އަރީސާ ޔާންގެ ޢުމުރުން އަދި މި ވީ އެންމެ 6 އަހަރެވެ. އެހެނެއް ކަމަކު ސްމަރޓްފޯނަކީ އަރީސާއަށް ފެންފަދަ އެއްޗެކެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި ވާ ހެއްވާ މަޖާ ވީޑިއޯތައް ބެލުމުގައި އަރީސާ ހޭދަ ކުރަމުން ދިޔައީ އުފާވެރި ވަޤުތުތަކެއްކަން އެ މައުސޫމު މޫނު ހެކިދެއެވެ. ސްމަރޓްފޯނުގެ ދުނިޔެއަށް އަރީސާ ތަޢާރަފުވެ، ފޯނު ބޭނުން ކުރަން ފެށީ އޭނާގެ ޢުމުރުން އެންމެ 4 އަހަރުގައެވެ.
އަރީސާގެ މަންމަ، ވާލް ޔާން އިންނަނީ އިންޓަރނެޓަށް އޭނާގެ ދަރިފުޅު ދެވިހިފައިވާ މިންވަރާ މެދު އިންތިހާއަށް ކަންބޮޑުވެފައެވެ.
ތެދެއް، ހަމަ ޤައިމުވެސް އަހަރެންގެ ދަރިފުޅު ފޯނު ބޭނުން ކުރާތީ އަހަރެން ވަރަށް ކަންބޮޑުވޭ. އުނގެނުމުގެ ބައެއްގެ ގޮތުގައި ފޯނުތައް ބޭނުން ކުރިއަސް، ފޯނަކީ ވަރަށް ފަސޭހައިން ދެވި ހިފާ އެއްޗެއް. އެހެންވީމަ، ވަޤުތުތައް ހަމަހަމަ ގޮތެއްގަ ބަހާލާފަ އޮތުން ވަރަށް މުހިންމު. ކުއްޖަކު ފޯނެއްގަ ނޫނީ އައިޕެޑެއްގަ އަތްލާފަ، ވީޑިއޯއަކަށް ފަހު ވީޑިއޯއެއް ސްކްރޯލް ކުރަން ފަށާ ހިސާބުން، އެއަށް ދެވި ހިފުމަކީ ވަރަށް ފަސޭހަ ކަމެއް.ވާލް ޔާން؛ ޗައިނާގެ މަންމައެއް
ނަމަވެސް، އަދުގެ ޒަމާނީ މުޖުތަމަޢުގައި ބޮޑުވަމުން އަންނަ ދަރިއަކަށް، ފޯނަކީ މުހިންމު އެއްޗެއް ކަމަށާ، އެއީ ބޭނުން ނުކޮށް ދޫކޮށްލެވޭ ވަރުގެ އެއްޗެއް ނޫން ކަމަށްވެސް ވާލް ޤަބޫލު ކުރެއެވެ. ލިޔަން ކިޔަން އެނގުމަކީ މުހިންމު ކަމަކަށް ވާ ފަދައިން، ޓެކްނޮލޮޖީގެ ބަލާޣާތްތެރިކަމުގައި އޭނާގެ އެކުވެރިންނަށް ވުރެ އެންމެ އިންޗިއެއްވެސް އަރީސާ ފަސްޖެހޭކަށް ވާލް ނޭދެއެވެ. ނަމަވެސް، ސްކްރީނެއްގެ ކުރިމަތީގައި އަރީސާ ހޭދަ ކުރަމުންދާ ވަޤުތުތަކާއި ދިރިއުޅުމުގެ ދެން ހުރި ކަންކަން އެއް މީޒާނަކުން ހަމަހަމަ ކުރާނެ ގޮތެއް ވާލްއަކަށް ނޭނގެއެވެ.
މޯބައިލް ފޯނަށް ދެވި ހިފުމަކީ ޗައިނާގައި އިންތިހާއަށް ފެތުރިފައި އޮތް ނުތަނަވަސްކަމެކެވެ. އޯގަސްޓް މަހުގެ ތެރޭގައި ޗައިނާގެ ސަރުކާރުން ވަނީ، ކުޑަ ކުދިންނަށް ދުވާލެއްގެ މައްޗަށް ސްމަރޓްފޯނުތައް ބޭނުން ކުރެވޭނެ ހައްދު ކަނޑައަޅާ، ޤާނޫނުތަކެއް އެކުލަވާލާފައެވެ. އެގޮތުން، ކުޑަކުދިންނަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެންވެސް ސްމަރޓްފޯނު ބޭނުން ކުރެވެނީ 180 މިނެޓް ނުވަތަ 2 ގަޑިއިރަށް ކަމަށް އެ ޤާނޫނުތަކުގައި ބަޔާން ކޮށްފައިވެއެވެ. 8 އަހަރުން ދަށުގެ ކުދިންނަށް އޮތީ އަދި ތަފާތު ޤަވައިދެކެވެ. އެކުދިންނަށް ލިބެނީ ދުވާލެއްގެ މައްޗަށް އެންމެ ގިނަ ވެގެންވެސް 40 މިނެޓެވެ. ކޮންމެ ދުވަހަކަށް ކަނޑައަޅާފައި އޮންނަ ލިމިޓް ހަމަވުމުން، ހުރިހާ އެޕްލިކޭޝަންތަކެއް އަމިއްލަ ޒާތުގައި ނިވާލައެވެ.
'މައިނަރޒް މޯޑް' ނުވަތަ ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ޕްރޮގްރަމް ފަރުމާ ކޯށްފައި ވަނީ 18 އަހަރުން ދަށުގެ ކުދިންނަށް އަމާޡު ކޮށްގެންނެވެ. އެ ޕްރޮގްރާމްގެ ދަށުން، 18 އަހަރު ނުވާ ކުދިންނަށް، މޯބައިލް ޑިވައިސްތަކުން އިންޓަރނެޓްގެ ޚިދުމަތް ހޯދޭނެ ވަކި ވަޤުތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. ރޭގަނޑު 10:00 އިން ފަށައިގެން ހެނދުނު 06:00 ޖެހުމާ ހިސާބަށް، މޯބައިލް ޑިވައިސްތައް މެދުވެރިކޮށްގެން އިންޓަރނެޓްގެ ޚިދުމަތެއް ނުހޯދޭނެއެވެ. މައިނަރ މޯޑްއިން ކަނޑައަޅާފައި ވާ އިންތައް ހުރަސް ކުރުމުގެ ބާރު އޮންނަނީ މައިންބަފައިންނަށް އެކަންޏެވެ.
ކަން މިހެން އޮތް ނަމަވެސް، ސަރުކާރުން އެކުލަވާލި ޤާނޫނުތަކާއި ޤަވައިދުތައް އަމަލީ ގޮތުން ތަންފީޒު ކުރާނެ ކަން ނުވަތަ ނޫންކަން، އަދި ތަންފީޒު ކުރާނަމަ ކުރަން ފަށާނީ ކޮން ދުވަހަކުން ފެށިގެން ކަމެއްވެސް ޗައިނާގެ ސައިބަރސްޕޭސް ރެގިއުލޭޓަރުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
މިހާރު ބޭނުން ކުރަމުން ދާ ގިނަ ސްމަރޓްފޯނުތަކަކީވެސް ކުޑަކުދިންގެ އަތްމައްޗަށް ފޯނު ދޫކޮށްލާއިރު، 'ކިޑްސް މޯޑް' އަށް ބަދަލު ކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ފޯނުތަކަކަށް ވީ ނަމަވެސް، އެކަމުގެ ސަބަބުން އެދެވޭ ބަދަލުތަކެއް ފެންނަމުން ނުދާ ކަމީ، ޗައިނާގެ ސަރުކާރުން އެކުލަވާލި ޤާނޫނުތަކާއި ޤަވައިދުތަކުން ފައިދާއެއް ކޮށްފާނެ ކަމާ މެދު ވާލްވެސް ސުވާލު އުފައްދާ ކަމެކެވެ.
މީ ރަނގަޅު ސިޔާސަތެއްހެން ހީވަނީ. އެކަމަކު، މި ޤާނޫނުގެ ސަބަބުން އަމަލީ ބަދަލުތަކެއް ފެނިގެންދާނެ ކަމާ މެދު އަހަރެން ޝައްކު. މި ވާނީ، ތަންފީޒު ކުރަން ދަތި ކަމަކަށް. ކުއްޖަކު ފޯނު ބޭނުން ކުރާ ވަޤުތު ކޮންޓްރޯލް ކޮށްގެން ނުކުންނާނެ ނަތީޖާއަކާ މެދު އަހަރެންގެ މާ ބޮޑު ޔަޤީން ކަމެއް ނެތް. މިހާރުވެސް އިލެކްޓްރޯނިކް ޑިވައިސްތަކުގަ އެބަ ހުރޭ ކިޑްޒް މޯޑު ކަހަލަ ފަންގްޝަންތައް. އެކަމަކު، އެ ފަންގްޝަންތަކުގެ ބޭނުންކޮށްގެން ނެރެވުނު ނަތީޖާއާ ބެހޭ ދިރާސާއެއް ހެދިފަ އެބައޮތްތަ؟ އަސާސީ ފަންގްޝަންތަކުގެ އިތުރުން، ކުންފުނިތަކުން މިހާރުވެސް މި ފަންގްޝަން އިތުރުކޮށްފަ އޮތް އިރުވެސް، ނެރެވުނު ނަތީޖާއެއް ނޭނގޭއިރު، ދެން އިތުރަށް ލިބޭނީ ކޮން ފައިދާއެއް ކަމެއް މަށަކަށް ނޭނގެ.ވާލް ޔާން؛ ޗައިނާގެ މަންމައެއް
ނަފްސާނީ ބަލިތަކާ ބެހޭ ކުޑަކުދިންގެ ސްޕެޝަލިސްޓެއް ކަމަށް ވާ ޝެރޯން ޔެން ފާހަގަ ކުރި ގޮތުގައި، މޯބައިލް ފޯނު ބޭނުން ކުރެވޭނެ ވަޤުތުތައް މަދުކޮށް، ނުވަތަ އެކަމަށް ލިމިޓެއް ކަނޑައެޅުމުގެ ބަދަލުގައި، ދަރިންނާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ސަމާލުކަން ދިނުން މާ މުހިންމެވެ. ނަމަވެސް، ސްކްރީންތަކުގެ ކުރިމަތީގައި ކުޑަކުދިން ހޭދަ ކުރާ ވަޤުތު މަދު ކުރުމުގެ ސަބަބުން، އެހެން ޤައުމުތަކުގައި ކޮންމެވެސް ވަރެއްގެ އެދެވޭ ނަތީޖާތަކެއް ނެރެވެމުން ދާ ކަންވެސް ޝެރޯން ވަނީ ފާހަގަކޮށްފައެވެ.
ސްމަރޓްފޯނު ބޭނުން ކުރެވެން އޮތް ފުރުޞަތަށް ހުރަސްތަކެއް އެޅުމުގެ ބަދަލުގައި، ޢާއިލާތައް އެކުގައި ވަޤުތު ހޭދަ ކުރުމަށް އޮތް ފުރުޞަތު އިތުރަށް ތަނަވަސްކޮށްދިނުމުގެ ގޮތުން އިތުރު ހަރަކާތްތަކަށް ސަރުކާރުން ސަބްސިޑީޒް ދިނުން ފަދަ ކަމެއް ކުރުން މާ ރަނގަޅު ވާނެ ކަމަށް ވާލް ޤަބޫލު ކުރެއެވެ. އެގޮތުން، ފީ އަކާ ނުލާ ޒުލަށް ޒިޔާރަތް ކުރެވުމާއި، ބައެއް ކަހަލަ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރަން ޖެހޭ ޚަރަދަށް ޑިސްކައުންޓް ދިނުން ފަދަ ކަންކަމަކީ، އިޖުތިމާޢީ ވެއްޓެއްގައި ޢާޢިލީ ގުޅުންތައް ބަދަހި ކުރުމަށް މައިންބަފައިން އުފުލަން ޖެހޭ މާލީ ތަކުލީފުތައް ކުޑަވެގެން ދާނެ ކަމެއްކަން ވާލް ވަނީ ފާހަގަ ކޮށްފައެވެ.
މައިންބަފައިންނާ ދަރިން އެކުގައި ބައިވެރިވެލާނެ އިތުރު ހަރަކާތްތައް އަދިވެސް އިތުރުކޮށްލުން ރަނގަޅުހެން އަހަންނަށް ހީވަނީ. ޢާއިލާތަކަށް ޚާއްޞަކޮށްގެންވެސް ހަރަކާތްތަކެއް ތަޢާރަފު ކުރެވިދާނެ. ކުދިންނަކީ ކޮންމެ ދުވަހަކު ގޭގަ ތިބެން ޖެހޭ ބަޔަކަށް ނުވާނެތާ އޭރުން. ބޭރަށް ނުކުމެލާ، ހިނގާލަން ގޮސްލާ، ތާޒާ ވައި ޖައްސާލާ، އެހެން ކުދިންނާ އިޖުތިމާޢީ ގުޅުން ބަދަހިކޮށްލާ ހެދޭނެ އޭރުން. އެގޮތަށް ކަންކަން ކުރެވިއްޖެ ނަމަ، މޯބައިލް ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތަކަށް ކުދިން ދޭ ސަމާލުކަން އަނބުރާލާ، އާންމު ދިރިއުޅުމަކަށް ދެވިދާނެ ހެން ހީވަނީ.ވާލް ޔާން؛ ޗައިނާގެ މަންމައެއް
ވާލް މިހާރުވެސް ދަނީ ސްކްރީނާއެކު އަރީސާ ހޭދަ ކުރާ ވަޤުތު ކޮންޓްރޯލް ކުރަމުންނެވެ. އަރީސާއަށް މިހާރު ފޯނު ބޭނުން ކުރެވެނީ 24 ގަޑިއިރުގެ ތެރޭގައި 70 މިނެޓަށެވެ. އެއީ ދުވާލުގެ ވަޤުތުތަކުގައި 40 މިނެޓް، އަދި ނިދަން އޮށޯތުމުގެ ކުރިން 30 މިނެޓްއަށެވެ. ބޭރަށް ނުކުމެ ކުޅެލާ އުޅެވޭނަމަ، ސްކްރީންޓައިމް ލިމިޓް ކުރާ ޤާނޫނުތަކާ އޭނާ ޤަބޫލު ކަމަށް، ކުޑަކުޑަ އަރީސާ ދަނީ ބުނަމުންނެވެ.