ކ. މާލެ
|
17 އޮކްޓޯބަރ 2023 | އަންގާރަ 05:17
އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު
އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު
ރާއްޖެއެމްވީ
މުއިއްޒުގެ ވެރިކަން
މުއިއްޒުއަށް އެންމެ ބޮޑު ޗެލެންޖަކަށްވާނީ ތަފާތު ވިސްނުމުގެ ބޭފުޅުންނާއެކު ވެރިކަން ހިންގުން: އަލީ ނަޒީރު
މުއިއްޒުގެ ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވި
އަދާލަތު ޕާޓީ މަސައްކަތް ކުރާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ އެމަނިކުފާނާއެކު ތިއްބެވި ތަފާތު ވިސްނުންތަކުގެ ބޭފުޅުންނާއެކު ވެރިކަން ހިންގުން ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ނަޒީރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކަށް ބަލާއިރު ދެން އަންނަ ރިޔާސީ ދައުރު ވެގެންދާނީ ކުރީގެ ދައުރުތަކާ ވަރަށް ތަފާތު ދައުރަކަށް ކަމަށެވެ. އެގޮތުން، ރާއްޖޭގައި މުހިންމު ސިޔާސީ ބޭފުޅުންތަކެއް ތިއްބެވިއިރު އެ ބޭފުޅުންގެ ދައުރު ސިޔާސީ މަޝްރަހުގައި އޮންނާނެ ގޮތް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީ މަސައްކަތް ކުރާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުންކަން ފާހަގަކުރައްވައި އަލީ ނަޒީރު ވިދާޅުވީ މުއިއްޒުގެ ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރުމުގެ ވިސްނުމެއް އެ ޕާޓީގެ ނެތް ކަމަށެވެ. އަދި ބޭނުންވަނީ މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމުގައި އެހީތެރިވުމަށް ކަމަށާއި ނަމަވެސް އެ ވައުދުތައް ނުފުއްދޭނަމަ ރައްޔިތުންގެ ޙައްގުގައި ވާދަވެރި ސިޔާސީ ޕާޓީއަކުން ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ނަޒީރު އިތުރަށް ވިދާޅުވީ އިދިކޮޅު ޕާޓީތަކަށްވުރެ ބޮޑަށް އެ މަނިކުފާނަށް ޗެލެންޖަކަށްވާނީ އަމިއްލަ ބޭފުޅުން ކަމަށެވެ. އެގޮތުން، އެކުގައި ތިއްބެވި ތަފާތު ވިސްނުމުގެ ބޭފުޅުންނާއެކު މަސައްކަތްކުރެއްވުމަކީ މުއިއްޒަށް ކުރިމަތިވެވަޑައިގަންނަވާނެ ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ތަފާތު ވިސްނުންތަކުގެ ތަފާތު ބޭބޭފުޅުން އެ ތިއްބެވީ. އެ ބޭފުޅުންނާއެކު ވެރިކަމެއް ހިންގުން ނުވާނެ ފަސޭހަކަމަކަށް. ރައީސް ޔާމީން ވެސް އެބަހުންނެވި. ރައީސް ޔާމީން ވެސް ވާނެ ސިގްނިފިކެންޓް ފެކްޓާއަކަށް. އޮޕޮޒިޝަނާ ޑީލް ކުރަން ޖެހުމުގެ ކުރިން އަމިއްލަ ކޭމްޕްގެ ތެރޭގައި ހުރި ކަންކަން ހައްލު ކުރަން މަސައްކަތް ކުރަން ޖެހިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ،
އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު

އިންތިޚާބީ ރައީސްގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސިއްހީ ދާއިރާ އާއި ކުންފުނިތައް ހިންގާނެ ފައިސާ ނެތިކަމަށްބުނާކަން ފާހަގަކުރައްވައި އަލީ ނަޒީރު ވިދާޅުވީ އިންތިޚާބުގެ ދުވަސްވަރު އެކަންކަން އެހެން އޮތް ނަމަވެސް ޤައުމު ހިންގޭނެކަމަށް ބުނިބަޔަކު މިހާރު ނުވާނެ ކަމަށް ބުނުމަކީ ގޯސް އަލާމާތެއް ކަމަށެވެ. އެގޮތުން، ސަރުކާރާ ހަވާލުވުމަށްފަހު ކަންކަން ނުކުރެވޭނެ ކަމަށް މިހާރުންފެށިގެން ބުނަމުންދާހެން ހީވާ ކަމަށާއި އެއީ އައު ސަރުކާރަށް ކަމެއް ނުވެއްޖެއްޔާ މި ސަރުކާރަށް އެ އިލްޒާމުތައް އެޅުވުމަށް ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަންކަން ނުވާނެ ވާހަކަ ދެއްކުން ހުއްޓާލައި، ދިވެހިން ހަވާލު ކުރި ޒިންމާ އަދާކުރުމަށް މަސައްކަތް ކުރުމަށް އަލީ ނަޒީރު ވަނީ މުއިއްޒުގެ ސަރުކާރަށް ގޮވާލައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
ކޮމެންޓް