ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "ދިޔަރެސް" އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ދެކޮޅަށް ރާވައިގެން ދޮގު މައުލޫމާތު ފަތުރާފައިވާކަމަށް ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަންސް އޮބްޒަރވޭޝަން މިޝަންގެ ފަރާތުން ބުނެފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އިލެކްޝަންސް ކޮމިޝަންގެ ދައުވަތަކަށް އީޔޫގެ އިލެކްޝަންސް އޮބްޒަރވޭޝަން މިޝަން (އީޔޫ.އީ.އޯ.އެމް)ން ރާއްޖެއަށް ޒިޔާރަތްކޮށް ޖުލައި 31ން ފެށިގެން ވަނީ ހަރަކާތްތެރިވެފައެވެ. އިންތިހާބު މޮނީޓާ ކުރުމަށް އީޔޫގެ ފަރާތުން ރާއްޖެ އައި ވަފުދުން ހޯމަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާވާއްފައިވާއިރު އިންތިޚާބުގެ ތެރެއިން ފާހަގަކުރެވުނު ކަންކަން ބަޔާންކޮށް ވަނީ އިބްތިދާއީ ބަޔާނެއް ނެރެފައެވެ.
މިބަޔާނުގައި ބުނެފައިވަނީ އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންނާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފު ވާހަކަތައް އޮންލައިންކޮށް ފަތުރާފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް ސިޔާސީ ޕާޓީތަކާއި ގުޅިފައިވާ ސޯޝަލް މީޑިޔާ އިންފްލުއެންޒާސް ހަގީގަތާއި ޚިލާފު ވާހަކަ ފަތުރާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގައި އިންޑިޔާ ސިފައިން ތިބިކަމަށް ބުނެ މިވޯޓަކީ ރާއްޖޭގެ އިސްތިގުލާލާ ގުޅުންހުރި ވޯޓެއްކަމަށް ދެއްކުމަށް މަސައްކަތްކުރިކަމަށް އީޔޫއިން ބުނެއެވެ. ޕީޕީއެމް ޕީއެންސީން ވަނީ އިންޑިޔާގެ އަސްކަރިއްޔާ އެއް ތިބިކަމަށްބުނެ ވެރިކަން ކުރާ އެމްޑީޕީއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިކަމަށް އީޔޫން ބުނެއެވެ.
ސިޔާސީ ޕާޓީތަކާ ގުޅިފައިވާ އިންފްލުއެންސަރުން ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފަތުރައި، ދެ ވަނަ ބުރުގެ ވޯޓަކީ ރާއްޖޭގެ އިސްތިގުލާލާ މެދު ނެގޭ ވޯޓެއް ކަމަށް ސިފަ ކުރިއީޔޫގެ އިބްތިދާއީ ބަޔާން
އެގޮތުން މެޓާ އާއި އެކްސް/ޓްވިޓަރ ގައި ރަނގަޅު އަދި ޞައްހަ ނޫން ދޮގު މައުލޫމާތު ފަތުރާފައިވާކަމަށް އީޔޫއިން ބުނެއެވެ. ސެޕްޓެމްބަރ 10 އާއި 29 އާ ދެމެދު އީޔޫގެ ޓީމުން މި ދެ ޕްލެޓް ފޯމުން އިންތިޚާބާއި ގުޅޭ 3،731 ޕޯސްޓް އެނަލައިޒްކޮށްފައިވާކަމަށް އީޔޫން ބުނެއެވެ. މިއީ ދެ ކެންޑިޑޭޓުންނާއި ދެ ކެންޑިޑޭޓުންގެ ސިޔާސީ ޕާޓީތަކުންނާއި މީޑީޔާތަކާއި ސޯޝަލް މީޑިޔާ އިންފްލުއެންސަރސްގެ ޕޯސްޓްތަކެވެ.
އީޔޫން ބުނެފައިވަނީ މައި ދެ ޕާޓީންވެސް ދީނީ ކަންކަމާއި ގުޅުވައިގެން ދެން ހުރި ކެންޑިޑޭޓް ދަށްކޮށްލުމަށް މަސައްކަތްކޮށްފައިވެއެވާކަމަށެވެ.
މީގެއިތުރުން އެކްސް/ޓްވިޓަރ އަދި މެޓާގައި ސޯޝަލް މީޑިޔާ އިންފްލުއެންސަރސް ހަގީގަތާއި ޚިލާފު ވާހަކަ ފަތުރާ ޒާތީގޮތުން މީހުންނާ ދެކޮޅަށް ޚިޔާލުފާޅުކޮށް ހަގީގަތާއި ޚިލާފު ވާހަކަތައް ދެ ކެންޑިޑޭޓުންނާއި ގުޅޭގޮތުން ގެނެސްދީފައިވެއެވެ.
ރާއްޖޭގެ އޮންލައިން މީޑެއްކަމަށްވާ ދިޔަރެސް އިން، މިހާރުގެ ސަރުކާރާ ދެކޮޅަށް، ރޭވުންތެރިކަމާއެކު އިންތިޒާމުކުރެވިގެން ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕެއިނެއް ކުރިއަށް ގެންދިޔަތަން ފެނިގެންދިޔައީޔޫގެ އިބްތިދާއީ ބަޔާން
މީގެއިތުރުން ބައެއް ސޯޝަލް މީޑިޔާ އިންފްލުއެންސަރުން އާންމުންނަށް އޮޅުވާލާ ދޮގު މައުލޫމާތު ފެތުރުމަށް ޕޯލްތައް ނަގާ އެފަދަ މައުލޫމާތުތައް ޓްވިޓަރ ގައި ފަތުރާފައިވާކަމަށް އީޔޫއިން ބުނެއެވެ. އަދި މިކަން ރީރަޖިސްޓްރޭޝަނަށް ފަހު އިތުރުވެގެންދިޔަ ކަމަށް އީޔޫން ބުނެއެވެ.