މާޒީގައި އާންމުކޮށް ހިނގާފައި ވާ ބައެއް ކަމަކީ މިއަދު އާދަޔާ ޚިލާފު ކަންކަމެވެ. އެފަދަ ކަންކަން ބަލާ، ހޯދާ، ދިރާސާ ކުރުމަކީ ބައެއް މީހުންގެ މުޅި ދިރިއުޅުން އެކަމަށް ހުސްކޮށްލާފައި ވާ ކަންކަމެވެ. މާޒީގައި ހިނގި ކަމެއްގެ ޙަޤީޤަތް ހޯދުމަށް، ނުވަތަ އެކަމުގެ ތަފްޞީލުތައް ހޯދުމަށް، އެތައް އަހަރެއް ވަންދެން މަސައްކަތް ކުރާ މީހުންވެސް މަދެއް ނޫނެވެ. ސެހެރިގަނޑު މާ ބޮޑަށް ދިގު ނުކޮށް، ސީދާ މައުޟޫއަށް ޖެހިލަމާ ހިނގާށެވެ.
ދައްކަން މި އުޅެނީ، ޕެރޫއާއި ޕޯލަންޑްގެ ސައެންސްވެރިން، އޮކްޓޯބަރ 24 ވަނަ ދުވަހު ދައްކާލި އަންހެން ކުއްޖެއްގެ ތަސްވީރެއްގެ ވާހަކައެވެ. އެ ކުއްޖަކީ އެމެރިކާ ސަރަޙައްދުގައި އަދާ ޖެހުން ދެކަށްވެސް އުފެދުނު އެންމެ ވަރުގަދަ އެމްޕަޔަރ އަދި އިންސާނީ ހަޟާރާތު ކަމަށް ވާ އިންކާގެ ވެރިކަމުގެ ދުވަސްވަރު އުޅުނު ކުއްޖެކެވެ. އެކުއްޖަކީ މީގެ 500 އެތައް އަހަރެއް ކުރިން 'ޤުރުބާން' ކޮށްފައި ވާ ކުއްޖެކެވެ. ޕެރޫވިއަން އެންޑީޒްގެ އަލިފާން ފަރުބަދައެއްގެ ކައިރިން އެ ކުއްޖާގެ ޤަބުރު ފެނުނީ މީގެ 30 އަކަށް އަހަރު ކުރިންނެވެ.
ތުރީ-ޑީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން، ދާއިރާގެ ތަޖުރިބާކާރުން ފަރުމާކޮށްފައި ވާ ތަސްވީރުން ފެންނަނީ 14 އަހަރާއި 15 އަހަރާ ދެމެދު ޢުމުރެއްގެ ކުއްޖެއްގެ މޫނެވެ. ގަނޑުވެފައި އޮތް ޤަބުރު އެންމެ ފުރަތަމަ ފެނުނީ 1995 އަހަރު، ކޭލޯމާ ޕްރޮވިންސްއިންނެވެ. ޤަބުރު އޮތީ ގަނޑުގެ މަތީ ސަތަހައިން ބަލާ ކަމުގައި ވާނަމަ، 6400 މީޓަރު އުހުގައެވެ. ޤަބުރު އޮތީ ޕެރޫގެ ވެރިކަން ކުރާ ލީމާގެ ދެކުނުން 1000 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަޙައްދެއްގައެވެ.
ސެންޓާ މަރީއާގެ ކެތޮލިކް ޔުނިވަރސިޓީއާއި ޕޯލަންޑްގެ ވޯސޯ ޔުނިވަރސިޓީގެ ސައެންސްވެރިން ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއިން، އަންހެން ކުއްޖާގެ މޫނު ފެންނަ ތަސްވީރު ފަރުމާ ކޮށްފައި ވަނީ، އެ ޤަބުރުގެ ބޮލުގެ ނާށިގަނޑާއި، ހަށިގަނޑުގެ ދިރާސާތައް ކުރަމުންދާތާ 20 އަހަރު ދުވަސް ފަހުންނެވެ. އަންހެން ކުއްޖާގެ ޤަބުރު މަޝްހޫރު ވެފައި ވަނީ ލޭޑީ އެމްޕާޓޯ ނުވަތަ ހުއަނީތާގެ ނަމުންނެވެ. 'އައިސް މެއިޑަން' ނުވަތަ ގަނޑުވެފައިވާ ބިކްރުވެރި އަންހެން ކުއްޖާގެ ނަމުންވެސް ހުއަނީތާ ވަނީ މަޝްހޫރުވެފައެވެ.
ހުއަނީތާ ދިރިހުރިއިރު އޭނާގެ މޫނު ހުންނާނެ ގޮތް ކަމަށް ބަލާ އަސްލާ އެއްގޮތް މޫނު ފެނުނީމަ، ބަޔާންކުރަންވެސް ދަތި އިޙްސާސެއް ކުރެވެނީ. އެއީ، އަހަންނަށް އެންމެ ފުރަތަމަ އޭނަގެ ޤަބުރު ފެނުނީ 20000 އެތައް ފޫޓެއް އުހުން... ޤަބުރު ލާފަ އޮތް ފޮތިގަނޑު އިރައިގެން ގޮސްފަ އޮތީމަ، މޫނު އޮތީ ހިކިފަ. ފޮތިގަނޑު އިރައިގެން ގޮސްފަ އޮތީ ވަޅުގަނޑެއްގެ ތެރެއަށް ހުއަނީތާގެ ޤަބުރާއި މަހާނަ ގައު ވެއްޓިފައި އޮތީމަ. ހުއަނީތާ ފެނުނީމަ، ކޮންފަދަ ހިތްދަތި ޙާލެއް ބާއޭ ހިތަށް އަރާ. އެ ހަށިގަނޑުގެ ދެން ހުރި ހުރިހާ ތަނެއް ހުރީ ވަރަށް ރަނގަޅަށް، ހަލާކުނުވާ ގޮތް ހަދާފަ. މޫނުވިއްޔާ އޮތީ އެންމެ ހާމައަށް ފެންނަން. އެހެންވެ، ތަސްވީރު ނަކަލު ކުރަން އެންމެ އުނދަގޫވީވެސް މޫނު. 28 އަހަރު ފަހުން، އެކަން މިއޮތީ ވެފަ. ވަރަށް ފުރިހަމައަށް އެކަން ކުރެވިފަ މިއޮތީ. މި ބުނީ، އެ ބަލާލުން އެގޮތަށް ސިފަކޮށްދެވެނީ، ވަރަށް ތަޖުރިބާކާރު މީހަކަށް.ޔޯހާން ރައިންހާޑް؛ އެމެރިކާގެ އަރކިއޮލޮޖިސްޓެއް
މިހާތަނަށް ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ހުއާނީތާއަކީ އިންކާ އެމްޕަޔަރގެ ދުވަސްވަރު، އެ އެއްޗެހިތަކަކަށް އެމީހުން އަޅުކަން ކުރަމުންދިޔަ އެއްޗެހިތަކަށް 'ޤުރުބާން' ކޮށްފައި ވާ ކުއްޖެކެވެ. އެ ކަން ކޮށްފައި ވަނީ، އިންތިހާ ހަނަފަސްކަމާއި، ފެންބޮޑުވުމާއި، އަލިފާންފަރުބަދަ ގޮވުމާއި ބޮޑެތި ބަލިމަޑުކަން ފަދަ ކާރިޘާތަކުން ސަލާމަތް ހޯދުމުގެ ނިޔަތުގައި ކަމަށް ބުނެވެއެވެ.
ހުއަނީތާގެ ބޮލުގެ ނާށިގަނޑުގައި 5 ސެންޓިމީޓަރުގެ ތަނެއް ހަލާކުވެފައި ހުއްޓެވެ. ދާއިރާގެ ތަޖުރިބާކާރުން ޤަބޫލު ކުރާ ގޮތުގައި ހުއަނީތާ މަރުވެފައި ވަނީ އޭނާގެ ބޮލަށް ލިބުނު ބޮޑު އަނިޔާ ނުވަތަ ޒަޚަމެއްގެ ސަބަބުންނެވެ. އެ އަނިޔާ އޭނާއަށް ދީފައި ވަނީ އިންކާ ހަޟާރާތުން ބޭނުން ކުރަމުން ދިޔަ މުގުރުގަނޑެއް ޒާތު އެއްޗަކުން ކަމަށް ތަޖުރިބާކާރުން ޤަބޫލު ކުރެއެވެ. ހުއަނީތާގެ ބޮލުގައި އެ އެއްޗަކުން ޖެހި އިރު، އޭނާ އިނީ ކުޑަކަކޫ ޖައްސާފައި ކަމަށާ، ނަތީޖާއެއްގެ ގޮތުން އެތެރެ ހައްޓަށް ލޭ އެޅުނީ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ޤަބޫލު ކުރެއެވެ.
1995 ވަނަ އަހަރު، ޓައިމް މެގަޒިންއިން ވަނީ، މުޅި ދުނިޔެއިން ފެންނު އެންމެ ވަރުގަދަ 10 ހޯދުންތަކުގެ ލިސްޓުގައި ހުއަނީތާ ހިމަނާފައެވެ. ހުއަނީތާގެ ޑީއެންއޭ ސާމްޕަލްތައް ހެދުމުގެ ތެރޭގައި ފާހަގަވި ކަންކަމުގެ ތެރޭގައި، އޭނާ ކައި އުޅުނީ އެއްގަމު ޖަނަވާރުގެ މަހާއި ޒުވާރި ފަދަ ތަކެތިކަން ވަނީ ދެނެގަނެވިފައެވެ. އެއީ ހުއަނީތާ 'ޤުރުބާން' ކުރި ދުވަސްވަރަށް ބަލާނަމަ، އެންމެ އަތްމަތި ތަނަވަސް ޢާއިލާތަކުގެ ކޭމެވެ. އިންކާ ހަޟާރާތުގެ އާންމު ކެއުންތައް މުޅިންހެންވެސް ބަރޯސާ ވެފައި އޮތީ ތަރުކާރީގެ މައްޗަށެވެ.