ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަނބިއަނބިކަނބަލުންގެ ގޮތުގައި މިހާތަނަށް ފެނިފައިވަނީ އެކިއެކި މިޒާޖުފުޅުގެ ބޭފުޅުންނެވެ. މީގެ ތެރެއިންވެސް ފަހުގެ ތާރީޚެއްގައި ފާހަގަކޮށްލެވޭނެ އެއް ބޭފުޅަކީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަޙުމަދެވެ. ރައީސް ޞާލިޙެކޭ އެއްފަދައިން، ފަސްޓް ލޭޑީ ފަޒްނާއަކީވެސް މިޒާޖުފުޅުގައި މަޑުމައިތިރި، ހިތްޕުޅުތިރި ކަނބަލެކެވެ.
ރައީސް ޞާލިޙު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ފަސްޓް ލޭޑީ ފަޒްނާއަކީ ސިޔާސީ ކަންކަމުގައި މާ ބޮޑަށް އުޅުއްވާ ކަނބަލެއް ނޫނެވެ. ކުދިންނަށް އުނގަންނަވައިދެއްވުމާއި، އިޖްތިމާޢީ ކަންކަމުގައި އުޅުއްވުމަކީ އެކަމަނާ އަބަދުވެސް ލޯބިކުރައްވާ ކަންކަމެވެ. ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގެންނެވި ފަހުންވެސް، ފަސްޓް ލޭޑީގެ ފަރާތްޕުޅުން ފެނުނީ އެކަންކަމެވެ. ސިޔާސީ ކަންކަމުގައި ޢަމަލީގޮތުން އުޅުއްވަނީ މަދު ފަހަރަކުއެވެ. މީގެ ކުރިން ފެނިފައިވާ ފަސްޓް ލޭޑީންނާ ވަރަށްވެސް ތަފާތެވެ. މީގެ ކުރިން ބައެއް ފަސްޓް ލޭޑީންގެ ފަރާތްޕުޅުން ކޮންމެވެސް އަމިއްލަފުޅު އެޖެންޑާއެއް ފެންނަން އޮތްނަމަވެސް، ފަސްޓް ލޭޑީ ފަޒްނާގެ ފަރާތްޕުޅުން އެކަމެއް ނުފެނެއެވެ.
ރައީސް ޞާލިޙުގެ ފަސް އަހަރު ދުވަހުގެ ވެރިކަން ނިމުމަކާ ގާތްވެފައިވާއިރު، ފަސްޓް ލޭޑީ ފަޒްނާ އުޅުއްވީ އިޖްތިމާޢީ ކަންކަމުގައެވެ، ތިމާވެއްޓާ ގުޅުންހުރި ކަންކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ޙަރަކާތްތަކުގައެވެ. ކޮލެޖު ނުވަތަ ޔުނިވާސިޓީތަކާއި، އެކިއެކި ސްކޫލްތަކުން ހިންގާ އެފަދަ ހަރަކާތްތަކުގައި އެކަމަނާ އެއްބާރުލުން ދެއްވަމުން އައިއިރު، ގިނަ ޙަރަކާތްތަކުގައި ޢަމަލީގޮތުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އަންހެނުން ބާރުވެރި ކުރުވުމަށްވެސް އެކަމަނާ ވަނީ ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައި، އެކަންކަމަށް ބާރު އަޅުއްވާފައެވެ.
މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ފާހަގަވަނީ އެކަމަނާގެ ހިތްޕުޅުތިރިކަމާއި އޯގާތެރިކަމެވެ. ސިޔާސީ މަޤުޞަދުގައި ބަޔަކު އެކަމަނާގެ އަގު ވައްޓާލަން މަސައްކަތްކުރި ނަމަވެސް، އެކަންކަމުގެ ފަހަތަކުން ނޫޅުއްވައެވެ. އަބަދުވެސް ފެންނަނީ ހިނިތުންވެވަޑައިގެން ހުންނަވަނިކޮށެވެ. ދާދި ފަހުން ނިމުނު ފޯރިގަދަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދެވަނަ ބުރުގައި އެކަމަނާ ކޮންމެވެސް ވަރަަކަށް ރައީސް ޞާލިޙުގެ ކެމްޕެއިނަަށް ނިކުންނެވިއެވެ. އެކަމުގެ ތެރެއިންވެސް އިދިކޮޅު ބައެއް މީހުން އެކަމަނާއާ ދިމާކޮށް، ހަޑިހުތުރު ބަހުން ވާހަކަ ދެއްކިއެވެ. ނަމަވެސް، އެ ހިތްޕުޅުދަތިކަމާއި ނުތަނަވަސްކަމުގައި ވެސް އެކަމަނާގެ ފަރާތްޕުޅުން ފެނުނީ ހިތްވަރުގަދަކަމުގެ ނަމޫނާއެކެވެ. ބަދަލުގައި އެއްވެސް މީހަކަށް ބަދު ބަހެއް ނުވަތަ ދެރަ ބަހެއް ވިދާޅެއްނުވެއެވެ.
ރިޔާސީ އިންތިޚާބު ނިމި، މިހާރު މި ދަނީ އައު ސަރުކާރުން ވެރިކަމާ ޙަވާލުވުމުގެ ކުރިން ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ ދުވަސް ކޮޅެވެ. މިއަދުވެސް އެކަމަނާ އެވަނީ ހިތްޕުޅުތިރިކަމުގެ ނަމޫނާއެއް ދައްކަވާފައެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދަށް ދަޢުވަތުދެއްވައި ރިޔާސީ ގަނޑުވަރު، މުލީއާގެއަށް ގެންނެވިއެވެ. އެއަށްފަހު އެކަމަނާއާ މަޝްވަރާކުރެއްވީ ސަރުކާރު ބަދަލުވުމުގެ ކަންކަމާއެވެ. އެ މަރުޙަލާގައިވެސް ފަސްޓް ލޭޑީ ފަޒްނާގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފަސްޓް ލޭޑީ ފަޒްނާއަށް ތަޢުރީފު ކުރަމުންނެވެ. ގިނަ ބަޔަކު ބުނެފައިވާގޮތުގައި މިއީ މީގެ ކުރީގެ ފަސްޓް ލޭޑީންގެ ފަރާތްޕުޅުން ފެނިފައިނުވާ ކަމެކެވެ. އެއިންވެސް ދައްކުވައިދެނީ ފަސްޓް ލޭޑީ ފަޒްނާއަކީ ހިތްޕުޅުތިރި ކަނބަލެެއްކަމާއި، ޤައުމީ މަސްލަޙަތު އިސްކުރައްވާ މިންވަރު ކަމަށް ވަނީ ބުނެފައެވެ. އަނެއްކޮޅުން، މިއީ ކުރިއަށް އޮތް ޖީލުތަކަށް ފެނިގެންދާނެ ވަރުގަދަ މިސާލެއް ކަމަށާއި، މިއީ މުސްތަޤުބަލަށް ދެވުނު މުހިންމު މެސެޖެއް ކަމަށްވެސް ވަނީ ބުނެފައެވެ.