ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓު މުރާޖާކުރުމަށްފަހު އާންމުކޮށްފިއެވެ.
ގައުމީ ސަލާމަތީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންޖެހޭ ލިސްޓު ފަސް ވަނަ ފަހަރަށް މުރާޖާކުރުމަށްފަހު ނެރުނު ލިސްޓުގައި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސީރިޔާ އެކަންޏެވެ. ސީރިއާއަކީ ދިވެހިން ހަނގުރާމައަށް ދާ ގައުމެއްކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.
ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ކުރިން އޮތް 19 ޖަމާއަތުގެ ތެރެއަށް އިތުރު އެއް ޖަމާއަތް ވަނީ ހިމަނާފައެވެ. އަލަށް އެ ލިސްޓުގައި ހިމަނައިފައިވަނީ 'ޖަމާ އަންޝާރުއް ދައުލާ' (ޖޭއޭޑީ) ނަމަކަށް ކިޔާ ޖަމާއަތެކެވެ. މިއީ އިންޑޮނޭޝިޔާގެ ޓެރަރިސްޓް ޖަމާއަތެކެވެ.
މިޖަމާއަތަކީ 2020 ވަނަ އަހަރު އދ. ގެ ސެކިއުރިޓީ ކައުންސިލުން ވެސް ޓެެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި ޖަމާއަތެކެވެ.
2015 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން 2019 އަހަރުން ފެށިގެން މިލިސްޓް އަންނަނީ އާންމުކުރަމުންނެވެ.