ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 18:28
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެންޑް ހެޑް އޮފް މެރިން ޕޮލިސް އިބްރާހިމް އަދުނާން އަނީސް
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެންޑް ހެޑް އޮފް މެރިން ޕޮލިސް އިބްރާހިމް އަދުނާން އަނީސް
މެރިޓައިމް ސޭފްޓީ ވީކް
ކަނޑުދަތުރުފަތުރުކުރުމުގެ ދާއިރާގެ ޤާނޫނުތައް ތަންފީޒުކުރަން ކުރާ މަސައްކަތުގެ ހެޔޮ ބަދަލު ފެނޭ - މެރިން ޕޮލިސް
ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މެރިން ޕޮލިހުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން
ކުރިން ކުޑަ އުޅަނދެއް ސަރވިސް ކުރީ ވެސް ވަރަށް އުނދަނގޫ ހާލަތެއްގައި ކަަމަށާއި މިއަދު އެކަން ބަދަލުވެފައިވާ ކަމަށް އަދުނާން ވިދާޅުވި
މެރިން އާއި މެރިޓައިމް ކަންކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އަދުނާން ވަނީ ވިދާޅުވެފަ

ކަނޑުދަތުރުފަތުރުކުރުމުގެ ދާއިރާގެ ޤާނޫނުތައް ތަންފީޒުކުރަން ކުރާ މަސައްކަތުގެ ހެޔޮ ބަދަލު ފެންނަމުންދާ ކަމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެންޑް ހެޑް އޮފް މެރިން ޕޮލިސް އިބްރާހިމް އަދުނާން އަނީސް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ މެރިޓައިމް ހަފްތާ ފާހަގަކުރުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މެރިން ޕޮލިހުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް އަދުނާން ވިދާޅުވިއެވެ. މިހާރު މެރިން ޕޮލިސްގެ މަސައްކަތް އޮތީ މާލެއާއި މާލެ ވަށައިގެންވާ ސަރަހައްދުތަކުގައި އެކަނި ނޫން ކަމަށާއި ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މެރިން ޕޮލިސްގެ ހަރަކާތްތައް ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤާނޫނު ތަންފީޒުކުރަން ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު މިހާރުވެސް ފެންނަމުންދާ ކަމަށް އަދުނާން ފާހަގަކުރެއްވިއެވެ. އެ މަސައްކަތް ކާމިޔާބުވާނީ ކަނޑުމަތީގެ ސަލާމަތާއި ގުޅުން ހުރި ޕްރޮގްރާމްތައް ގިނަގިނައިން ހިންގާ ރިފްރެޝަރ ޕްރޮގްރާމްތައް ބާއްވައިގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ޒަމާނާ އެއްގޮތަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ފަރުމާކޮށް ދިމާވެދާނެ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވެ ތިބެން ޖެހޭ ކަމަށާއި ކަމާއި ގުޅުން ހުރި އިދާރާތަކުން ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެކަމަކަށް ރާއްޖެއިން ވިސްނަން ޖެހޭ ކަމަށެވެ. އެއީ މެރިން އާއި މެރިޓައިމްކަމަށް އަދުނާން ވަނީ ވިދާޅުވެފައެވެ. އަބަދުވެސް އެ ދެ ކަަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި އަޅުގަނޑުމެންގެ މާހައުލުން އިގްތިސާދަށާއި އެހެނިހެން ގޮތް ގޮތުން ލިބެނީ ކިހާ މަންފާއެއްކަން އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ މެރިން މާހައުލު ނުވަތަ ކަނޑުފަޅުތަކަކީ ސާފުތާހިރުކަމާއި އެކު، ފަރުވާތެރިކަން މަތީގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއަދު އެކަމުގައި ސާބިތުވެ ނެތް ނަމަ ރާއްޖޭގެ ރީތި މާހައުލު މާދަމާގެ ޖީލަށް ނުފެންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މެރިޓައިމް އަށް ވިސްނާ އިރު ކަނޑުދަތުރު ފަތުރުކުރުމުގައި ބޭނުން ކުރާ ވަސީލަތްތަކާއި އުޅަނދު ފަހަރުތަކަކީ ޒަމާނީ ވަސީލަތްތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭޝިއާގެ ބައްރުތަކަށް ބަލާއިރު ވެސް ރާއްޖޭގެ އުޅަނދުތަކާއި ވަސީލަތްތަކަކީ އެންމެ ފަހުގެ އުފެއްދުންތައްކަން ފާހަގަކުރެވޭނެ ކަަމަށް އަދުނާން ވިދާޅުވިއެވެ. އެހެންކަމުން އެ ވަސީލަތްތަކާއި އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ފަރުވާކުޑަކޮށްގެން ފަރުޖެހެން ނެތްކަމަށް އަދުނާން ވަނީ ވިދާޅުވެފައެވެ. ކުރިން ކުޑަ އުޅަނދެއް ސަރވިސް ކުރީ ވެސް ވަރަށް އުނދަނގޫ ހާލަތެއްގައި ކަަމަށާއި މިއަދު އެކަން ބަދަލުވެފައިވާ ކަމަށް އަދުނާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް