ކ. މާލެ
|
15 އޮކްޓޯބަރ 2023 | އާދީއްތަ 06:08
އިންތިޚާބީ ރައީސް ޑރ، މުހައްމަދު މުއިއްޒު
އިންތިޚާބީ ރައީސް ޑރ، މުހައްމަދު މުއިއްޒު
ރާއްޖެ - އިންޑިއާ
އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފުރަތަމަ ދުވަހު ވެސް ފަށާނަން: ޑރ.މުއިއްޒު
ވަކި ޤައުމަކަށް ބުރަ ވާގޮތަށް އަމަލު ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި
ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތަކީ ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ކުރައްވާނެ މަަސައްކަތެއް ކަަމަށް ވަނީ ވިދާޅުވެފަ
ފުރަތަމަ ހަފްތާގައި ވެސް ފުރުސަތު އޮތްކަމަށް ވާނަމަ އެކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރާނީ ޑިޕްލޮމެޓިކް ހައްލެއް ހޯދަން ކަމަށް އިންތިޚާބީ ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު އެފަދައިން ވިދާޅުވީ އެމަނިކުފާނު އަލްޖަޒީރާ އަށް ދެއްވި ބަސްތީގަތުމެއްގައެވެ، އެ ބަސްތީގަތުމުގައި ރާއްޖޭގެ ފޮރިން ޕޮލިސީ ބައްޓަންކުރައްވާނެ ގޮތަށް މުއިއްޒު ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތަކީ ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ކުރައްވާނެ މަަސައްކަތެއް ކަަމަށް ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލެވޭނެތޯ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ހަފްތާގައި ވެސް ފުރުސަތު އޮތްކަމަށް ވާނަމަ އެކަން ކުރައްވާނެ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުން ބެލެންސްކުރުމަށް އެހެން ޤައުމެއްގެ އަސްކަރީ ބައިވެރިވުން ރާއްޖޭގައި އިތުކުރަން ވެސް ނުވިސްނަވާ ކަަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަސްކަރީ އެހީތެރިކަން ހޯދުމުގައި މިހާރުވެސް އަމަލުކުރާ އުސޫލާއި އެއްގޮތަށް ހުރިހާ ޤައުމަކާއި އެކު ވެސް މަސައްކަތްކުރައްވާނެ ކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާ ސިފައިން ފޮނުވާލުމުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް ކުރާ އިންވެސްޓްމެންޓްތައް މަޑުޖެހިދާނެ ކަަމަށް ޤަބޫލުނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެއް ޤައުމުކަމަށް ވާއިރު އެކަން އެގޮތަށް ދަމަހައްޓަވާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި އިންޑިއާ އިން ދީފައިވާ ލޯނުތައް ރީފައިނޭންސް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި އިންޑިއާގެ އިންވެސްޓްމެންޓްތައް އިތުރުވެެގެންދާނެ ކަަމަށް ޤަބޫލުކުރައްވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މުއިއްޒު ވަނީ އެއްވެސް ޤައުމަކާއި މާބޮޑަށް ގާތްވާ ގޮތަށް ނުވަތަ ވަކި ޤައުމަކަށް ބުރަ ވާގޮތަށް އަމަލު ނުކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ އެއީ ކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް