މަޝްހޫރު ބޭންޑް ލިންކިންޕާކްގެ ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންގްޓަން އަކީ އޭނާގެ ލަވަތަކުން އެތައް ޒުވާނުންތަކެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. އޭނާގެ މަރާއެކު އެތައް ބަޔަކު މިހާރުވެސް އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. ސަބަބުތަކެއްވެސް އެބަހުއްޓެވެ. އޭނާ އަކީ ހަމަގައިމުވެސް ލެޖެންޑެކެވެ.
ޗެސްޓާގެ މަރަށްފަހު އޭނާގެ ހަނދާންތައް އާކުރަމުން އަންނައިރު، އޭނާއާ ބެހޭގޮތުން އެތައް ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދެކެވެމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ފަންނާނުންގެ ވާހަކަތައްވެސް ހިމެނެއެވެ. ޗެސްޓާ ދުނިޔޭގައި ނެތުމަކީ މިއުސިކް އިންޑަސްޓްރީއަށް އަންނާނެ އުނިކަމެއްކަމަށް އެތައް ފަރާތަކުން ދަނީ ބުނަމުންނެވެ.
އުމުރުން 41 އަހަރުގައި މި ދުނިޔެ ދޫކުރި ޗެސްޓާ އަކީ ތުއްތުއިރު އެތައް ކަންތައްތަކަކާއި ކުރިމަތިލާފައިވާ ފަރާތެކެވެ. ޗެސްޓާގެ އުމުރުން 11 އަހަރުގައި އޭނާގެ މަންމަ އާއި ބައްޕަގެ ކައިވެނި ވަނީ ރޫޅިފައެވެ. އެ ވަރީގެ ކޯޓު މަރުހަލާއަށްފަހު ޗެސްޓާ އެންމެ ފަހުން ދާން ޖެހުނީ އޭނާގެ ބައްޕަގެ ބެލުމުގެ ދަށަށެވެ.
އެއަށްފަހު ޗެސްޓާ އެކިވައްތަރުގެ މަސްތުވާތަކެތި ބޭނުންކުރަން ފެށިއެވެ. އޭނާ ވެގެންގޮސްފައިވަނީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ފަރާތަކަށެވެ. މީގެއިތުރުން ޗެސްޓާގެ އުމުރުން އެންމެ ހަތް އަހަރުގައި އޭނާއަށް ވަނީ ޖިންސީގޮތުން ފުރައްސާރަތައް ކުރިމަތިވެފައެވެ. އޭނާއަށް އުމުރުން 13 ވަންދެން އެ ފުރައްސާރަ ވަނީ ކުރިމަތިވެފައެވެ.
އުމުރުން 17 އަހަރުގައި ޗެސްޓާ ވަނީ އޭނާގެ މަންމަ ކައިރިއަށް ބަދަލުވެފައެވެ. ޗެސްޓާ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާކަން އޭނާގެ މަންމައަށް އެނގުނީ އެހިސާބުންނެވެ. އެކަން އެނގުމުން، އޭނާގެ މަންމަ އޭނާ ގެއިން ބޭރަށް ނިކުތުން މަނާކުރިއެވެ. ޕްރޮފެޝަނަލް މިއުޒީޝަނަކަށް ވުމުގެ ކުރިން ޗެސްޓާ ވަނީ ބަރގަރ ކިންގްގައި މަސައްކަތް ކޮށްފައެވެ.
ލިންކިން ޕާކްގައި ލަވަކިޔަން ފެށުމުގެ ކުރިން ޗެސްޓާ ވަނީ ކުދިކުދި ބޭންޑްތަކުގައިވެސް މަސައްކަތްކޮށްފައެވެ.
ޗެސްޓާ ވަނީ 1996 ވަނަ އަހަރު ކައިވެންޏެއްކޮށް ދަރިއަކުވެސް ހޯދާފައެވެ. އެހެންނަމަވެސް 2005 ވަނަ އަހަރު އެ ކައިވެނި ވަނީ ރޫޅިފައެވެ. އޭނާ ވަނީ 2006 ވަނަ އަހަރު އިތުރު ކައިވެންޏެއްވެސް ކޮށްފައެވެ. ދެވަނަ ކައިވެނީގައި ޗެސްޓާއަށް ތިން ކުދިން ވަނީ ލިބިފައެވެ. އޭގެ ތެރޭގައި 2011 ވަނަ އަހަރު އުފަންވި އެއްމާބަނޑު ދެކުދިންވެސް ހިމެނެއެވެ.
ޗެސްޓާ މަރުވެފައި އޮއްވާ ފެނިފައިވަނީ ކެލިފޯނިއާގައި އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެންނެވެ. ޗެސްޓާ މަރުވެފައިވަނީ އޭނާގެ ގާތް ރަހްމަތްތެރިޔާ ކްރިސް އޯނިލް މަރުވިތާ ދެ މަސްފަހުންނެވެ. މީގެއިތުރުން ޗެސްޓާ މަރުވީ އޯނިލްގެ 53 ވަނަ އުފަންދުވަހުއެވެ. އޯނިލްވެސް މަރުވެފައިވަނީ ދަންޖެހިގެން، އަމިއްލައަށެވެ.
ލިންކިން ޕާކް ވަނީ މިހާތަނަށް 190 އެވޯޑަކަށް ނޮމިނޭޓްވެފައެވެ. އޭގެ ތެރެއިން 63 އެވޯޑް އެ ބޭންޑުން ވަނީ ހާސިލްކޮށްފައެވެ. މީގެއިތުރުން ލިންކިން ޕާކުން 2000 ވަނަ އަހަރު ނެރުނު ޑެބިއު އަލްބަމް، ހައިބްރިޑް ތިއަރީގެ ޖުމްލަ 30 މިލިއަނަށްވުރެ ގިނަ ކޮޕީ ވަނީ ވިކިފައެވެ.