ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 05:53
މާފުށި ޖަލު
މާފުށި ޖަލު
ޓްވިޓަރ
ޖަލުގެ ތަފާސްހިސާބު
އޮގަސްޓް މަހު 53 މީހުން ޖަލަށްލި، އެންމެ ގިނަ މީހުން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލައިގައި
40 މީހުންނަކީ ޖަލަށްލުމަށް ހުކުމްކޮށްގެން ހުކުމް ތަންފީޒުކުރުމަށް ގެންދެވުނު މީހުން
އޮގަސްޓް މަހު 105 މީހުން ޖަލުން މިނިވަންވެފައިވޭ

އޮގަސްޓް މަހު 53 މީހުން ޖަލަށްލާފައިވާއިރު، އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަރެކްޝަންސްއިން އާންމުކޮށްފައިވާ އޮގަސްޓް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓް މަހު ޖަލަށްލީ މީހުންގެ ތެރެއިން 40 މީހުންނަކީ ޖަލަށްލުމަށް ހުކުމްކޮށްގެން ހުކުމް ތަންފީޒުކުރުމަށް ގެންދެވުނު މީހުންނެވެ. އަދި 13 މީހުންނަކީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނެވެ.

ޖަލަށްލީ މީހުން ލާފައިވާ މައްސަލަތަކަށް ބަލާއިރު، 37.5 އިންސައްތަ މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. ދެން އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ އިންޒާރުދިނުމާއި މާރާމާރީ ހިންގައިގެންނެވެ. އެފަދަ މައްސަލަތަކުގައި 15 އިންސައްތަ މީހުން ޖަލަށް ލާފައިވެއެވެ.

އޮގަސްޓް މަހު 105 މީހުން ޖަލުން މިނިވަންވެފައިވެއެވެ. އޭގެތެރެއިން 68 މީހުންނަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހުންނެވެ. 37 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ މީހުންނެވެ.

މިނިވަންވި ގައިދީންގެ ތެރޭގައި ހިމެނޭ 25 ގައިދީންނަކީ ހުކުމް ތަންފީޒުކޮށް ނިމުނު ގައިދީންނެވެ. 33 ގައިދީންނަކީ ކްލެމެންސީގެ ދަށުން މިނިވަންވި ގައިދީންނެވެ. އަދި 10 ގައިދީއަކު ޕެރޯލްގެ ދަށުން މިނިވަންވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް