އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ހަލަބޮލިވެފައިވާ އަދުގެ ދުނިޔޭގައި އެންމެ ސުލްހަވެރި ރޫހެއްގައި ގައުމުތަކުގެ ސިޔާސީ ސައްލާތައް ކުރެވިގެންދާ އެއް މައިޒާނަކީ އދ.ވެ. ދުނިޔޭގެ ބާރާއި ނުފޫޒަށް ތަޅާފޮޅަމުން ދާ ގައުމުތަކުން، އެ ގައުމުތަކުގެ އަޑު އެންމެ ބާރަށް އިއްވަމުން ދަނީވެސް އދ.ގެ ޕޯޑިއަމްތަކުގައެވެ. އދ.ގެ މަޖިލިސްތަކުން އިވެމުންދާ އެފަދަ ވާހަކަތަކުގެ ތެރެއިން އެފަދަ ކަމަކަށް ބަލާލާނަމެވެ. ދަންނަވަން މިއުޅެނީ، ޗައިނާއިން އދ.ށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މިދިޔަ ބުދަ ދުވަހު ވިދާޅުވި ވާހަކައެކެވެ.
އދ.ގެ އާންމު އެޖެންޑާގެ ސިޔާސަތާ ބެހޭގޮތުން އެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭޒް ކުރިއަށް ގެންދެވި ބްރީފިންގއެއްގައި ވާހަކަފުޅުދައްކަވަމުން، ޗައިނާއިން އދ.ށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޗާންގް ޗޫން ވަނީ، އދ.ގެ މެންބަރު ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަމާއި އިތުބާރު ބޮޑުކުރުމަށް ގޮވާލައްވާފައެވެ. އދ.ގެ ޗާރޓަރުން ލާޒިމުކުރާ ކަންކަން ތަންފީޒުކޮށް ނެގެހެއްޓުމަށްޓަކައި، އެއްބައިވަންތަކަމާއި އިތުބާރު އިތުރުކުރުމަކީ ކޮންމެހެންވެސް ބޭނުންވާ ކަމެއް ކަމަށާއި، ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށްވެސް އެކަން މުހިންމުކަން ޗައިނާގެ މަންދޫބު ވަނީ ފާހަގަ ކުރައްވާފައެވެ.
އދ.ގެ އާންމު އެޖެންޑާ ރިޕޯޓަކީ ޗައިނާއަށް ވަރަށް މުހިންމު ރިޕޯޓެއް. ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފަ އޮތް ގޮންޖެހުންތަކާ، އެކަތިގަނޑެއްގެ ގޮތުގަ ކުރިމަތިލުމަށްޓަކާ އދ.ގެ ދައުރު ހަރުދަނާކުރުމަށް އެ ރިޕޯޓުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ޗައިނާއިން ގަބޫލުކުރަން.ޗާންގް ޗޫން؛ ޗައިނާއިން އދ.ށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު
ހުސްވި މަހު ކުރިއަށް ގެންދިޔަ އދ.ގެ 78 ވަނަ ޢާންމު މަޖިލީހާއި، އެ މަޖިލީހާ ގުޅިފައިވާ މަތީ ފަންތީގެ ހަވާސާ ބައްދަލުވުންތަކުގައިވެސް ޗާންގްގެ ވާހަކަފުޅުތައް ހުރީ އެފަދަ މޭރުމަކުންނެވެ. އެއްބައިވަންތަކަމާއި އިތުބާރާއި އެއްބާރުލުން ކުރިއަށް ނެރުމަކީ އިވެމުންދާ މުހިންމު ބަސްތަކެއްކަން ޗާންގް ފާހަގަކުރެއްވިއެވެ. އަދި އެއީ ދަމަހައްޓަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެނީ، އެކަންކަމީ، އދ.ގެ މުސްތަގުބަލަށް މުހިންމު ކަންކަމަށް ވުންކަމަށާއި، އެ ޢަމާޒަށް ވާސިލުވުމަށްޓަކައި ބްލޮކްތަކުން ގުޅިގެން ފޯރުވާ ނުފޫޒުތަކާ ކުރިމަތިލައި، ބާރުގެ ސިޔާސަތާއި، ފިނި ހަނގުރާމައިގެ ވިސްނުމާއި، ކަންކަމުގައި ދެފުށް ދެގޮތްވުމަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ޗައިނާގެ މަންދޫބު ވަނީ ގޮވާލައްވާފައެވެ.
އދ.ގެ މެންބަރު ގައުމުތަކުން ހައްގުތައް ކުރިއަރުވައި، އދ.ގެ މަގުސަދުތައް ކުރިއަށް ނެރުމަށް، ގުޅިފައިވާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޗައިނާއިން ގަބޫލުކުރާ ކަމަށް ޗާންގް ވަނީ އިޝާރާތް ކުރައްވާފައެވެ. އަދި ގައުމުތަކުން އުފުލާ ޒިންމާތަކާއި ވާޖިބުތައް ވާންވާނީ، ހައްގުތަކާއި ދައުރުތަކާ އެކަށީގެންވާ ފަދަ ކަންކަމަށް ކަމަށްވެސް ޗާންގް ވަނީ ފާހަގަ ކުރައްވާފައެވެ.
އދ.އާމެދު ބައެއް މީހުންގެ ހިތުގައި ޝައްކު އުފެދިފައިވާ އަދުގެ ދުނިޔޭގައި، އދ.ގެ މުސްތަގުބަލާމެދު އެންމެ ހޫނުކޮށް ބަހުސްތަކެއް ކުރެވިގެން ދިޔައީ އދ.ގެ 75 ވަނަ އަހަރީ މުނާސަބަތާ ގުޅުވައިގެން، 2020 ވަނަ އަހަރުގެ ތެރޭގައެވެ.