ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 18:00
ޕްލާސްޓިކް ކޮތަޅުތަކެއް
ޕްލާސްޓިކް ކޮތަޅުތަކެއް
ގޫގުލް
ކޮތަޅުން ފީނެގުން
ކޮތަޅުން ނަގާ ފީ ކުޑަކުރުމަށް ހުށަހެޅި އިސްލާހު، މުޅި މަޖިލީހުގެ ކޮމިޓީއަށް
އެ އިސްލާހު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވީ 40 މެންބަރުންގެ ވޯޓުން

ޕްލާސްޓިކް ކޮތަޅުން މިހާރު ނަގާ ފީ ކުޑަކުރުމަށް، ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް މަރުހަލާ ނިންމައި، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ 2 ރުފިޔާގެ ޓެކްސް، 50 ލާރިއަށް ކުޑަކުރުމަށް، ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އެ އިސްލާހު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެންބަރުންގެ ވޯޓުންނެވެ.

ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން 13 ބާވަތެއް، ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ރާއްޖޭގައި ބޭނުންކުރުން މިހާރު ވަނީ މަނާކޮށްފައެވެ. މި ސިޔާސަތު ތަންފީޒުކުރަން ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަހަރެއްގެ ތެރޭގައި ރާއްޖެ އެތެރެކުރި ޕްލާސްޓިކް ކޮތަޅު، ނިސްބަތުން 50 އިންސައްތަ މަދުކުރެވިފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ ފާހަގަކުރައްވާފައެވެ.

ވިޔަފާރި ކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ލާޒިމްކުރީ، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުންނެވެ. ކޮތަޅުން ޓެކްސް ނަގަންފެށީ މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

- ކޮމެންޓް