ސްޕެއިންގެ މަޝްހޫރު ޕޮޕް ތަރި ޝަކީރާގެ މައްޗަށް 2018 ވަނަ އަހަރު ލިބުނު އާމްދަނީން, ޓެކްސްގެ ގޮތުގައި 6.7 މިލިއަން ޔޫރޯ (7.1 މިލިއަން ޑޮލަރު) ނުދެއްކި ކަމަށް ބުނެ ސްޕެއިންގެ ޕްރޮސެކިއުޓަރުން ދައުވާކޮށްފިއެވެ.
ބާސެލޯނާގެ ޕްރޮސެކިއުޓަރުން ނެރުނު ބަޔާނެއްގައި ބުނީ، ޝަކީރާ ޓެކްސްއަށް މަކަރުހެދުމަށް ޓެކްސް ހެވަންއެއްގައި ހުންނަ އޮފްޝޯ ކުންފުންޏެއް ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެ ދައުވާގެ މައުލޫމާތު އޭނާއަށް އަންގާފައިވަނީ އެމެރިކާގެ ފްލޮރިޑާގެ މިއާމީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ކަމަށް އެ ބަޔާނުގައި ވެއެވެ.
މި ދައުވާގެ އިތުރުން، 2012 ވަނަ އަހަރާ 2014 ވަނަ އަހަރާ ދެމެދުގެ މުއްދަތުގައިވެސް ޓެކްސް ނުދައްކާ ކަމަށް، ބުނެ ޝަކީރާގެ މައްޗަށް އުފުލާފައިވާ އެހެން މައްސަލައެއްގެ އަޑުއެހުން އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.
ބާސެލޯނާގައި ޝަކީރާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ މައްސަލާގައި ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި، ޓެކްސްގެ ގޮތުގައި 14.5 މިލިއަން ޔޫރޯ (15.4 މިލިއަން ޑޮލަރު) ދެއްކުމަށް ވަނީ ހުށަހަޅާފައެވެ.
ބާސެލޯނާގެ ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި، ގްރެމީ އެވޯޑްވެސް ހާސިލްކޮށްފައިވާ ލަވަކިޔުންތެރިޔާ 2012-14ގެ މުއްދަތުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ދުވަސް ހޭދަކުރީ ސްޕެއިންގައި ކަމަށާއި، އެހެންކަމުން އޭނާގެ ރަސްމީ ގެ ބަހާމާސްގައި ހުރިނަމަވެސް ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.
ސްޕެއިންގެ ޓެކްސް އޮފިޝަލުން ޝަކީރާގެ މައްޗަށް ކުރި އެންމެ ފަހުގެ ދައުވާ ކޮށްފައި ވަނީ، މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެއްކުރި ހެކިތައް ދިރާސާ ކުރުމަށްފަހު ޕްރޮސެކިއުޓަރުން ވަނީ ދައުވާ ކުރަން ނިންމާފައެވެ. ނަމަވެސް ޝަރީއަތް ބާއްވާނެ ތާރީހެއް ކަނޑައަޅާފައެއް ނުވެއެވެ.
ޝަކީރާގެ ކަންކަން ކުރިން ބަލަހައްޓަމުން އައި ޕަބްލިކް ރިލޭޝަންސް ފާމް، ލޮރެންޓޭ ވައި ކިއުއެންކާއިން މިކަމާ ގުޅިގެން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.