ކ. މާލެ
|
20 އޮކްޓޯބަރ 2023 | ހުކުރު 09:28
ޑރ. މުޙައްމަދު މުއިއްޒު
ޑރ. މުޙައްމަދު މުއިއްޒު
ޔާމީން މިނިވަންކުރުން
ކިޔަނީ އެއް ލަވައެއް، ޅެމާއި، ރާގު ހާސްބައި ތަފާތު!
ޔާމީންގެ ހައްގުގައި ރައީސް ކަމުގައި ހުންނެވީތީ މުއިއްޒު އަށް ކޮށްދެވޭނެ ކަމެއް ވަކި ނެތް
ފުރަތަމަ މަރުހަލާގައި، ކޮންމެ ޕޯޑިއަމްއެއްގައި ވެސް ދައްކަވާ ވާހަކައިގެ 50% އަކީ ޔާމީން މިނިވަންކުރުމުގެ ވާހަކަ
މި ކަހަލަ ކިތަންމެ ލަވައެއްގެ ރާގު ވެރިކަމުގެ މޭޒާއި ގާތްވާ ވަރަކަށް ބަދަލުވާނެ

ނޫނޭ މިއޮތީވާ ލަވައެކެވެ! މިލަވަޔަކީ މިއީ މަނީ ލައުންޑަރުމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ ވާހަކައެވެ. އިރެއްގާ ހީވިކަހަލަ އެވެ. އަސުރުމާ ކުލައިގެ ވުޖޫދަކީވެސް، ރޫހަކީ ވެސް އަމާޒަކީ ވެސް ޔާމީން މިނިވަން ކުރުމެވެ. އެ ރާގު، އެ މަގްސަދު އޭރު ވަރަށް ސާފެވެ. މަދު މީސްކޮޅަކާއި އެކު ވިޔަސް މަގުތަކަށް ނުކުމެ މުޒާހަރާކުރި މަންޒަރުވެސް އޭރު ފެނުނެވެ. އަދި ޕްރެސްކޮންފަރެންސްތަކުގައި ވެސް އޭރު ދެއްކެވީ މި ވާހަކައެވެ.

ކަން އެހެން އޮއްވާ ދެން ލައިގަތީ ރިޔާސީ އިންތިޚާބެވެ. ޕީޕީއެމްގެ ޓިކެޓް ޔާމީން ނޫން އެހެން މީހަކަށް ނުދޭން ހިފާފައި އޮތެއްކަމަކު ކޮންމެވެސް މީހަކު ވެރިކަމަށް ނުނެރެ ވެސް ވާކަށް ނެތެވެ. ގޮތް ހުސްވެ ފަހު ގޮޅިއަކަށްވީ ޕީއެންސީން މީހަކު ވެރިކަމަށް ނެރުމެވެ. އެ ފުރުސަތުގެ ބޭނުން ހިތްޕެވީ މިހާރުގެ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ.

މި މަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ފައި ނެންގެވި ހިސާބުން ފެށިގެން މިހާހިސަބަށް ބަލާ އިރު ޔާމީން މިނިވަން ކުރުމުގެ ލަވަ ވަރަށް ރާގު ރާގަށް ވިދާޅުވެއްޖެއެވެ. ހަމަ ކޮންމެ ފަހަރަކު އާ ރާގެކެވެ. އާ ޅެމެކެވެ. ޕީއެންސީގެ ފަރާތުން ކުރިމަތިލީ ޔާމީން މިނިވަން ކުރުމުގެ ބޭނުމުގަ ކަމަށް ވިދާޅުވެ ފުރަތަމަ މަރުހަލާގައި، ކޮންމެ ޕޯޑިއަމްއެއްގައި ވެސް ދައްކަވާ ވާހަކައިގެ 50% އަކީ ޔާމީން މިނިވަންކުރުމުގެ ވާހަކައެވެ. ޕީއެންސީ އަށް ވަޑައިގަތީ ވެސް ޔާމީން މިނިވަންކުރައްވަން ކަމަށް ޙުދު އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ލަވައިގެ ރާގު އިއްވައިގެން ޕީއެންސީގެ ޓިކެޓް ހޯއްދަވާ ކެމްޕެއިން އަށް ދަތުރު ފެއްޓެވިއެވެ. ދެން ވިދާޅުވި ވާހަކަ އަކީ ރިޔާސީ އިންތިހާބު ކާމިޔާބުވެ، ރައީސް ކަމަށް ވަޑައިގަންނަވާ ދުވަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރެއްވުން ކަމަށެވެ. ދެއްކެވި މަންޒަރަކީ ޔާމީން މިނިވަން ނުވަނީ ސިޔާސީ ބާރުވެރިކަމުގައި އެ ކުލައިގެ މީހަކު ނެތުމުން ކަމެވެ. ދެން ވިދާޅުވި ޅެމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށްޓަކައި ސިޔާސީ ބާރުވެރިކަން ހޯދަން ޖެހޭ ކަމުގެ ވާހަކައެވެ.  ޕީޕީއެމްގެ ސަރުކާރެއްގައި ގާނޫނީ ހަމަތަކާއި އެއްގޮތަށް ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެކަން ކުރަން ސިޔާސީ ބާރުވެރިކަން ހޯދަންޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ސިޔާސީ ބާރުވެރިކަން ލިބުމާއިއެކު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ލަވައިގެ ރާގަށް ފެތުނު އަނެއް މަންޒަރަކީ ޔާމީން މިނިވަންކުރުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވުމަށް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) އެދިވަޑައިގެން ނުކުންނެވުމެވެ. ފިރިކަލުން މިނިވަންކުރުމަށް އެކަމަނާ ވެސް އާދޭހައި އެކު މުއިއްޒު އާއި އެކު ނުކުމެ ދެއްކެވި ވާހަކައަކީ އެއީއެވެ.

ކޮންމެއަކަސް ރިޔާސީ އިންތިޚާބު ބާއްވާ ވެރިކަން އެއޮތީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާފައެވެ. ޑރ.މުއިއްޒުގެ ރާގު އެހިސާބުން ބަދަލުވެއްޖެއެވެ. ކުރިންވެސް ވިދާޅުވީ ގާނޫނުގެ ތެރެއިން ޔާމީން މިނިވަން ކުރައްވާނެ ކަމަށެވެ. އެ ގޮތަކީ ކޮބާތޯ ވާދަވެރިން ތަކުރާރުކޮށް ސުވާލުކުރިއެވެ. ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން އެ ޖާގަ ލިބިފައި ނެތްކަމުގެ ވާހަކަވެސް ދެއްކެވިއެވެ. އެއިން ކޮންމެ ކަމަކަށް ދެއްވާ ޖަވާބަކީ "ސިޔާސީ ބާރުވެރި"ކަމުގެ ވާހަކައެވެ.

އެބުނާ ސިޔާސީ ބާރެއް ވެސް މިހާރު އެއޮތީ ލިބިވަޑައިގަންނަވާފައެވެ. ގައުމުގެ ވެރި މީހާ އަށް ވެވަޑައިގަންނަވަން އުޅުއްވާއިރު ނެތް ސިޔާސީ ބާރުވެރިކަމެއް ދެން އޮންނާނެ ހެނެއް ހިޔެއް ނުވެއެވެ. ހުވާކުރުމުގެ ކުރިން ރައީސް ޔާމީން މިނިވަން ނުވެއްޖެނަމަ އޭގެ މާނައަކީ ސަރުކާރުން ނުފޫޒު ފޯރުވުން ކަމަށް އެ ހިސާބުން ވިދާޅުވެއްޖެއެވެ. ގޯސްމިވީ ސަރުކާރެވެ.

ދެން އޭގެ ފަހުން އެ ލަވައިގެ ރާގު އަނެއްކާވެސް ބަދަލުވިއެވެ. މި ފަހަރު ޅެން ވަރަށް ސާފެވެ. ވެރިކަން ލިބިވަޑައިގަތަސް ގޭބަންދަށް ބަދަލުކުރުން ފިޔަވާ ޔާމީންގެ ހައްގުގައި ރައީސް ކަމުގައި ހުންނެވީތީ މުއިއްޒު އަށް ކޮށްދެވޭނެ ކަމެއް ވަކި ނެތެވެ. އެއީ ކުރިން ވެސް އެ މަނިކުފާނަށް އެނގިވަޑައި ނުގެން، ފަހުމު ނުވެ އޮތް ކަމެއް ނޫނެވެ. ދެން ވެސް ޔާމީން މިނިވަން ކޮށްދެވޭނީ ކޯޓަކުންނެވެ. މަނިކުފާނަކަށް ޔާމީން މިނިވަން ކުރުމުގެ ބާރެއް ޤާނޫނަކުން ނެތެވެ. ކޯޓުތަކަށް އަތް ނުބާނާ ކޯޓުތަކުގެ ތަރުތީބާއި ނުކުޅެ އެކަން ކުރާކަށް ލާހިކަ އެއް ނޫނެވެ.

އެކަން މަނިކުފާނަށް ފަހުމުވާކަން އެނގެނީ ދާދިފަހުން އަލްޖަޒީރާ އަށް ދެއްވި އިންޓަރވިއު އިންނެވެ. ސުވާލަކީ އެ ވާހަކަ މީގެ ކުރިން އެހާ ސާފުކޮށް ވިދާޅުވާން ކެރިވަަޑައި ނުގަތީ ކީތްވެގެންތޯއެވެ؟ ވެރިކަން ނުލިބިދާނެތީ ބިރުފުޅުންތޯއެވެ؟ ނޫނީ އެ ވާހަކަ ދެއްކެވުމުން ޔާމީން މިނިވަންކުރުމުގެ އުންމީދުގައި ލިބުނު ވޯޓްކޮޅު ނުލިބިދާނެތީތޯއެވެ؟ ނޫނީ އެހެން ހީލަތްތެރިކަމެއް އޮތީތޯއެވެ؟

މި ކަހަލަ ކިތަންމެ ލަވައެއްގެ ރާގު ވެރިކަމުގެ މޭޒާއި ގާތްވާ ވަރަކަށް ބަދަލުވާނެއެވެ. މިސާލަަކަށް އިންޑިއާ ސިފައިންގެ ލަވައިގެ ރާގުވެސް އެހެރަ ބަދަލުވާ ގޮތެއް ތާއެވެ.

- ކޮމެންޓް