Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2023 | ބުރާސްފަތި 15:21
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
އިތުބާރު ނެތް ރައީސަކު ރައްޔިތުންގެ މަޖިލިސް ހިސޯރުކުރުން، އެމްޑީޕީން ކުށްވެރިކޮށްފި
މެންބަރުންގެ ވޯޓުން މި މައްސަލަ ނިންމުމަށް ގޮވާލާފައިވޭ
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަކީ، މެންބަރުންގެ ތާއީދާއި އިތުބާރާއެކު މެނުވީ ދެމިހުރެވޭނެ މަގާމެއްނޫން
މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން ފެންނަމުންދަނީ ޑިމޮކްރަސީގެ ހަމަތަކުން އެއްކިބާވެވަޑައިގަންނަވާ ތަން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެޖެންޑާކޮށްފައިވަނިކޮށް، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް، އެ މައްސަލަ ކުރިއަށް ގެންދިޔަނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަކީ އެ މަޖިލީހުގެ މެންބަރުންގެ ތާއީދާއި އިތުބާރާއެކު މެނުވީ ދެމިހުރެވޭނެ މަގާމެއްނޫން ކަމަށެވެ. އަދި އެ މަގާމުގައި ހުންނަވަންވާނީ އިތުބާރު ނެތްކަމުގެ ވޯޓާވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ފަރާތެއްކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސަކު، އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގަތުން ކަމަށާއި، އެހެންނަމަވެސް މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން ފެންނަމުންދަނީ ޑިމޮކްރެސީގެ ހަމަތަކުން އެއްކިބާވެވަޑައިގަންނަވާ ތަން ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މީގެ އިތުރުން ރިޔާސީ އައު ދައުރެއްގެ ފެށުން ކައިރިވެފައިވާ މިފަދަ ދުވަސްވަރެއްގައި، ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ފުރުސަތެއް ނުދޭނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އެޕާޓީން އެދެނީ، އިންތިޚާބީ ރައީސާއި ނައިބުރައީސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެ ޖަލްސާގެ ސައްހަކަމާމެދު ގާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުމަށް ކަމަށް ބުނެފައިވެއެވެ. އެކަން އެމަގުން ކުރިއަށް ގެންދިޔުމަށް އެޕާޓީން ކުރަންޖެހޭ އެންމެހައި މަސައްކަތަށް ކުރާނެކަމުގެ ޔަގީންކަން އެމްޑީޕީން ވަނީ ދީފައެވެ.

Advertisement

މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބައްޓަންކޮށްފައި ވަނީ، އެއްވެސް ފަރާތަކަށް ގާނޫނު ހެދުމުގެ ބާރު ހިސޯރުކުރެވޭނެ ގޮތަކަށް ނޫންކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ، ރައްޔިތުންގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ދައުލަތުގެ އެއް ބާރަށް ވާއިރު، ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މަފްހޫމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންކަންވެސް ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން ވަނީ، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މެންބަރުންގެ ވޯޓުން މި މައްސަލަ ނިންމެވުމަށް ގޮވާލާފައެވެ.

Advertisement

Advertisement
- ކޮމެންޓް