ބާރުގެ ބޭނުންކުރުމާއި ހަތިޔާރު ބޭނުންކުރުމާ ގުޅޭގޮތުން ފުލުހުން އަމަލުކުރަމުންދާ ގަވާއިދުތަކުގައި، އދ.ގެ ގައިޑްލައިންތަކުގައިވާ އަސާތަކަށް ރިއާޔަތްކުރާކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވަނީ، ފުލުހުން ހަތިޔާރު ބޭނުންކުރުމާއި ބާރުގެ ބޭނުންކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ޕޮލިސީ ރިވިއުގައެވެ. މިއީ ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ހަތިޔާރު ބޭނުންކުރުމާއި ފުލުހުންނަށް ލިބިގެންދާ ގާނޫނީ ބާރުގެ ބޭނުންކުރުމާ ގުޅޭ އުސޫލުތަކުގައި، އިންސާނީ ހައްގަކާ ޚިލާފު ކަންތައްތަކެއް ހުރިތޯ ބަލައި، އިންސާނީ ހައްގުތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން އެކުލަވައިލި ކަރުދާހެކެވެ.
އެ ކަރުދާހުގައި، ފުލުހުން އަމަލު ކުރަމުންދާ ގަވާއިދުތަކުން އެޗްއާރުސީއެމަށް ފާހަގަކުރެވުނު ކަންކަމާއި ފުލުހުންނަށް ހުށަހަޅާ ކަންކަން ވަނީ ހިމަނާފައެވެ.
އެޗްއާރުސީއެމުން ބުނީ، ފުލުހުން ބާރުގެ ބޭނުންކުރުމާއި ހަތިޔާރު ބޭނުންކުރުމާ ގުޅޭގޮތުން އަމަލުކުރަމުންދާ ގަވާއިދުތަކުގައި އދ.ގެ ގައިޑްލައިންތަކަށް ރިޔާއަތްކޮށްފައި ވީނަމަވެސް، ގަވާއިދުގެ ދަށުން އެކުލަވާލަން ލާޒިމްކުރާ މުހިންމު ބައެއް އުސޫލުތައް އެކުލަވާލާ އާންމުކޮށްފައި ނުވާކަމަށެވެ. އެގޮތުން، ޖުމްލަ ހަތް އުސޫލެއް އެކުލަވާލުމަށް ލާޒިމުކޮށްފައިވާއިރު، މިހާތަނަށް އެކުލަވާލައި، އާއްމުކޮށްފައިވަނީ އެންމެ އުސޫލެއްކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.
ފުލުހުން އެކި ހާލަތްތަކުގައި ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ތަފްސީލީ މައުލޫމާތު ހިމެނޭ، އޮޕަރޭޝަނަލް މެނުއަލްއާއި ސަލާމަތާއި ރައްކާތެރިކަމާއެކު ހަތިޔާރު ގެންގުޅޭ ބެލެހެއްޓުމާއި ޑިއުޓީތަކުގައި އުޅޭ ފަރާތްތަކަށް ހަތިޔާރު އަނބުރާ ހަވާލުކުރުމުގައި އަމަލުކުރާނެ ހަމަތައް ބަޔާންކުރާ އުސޫލަކީ، ފުލުހުން ހަތިޔާރާއި ބާރުގެ ބޭނުންކުރާއިރު ޖަވާބުދާރީވުމަށާއި ޒިންމާދާރުގޮތެއްގައި އަމަލުކުރުމަށް މުހިންމު އުސޫލުތަކެއް ކަމަށް އެޗްއާރުސީއެމުގެ ކަރުދާހުގައި ވަނީ ބަޔާންކޮށްފައެވެ.
އެ ކޮމިޝަނުން ވަނީ، ގަވާއިދުތަކުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހުކުރުމާއި، އަލަށް އެކުލަވާލަން ލާޒިމްކޮށްފައިވާ އުސޫލުތައް އެކުލަވާލުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި ގުޅުންހުރި އުސޫލުތަކާއި މެނުއަލްތައް އެކުލަވާލާއިރު އދ.ގެ ގައިޑްލައިންތަކަށް ރިޔާއަތްކުރުމާއެކު، އެކުލަވާލާ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އާންމުކުރުމަށް ވަނީ ހުށަހަޅާފައެވެ.