ރައްޔިތުންގެ މަޖިލީހަށް ފަސް އަހަރުގެ ދައުރަކަށް ދާއިރާތަކުން މެންބަރުން ހޮވަނީ އެ ދާއިރާއެއްގެ ރައްޔިތުންގެ ޙައްގުގައި މަސައްކަތް ކުރުމަށެވެ. އެ ރައްޔިތުންގެ ބަސް މަޖިލީހުގެ ތެރޭގައި އިއްވުމަށެވެ. ނަމަވެސް މަޖިލީހުގައި ބައެއް ދާއިރާތަކުގެ އަޑުވެސް ނީވެއެވެ. ބައެއް މެންބަރުންނަކީ ތިބި ބައެއްކަން ވެސް ރައްޔިތުންނަށް އެނގެނީ ދެވަނަ ދައުރަކަށް ވާދަކުރަން ނުކުންނަ ހިސާބުންނެވެ.
މަޖިލީހުގެ ހާޒިރީގައި ފަހަތުން ޖާގަ ހޯދާ މެންބަރުންވެސް އެބަތިއްބެވެ. ނަމަވެސް މިފަހަރު މިދައްކަން އުޅެނީ އެ މެންބަރުންގެ ވާހަކައެއް ނޫނެވެ. މަޖިލީހަށް ހާޒިރުވިޔަސް އަމިއްލައަށް "ދާއިރާއަށް ދޭންވީ ވަގުތު" ނުދެވޭ ކަމަށް ވިދާޅުވި މެންބަރެއްގެ ވާހަކައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ބަސްފުޅަކަށް ރައްދު ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކައެކެވެ.
ޔާމީން ސަޕޯޓަރުންނާ މުޙާތަބު ކުރައްވައި ވިދާޅުވީ މަގާމުތައް ލިބުމުން ފިނި ކޮޓަރިއަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ ކަމަށާއި މަގުމަތީގައި ތިބެނީ އެމަނިކުފާނުދެކެ ލޯބިވާ އާއްމު ރައްޔިތުން ކަމަށެވެ. އަދި ބޮޑެތި ގޮނޑިތަކުގައި ތިއްބެވި ބޭފުޅުންނަށް އެ ފަސޭހަތަކެއް ލިބިގެންދިޔައީ އެމަނިކުފާނާއި އެ މަނިކުފާނުގެ ޓީމުން ކުރެއްވި މަސައްކަތުން ކަމަށް ވިދާޅުވެ ނަން ހާމަނުކުރައްވައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ފަރާތްތަކަށް ވަނީ ނުސީދާގޮތުން ފާޑު ވިދާޅުވެފައެވެ.
ޔާމީންގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމަނިކުފާނު ޖަލުގައި ހުންނެވިއިރު މުޒާހަރާތައް ރޭވުގަޔާއި އަމަލީގޮތުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ޔާމީނާއި ޕާޓީ އަދި ޤައުމުގެ ޙައްގުގައި އެގޮތަށް ކަންކަން ކުރެއްވީ "އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތު ނުދީ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފުގެ މި ޓްވީޓަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ދާއިރާގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރަކު ދާއިރާއަށް ވަގުތު ނުދޭންވީ ސަބަބާ މެދު ސުވާލު އުފައްދާފައެވެ. އަދި ދާއިރާއަށް ވަގުތު ނުދިން ވާހަކަ ދައްކަވަން ލަދުގަންނަންވާނެ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ދާއިރާއަށް އިހުމާލުވެފައިވާކަމަށް އަމިއްލައަށް އިއުތިރާފުވެވަޑައިގެންވީއެވެ. ރައްޔިތުންގެ ބަސް އިއްވުމަށް ހޮވާފައިވާ މެންބަރަކު އެންމެ މީހެއްގެ ޙައްގުގައި މަސައްކަތް ކުރުމަށް އޭނާ ހޮވުމަށް ވޯޓުލީ އެތައް ބަޔަކާއި އޭނާ ތަމްސީލުކުރައްވާ ދާއިރާގެ އެތައް ބަޔަކު ބާކީ ކޮށްލިކަމަށް އިއުތިރާފުވެވަޑައިގެންނެވީއެވެ. ރައްޔިތުން ހަވާލު ކުރި ޒިންމާ އަދާ ނުކުރެވުނު ކަމަށް އެއްބަސްވެވަޑައިގެންނެވުނީއެވެ. އެކަން ވެސް ހަދުމަފުޅުވީ ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށެވެ.
ތަމްސީލު ކުރައްވާ ދާއިރާއަށް ވަގުތު ނުދެއްވާކަމަށް ވިދާޅުވިއިރު އެ ދާއިރާ ތަމްސީލު ކުރައްވާ ކަމަށް ނެންގެވި މުސާރައަކީ ކޮން ހަމައަކުން ނެންގެވި މުސާރައެއްތޯ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ބަރާބަރަށް މުސާރަ ނަންގަވައިގެން ހުރެ އެފަދަ ވާހަކަ ދެއްކުން ލަދުވެތިއިރު، އެހެން ބުނަން ކެރެންވާނީ ރައްޔިތުންގެ ޙައްގުގައި ކުރާ މަސައްކަތުން ލިބޭ މުސާރައަށް ވެސް ނޫނެކޭ ބުނުމަށްފަހުއެވެ.
ކުރިއަށް އޮތީ މަޖިލިސް އިންތިޚާބެވެ. އަނެއްކާވެސް ވޯޓު ހޯދަން އަންނައިރު އަމިއްލަ ދާއިރާއަށް ކުރެވުނު ކަމަކާއި އެ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރުމަށް ކުރެވުނު ކަމެއް އެ ދާއިރާގެ ރައްޔިތުންނަށް ސާފުކޮށް ކިޔައިދެވެން ޖެހޭނެއެވެ. ދާއިރާގެ ގޮނޑިއަށް އަންނަންވާނީ އެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. ވަކި މީހެއްގެ ޙައްގުގައި މުޅި ދައުރު ހޭދަކޮށްލާކަށް ނޫނެވެ.