސާލުމަށް އިދާރާތަކަށް އެންގިނަމަވެސް އެ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުންފަދަ އެއްވެސް ކަމެއް ހުއްޓާލުމަށް އަންގާފައި ނުވާނެ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުންޏެވެ. އަދި އެ ކޮމިޝަނުން ވަކި ކަމެއް މަޑުޖައްސާލުމަށް އަންގާ މައްސަލަތަކުގެ ތަހުގީގުތައް ވީހާވެސް އަވަހަށް ނިންމުމަށް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކުރަމުންގެންދާކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން ވަނީ އިންތިގާލީ މަރުހަލާގެ ތެރޭގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން ކުރިއަށްގެންދާ މަސައްކަތްތަކެއް ހުއްޓާލުމަށް އަންގާފައެވެ. މީގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނާއި އަރބަންކޯ ހިމެނެއެވެ. އަދި ފުލުހުންގެ ބޯހިޔާވަހިކަމަށް އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ކޮމާޝަލް ބޭނުމަށް ދޫކުރާ ޔުނިޓުތައް ކުއްޔަށް ދޫކުރުން ވެސް ހުއްޓާލުމަށް އޭސީސީން ވަނީ އަންގާފައެވެ.

- ކޮމެންޓް