Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 08:25
އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު
އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލައަކީ ސިޔާސީ ފިކުރަކާއި ނުވަތަ ސަރުކާރަކާއި ގުޅެންޖެހޭ ކަންކަމެއް ނޫން: އިމާދު
މައްސަލަތައް ހައްލުކުރުމަށްޓަކައި، ދައުލަތުގެ އެއްބާރުލުމާއި، އެހީތެރިކަން ފުރިހަމައަށް ލިބެންޖެހޭ
ސިޔާސަތުތައް ބިނާވާންޖެހޭނީ އިލްމީ ހަގީގަތުގެ މައްޗަށް
މައްސަލަތަކަށް ހައްލު ހޯދުމަށް ބައްޓަންކުރާ ސިޔާސަތުތަކަކީ ހަރުދަނާ، ބިނާކުރަނިވި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހައްލު ހޯދޭނެ ސިޔާސަތުތަކަކަށް ވާންޖެހޭ

މަސްތުވާތަކެތީގެ މައްސަލައަކީ ސިޔާސީ ފިކުރަކާއި ނުވަތަ ސަރުކާރަކާއި ގުޅެންޖެހޭ ކަންކަމެއް ނޫންކަމަށް، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިހް ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިމާދު ވިދާޅުވީ، މަސްތުވާތަކެތި ފަދަ ބޮޑެތި ސޯޝަލް މައްސަލަތަކަކީ ވަކި ސިޔާސީ ޕާޓީއަކާއި، ސިޔާސީ ފިކުރަކާއި ނުވަތަ ސަރުކާރަކާއި ގުޅިގެން ހުންނަ މައްސަލަތަކެއް ނޫންކަމަށެވެ. ކޮންމެ ވެރިކަމެއްގައިވެސް މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ޤައުމީ ސިޔާސަތެއް އޮންނަންޖެހޭކަމަށާއި، ޤައުމީ ވިސްނުމަކާއެކު މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށްވެސް އިމާދު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތި ކަހަލަ އަޅުގަނޑުމެންގެ ހުރި ބޮޑެތި ސޯޝަލް މައްސަލަތަކަކީ، ވަކި ސިޔާސީ ފިކުރަކަށް، ވަކި ސިޔާސީ ޕާޓީއަކާއި، ވަކި ސަރުކާރަކާއި، ގުޅެންޖެހޭކަމެއް ނޫން. އެއީ ކޮންމެ ބަޔަކު ވެރިކަމުގައި ތިބިކަމުގައިވީނަމަވެސް އަޅުގަނޑުމެންގެ ގައުމީ ސިޔާސަތެއް އޮންނަން އެބަޖެހޭ އެކަންކަމަށް ހައްލު ހޯދުމަށްޓަކައި. އެ ހައްލު ހޯދޭނީ އަޅުގަނޑުމެން އެއްކޮޅުގައި ތިބޭއިރުވެސް އަދި އަޅުގަނޑުމެން މި ދެންނެވީ ސަރުކާރުގައި ތިބޭއިރުވެސް އަދި އިދިކޮޅު ސިޔާސީ ފިކުރެއްގެ ގޮތުގައި މަސައްކަތްކުރާއިރުވެސް ގުޅިގެން ކުރެވޭ މަސައްކަތެއްގެ ގޮތުގައި އެކަންކަން، އެއީ ގައުމީ ވިސްނުންމަކުން އެކަންކަމާއި ދޭތެރޭގައި އަޅުގަނޑުމެން ވިސްނުން ގެންގުޅެގެން.
އެންޑީއޭގެ ސީއީއޯ އިމާދު ސާލިހް

އިމާދު އިތުރަށް ވިދާޅުވީ، ކޮންމެ ވެރިކަމެއްގައިވެސް މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް ބައްޓަންކުރާ ސިޔާސަތުތަކަކީ ހަރުދަނާ، ބިނާކުރަނިވި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހައްލު ހޯދޭނެ ސިޔާސަތުތަކަކަށް ވާންޖެހޭކަމަށެވެ. އަދި މިފަދަ ސިޔާސަތުތައް ބިނާވާންޖެހޭނީ އިލްމީ ހަގީގަތުގެ މައްޗަށްކަމަށްވެސް އިމާދު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންމަށް މިދާ ޓްރެންޑަކީ ކޮންމެ ފަސް އަހަރަކުން ފަސް އަހަރަކުން ވެރިކަން ބަދަލުވެގެންދޭ. އެހެންވީމަ އެ ބަދަލުވެގެން އަންނަ ވެރިކަމާއި އެކީގައި މިފަދަ ސޯޝަލް މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ގެންގުޅޭ އެޕްރޯޗް ފަހަރުގައި ތަފާތު ވެދާނެ. ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި ގެންގުޅޭ އެޕްރޯޗްތައް ތަފާތު ވެދާނެ. އެހެންނަމަވެސް ސިޔާސަތުތައް ވާންޖެހޭނީ ހަރުދަނާ، ބިނާ ކުރަނިވި، އަދި އަޅުގަނޑުމެންގެ ދިގު މުއްދަތުގެ ތެރެއިން އެއަށް ހައްލު ހޯދޭނެ ސިޔާސަތުތަކަށް. ކޮންމެ ހެނދުނަކާއި ހަވީރަކު ސިޔާސަތުތައް ބަދަލުވާކަމަށް ވަނީނަމަ އެ ކުރެވޭ މަސައްކަތްތަކުން ނަތީޖާއެއް ނުނެރެވޭނެ.
އެންޑީއޭގެ ސީއީއޯ އިމާދު ސާލިހް

ރާއްޖޭގައި އޮތް އެންމެ ބޮޑު ސޯޝަލް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަކުރައްވާ އިމާދު ވިދާޅުވީ، މި މައްސަލައަކީ ރާއްޖޭގެ ހުރިހާ އިޖްތިމާއީ މައްސަލަތަކާއި ގުޅި ލާމެހިފައިވާ މައްސަލައެއްކަމަށެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި، ދައުލަތުގެ އެއްބާރުލުމާއި، އެހީތެރިކަން ފުރިހަމައަށް ލިބެންޖެހޭނެކަމަށްވެސް އިމާދު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް