އަހުމަދާއި ސަވާރު، އެ މީހުންގެ މުޅި ޢުމުރު ހޭދަ ކުރީ އޮކްޓޯބަރު 19 ވަނަ ދުވަހަށް ކުރި ފޮނި އިންތިޒާރުގެ ތެރޭގައޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ފާއިތުވެދިޔަ ދެތިން މަސްދުވަހަކީ އަހުމަދާއި ސަވާރުގެ ޙަޔާތަށް އައި އެންމެ އުފާވެރި ދުވަސްތައް ކަމަށްވެސް ބުނެވިދާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ.
ދެ މީހުންވެސް ތައްޔާރު ވަމުން ދިޔައީ ޢުމުރު ދުވަހު އެކުގައި އުޅުމަށްޓަކައި ކައިވެނީގެ ގޮށް ޖަހާލުމަށެވެ. އޮކްޓޯބަރު 19 ވަނަ ދުވަހަކީ 2 ޢާއިލާއަށްވެސް އަންނާނެ އެންމެ އުފާވެރި ދުވަސް ކަމަށް 2 ލޯބިވެރިންވެސް ދިޔައީ އުންމީދު ކުރަމުންނެވެ. ދެމަފިރިންގެ ގޮތުގައި ދިރިއުޅުމުގެ މައިދާނަށް ނުކުމެ، އަމިއްލަ ޢާއިލާއެއް ބިނާ ކުރުމުގެ ބިންގާ އެޅިގެންދާނެ ދުވަހަށް ވާތީއެވެ.
މަށަކީ 30 އަހަރުގެ ޒުވާން، ފިރިހެނެއް. ކެތްތެރިކަމާއެކީ އިންތިޒާރު ކުރަމުން އައީ ކައިވެނި ކުރާނެ ދުވަހަކަށް. 19 އޮކްޓޯބަރު ބަދަލުވެގެން އެ ދިޔައީ، އުފާވެރިކަމުން މުޞީބާތުން ފުރިގެންވި ހިތްދަތިކަމަށް. ވީރާނާކަމާއި ދިރުމެއް ނެތް ފުރާނަނެތް މަރުގެ ޞަފުޙާއަކަށް. ގެތައް ވެއްޓެމުން ދިޔައީ އިންސާނުންގެ ބޯމައްޗަށް. އަހަރެންގެ އަނބިމީހާގެ މަޤާމަށް އަންނަން އިން ސަވާރާއި އޭނާގެ ޢާއިލާގެ ގެދޮރުވެސް ގެއްލުނީ. އެމީހުން ދަންނަ އެތައް ޢާއިލާއެއްގެ ގެދޮރު ގެއްލުނީ.އަހުމަދު ސާފީ؛ ޣައްޒާގެ ރަށްވެއްސެއް
ސަވާރުގެ ހިތުގައިވެސް ޖަހަމުން ދިޔައީ އެފަދަ ހިތްދަތި ވިންދެކެވެ.
19 އޮކްޓޯބަރަކީ އަހަރެންގެ ޙަޔާތަށް އަންނަ އެންމެ އުފާވެރި ދުވަހަށް ވާން އޮތީ. އަހަރެންގެ ކައިވެންޏަކީ، މި ޢާއިލާގެ ފުރަތަމަ ކައިވެނި. އެކަމަކު، އެ ދުވަސް އެ ވީ، ހިތްދަތި، ހިތާމަވެރި ދުވަހަކަށް. ޤަޠުލުއާއްމުތަކާއި، ވައިގެ ޙަމަލާތައް... ކައިވެނީގެ ގޮށް ޖަހާލެވުމުގެ އުފަލާއި ލައްޒަތުގެ ފޮނިމީރުކަން ތަޖުރިބާކޮށްލުމުގެ ނަޞީބެއް އަހަރަމެންނަކަށް ނުލިބުނު.ސަވާރު؛ ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ޣައްޒާގެ ޒުވާނެއް
އެއީ އޮކްޓޯބަރު މަހަށް ފެށި ފަހުން ކިރިޔާ ހަފުތާއެއް ހަމަވި ދުވަހެވެ. މުސްލިމުންގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުން، ފަލަސްޠީނުގެ ޣައްޒާއަށް ވަރުގަދަ ޢުދުވާނީ ޙަމަލާތައް ދޭން ފެށިއެވެ. ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ހަމާސް ޖަމާޢަތް ނެތިކޮށްލާނެ ކަމުގެ ވަރުގަދަ އިންޒާރާއެކު ޙަމަލާތައް ދެމުން ދަނީ އެޔެއް މިޔެއް ބެލުމެއް ނެތިއެވެ.
އިޒްރޭލުގެ ޙަމަލާތައް ފަށައިފިކަން ރެޔަކާލި ހިސާބުން، ޢުމުރުން 30 އަހަރުގެ އަހުމަދުގެ ހަތަރު އުދަރެސް ފެނުޖެހުނު ފަދައެވެ. ވަމުން ދަނީ ކިހާ ވަރެއްގެ ކަމެއްކަން އެނގުމާއެކު، އެ ޒުވާނާގެ ހިތް ކުދިކުދިވިއެވެ.
އަހަރަމެންގެ ކައިވެނި ޙަފުލާ ބާއްވަން އޮތީ އޮކްޓޯބަރު 19 ގައި. ދަޢުވަތު ކާޑުގަވެސް މިއޮތީއެއްނު. ކައިވެންޏަށް ދުވަސްކޮޅެއް އޮއްވަ ޙަމަލާތައް ފެށީ. ގެދޮރު ގެއްލުނު އެތައް ބަޔަކު ދެކުނަށް ބަދަލުވި. އެހާ ހިސާބުން، މި ކައިވެނި ޙަފުލާގެ މާ ބޮޑު ބޭނުމެއް ނެތެއްނު. ކައިވެނި ކުރެވޭކަށް ނެތް، އަހަރަމެންގެ ގެދޮރެއް ނެތް، މުޅި ދުނިޔެ ހުއްޓިއްޖެ. އަހަރެން ކަހަލަ އެތައް ޒުވާނުނެއްގެ ދިރިއުޅުމުން އުފާވެރިކަން ފޭރިގަނެގެން އެ ޔަހޫދީން އެ ތިބެނީއަހުމަދު ސާފީ؛ ޣައްޒާގެ ރަށްވެއްސެއް
އަހުމަދު ނިސްބަތްވަނީ ހުރިހާ ކޮޅަކުން ބައްދާލާފައި އޮތް ޣައްޒާގެ ދެކުނުގެ ސަރަޙައްދުގައި އޮންނަ ޚާން ޔޫނިސްއަށެވެ. ޔަހޫދީންގެ ރަޙުމެއް ނެތް ޢުދުވާންތައް ފެށުމާއެކު އަހުމަދު އަވަސްވެގަތީ، އޭނާގެ ދެލޯނޭދި އެދޭ ސަވާރުއާއި އޭނާގެ ޢާއިލާއަށް ރައްކާތެރިކަން ހޯދައިދިނުމަށެވެ. ސަވާރުއާއި އޭނާގެ ޢާއިލާ ދިރިއުޅެމުން ދަނީ ޣައްޒާގެ އަނެއް ކޮޅުގައެވެ. އުތުރު ކޮޅުގައި އޮންނަ ބައިތު ލަހާއިއާގައެވެ. ސަވާރުއާއި އޭނާގެ ޢާއިލާ ބަލައި، ކާރުތައް ފޮނުވީވެސް ޚުދު އަހުމަދުއެވެ.
ޙަމަލާތައް ފެށިތަނާހެން އަހަރެން ގުޅައިފިން ސަވާރަށް. އުތުރުގަ ތިބި ތިމާގެ މީހުންނަށް ގުޅައިގެން މިކޮޅަށް ގެނައީ. އަހަރެންގެ އެއްބަނޑުއެއްބަފާ ކުދިންކޮޅުވެސް ގެނައީ. އޭރު އަހަންނަށް އަމިއްލަ ނަފުސު ކޮންޓްރޯލްވެސް ނުކުރެވޭ. ހަމަ ރޮވެނީ. އުތުރުގަ ވަރަށް ގޯސްކޮށް މަސްރަހު އޮތީ. ގެދޮރު ގެއްލެމުން ދިޔައީވެސް ހަމަ އެހާ ހިތްދަތިކޮށް. އެހެންވެ، އެ އެންމެން މިކޮޅަށް ގެނަން ކާރެއް ހޯދީ. އުތުރުން ދެކުނަށް އެމީހުން އައި މަގުމަތީގަވެސް އެތައް ޙަމަލާއެއް ޔަހޫދީން ދިޔައީ ދެމުން. އެފް ސިކްސްޓީންއަކުން ޙަމަލާދީ، އުޅަނދު ހަލާކުކޮށްލީ މަންޒަރު ސަވާރަށް ރީއްޗަށް ފެނުނު. އޭނާ ބިރުން، ރޮއެ ހަޅޭއްލަވަމުން ދިޔައީއަހުމަދު ސާފީ؛ ޣައްޒާގެ ރަށްވެއްސެއް
އިޒްރޭލުގެ ލާއިންސާނީ ޤަޠުލުއާއްމު ފެށިތާ މާ ގިނަ ދުވަހެއް ނުވެ، ޣައްޒާގެ އުތުރުގެ ސަރަޙައްދުތައް ދޫކޮށް، އެހެން ހިސާބުތަކަށް ބަދަލުވުމަށް އިންޒާރުކުރިއެވެ. އުދުރުގެ ސަރަޙައްދުތައް ދޫކޮށް އެތައް ސަތޭކަ ހާސް ބަޔަކު އެހެން ހިސާބުތަކަށް ބަދަލުވިއެވެ. ނަމަވެސް ޣައްޒާ އޮތް ޙާލަތަށް ބަލާއިރު، އިޒްރޭލުގެ ޣައިރު ޤާނޫނީ ޢަމަލުތަކުގެ ޝިކާރައަކަށް ނުވާ ހަމަ ތަންފުކެއްވެސް ޣައްޒާގައި ނެތެވެ.
ކަން ދިމާވި ގޮތުން، ހުދު ހެދުމެއްގަ، ލޯބިވެރިޔާއާ ކައިވެނި ކުރުމުގެ ބަދަލުގަ މި ޖެހުނީ، ގެދޮރު ދޫކޮށް، ރެފިއުޖީ ކޭމްޕެއްގަ ދިރިއުޅެން. ރެފިއުޖީ ކޭމްޕަށް ބަދަލުވި ދުވަހަކީ ވަރަށް ހިތްދަތިވި ދުވަހެއް. ނަފްސާނީ ގޮތުން ވަރަށް ބަލިކަށިވި ދުވަހެއް. އަހަންނަށް ރޮވެން ފެށުނު. އެއީ އަހަރަމެންގެ ކައިވެނި ވާން އޮތް ދުވަސް. އެންމެންވެސް އަހަންނަށް ނަޞޭހަތް ދެމުން ދިޔައީ. ހިތްވަރުކޮށް، އީމާންތެރިކަން ވަރުގަދަ ކުރަން ބުނި. މީ އަހަރަމެންގެ ތަޤުދީރު ކަމާއި، އެކަން ޤަބޫލު ކުރަން ވިސްނައިދެމުން ދިޔައީ އެންމެންވެސް. މަށަކަށް ނޭނގެ ބުނާނެ އެއްޗެއް. އިސްތިޢުމާރީ ޔަހޫދީން އެ ތިބެނީ އަހަރަމެން ކުރަމުން ދިޔަ އެއްތަ އުންމީދެއް ވިއްސިވިހާލިކޮށްލައިގެން. އެތައް ދުވަހަކު ދުށް ފޮނި ހުވަފެންތަކެއް ޙަޤީޤަތަކަށް ވިޔަ ނުދީސަވާރު؛ ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ޣައްޒާގެ ޒުވާނެއް
ހިމަ ދިގަށް، 45 ކިލޯމީޓަރަށް ދެމިގެންދާ ޣައްޒާއަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. އޮކްޓޯބަރު 7 ވަނަ ދުވަހުގެ ޢުދުވާންތައް ފެށިފަހުން ގެދޮރު ގެއްލުނު މީހުންގެ ޢަދަދު ވަނީ 1.4 މިލިއަނަށް އަރާފައެވެ. ޢުދުވާންތަކުގައި މި ދުނިޔެ ދޫކުރި މީހުންގެ ޢަދަދު 7000 އަށް ވުރެ މައްޗަށް އަރާފައި ވާ އިރު، އެތައް ސަތޭކަ ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ފުރާނަ ގެއްލިދިޔަ މީހުންނާއި، ޒަޚަމްވީ މީހުންނާއި ގެދޮރު ގެއްލުނު މީހުންނަށް ބަލާއިރު ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިޒްރޭލާއި އިޒްރޭލަށް އެއްބާރުލުން ދޭ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ސިފަ ކުރާ ހަމާސް ޖަމާޢަތުގެ ވަސް، މި ދުނިޔެއިން ފޮހެލުމަށް ކަމަށް ބުނެ، ވަކި މީހަކަށް ބެލުމެއް ނެތި ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާންތަކުގައި އަހުމަދުއާއި ސަވާރު ފަދަ އެތައް ބައެއްގެ ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަހުމަދުއާއި ސަވާރަށް ކައިވެނީގެ ގޮށް ޖަހާލެވޭނެ ދުވަހެއް ބުނާކަށް ނޭނގެއެވެ.