ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) ހޮސްޕިޓަލަށް ހަވާލު ކުރި ވާހަކަ އިވުނީ ކުއްލި ގޮތަކަށެވެ. ޓާޝަރީ ފެންވަރަށް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭރުބަޔަކާ ހަވާލު ކުރިއިރު، އާއްމުކޮށް އެކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައި އޮތް ކަމެއް އެނގޭކަށް ނެތެވެ. އެހެން ކަމުން މިއީ ވާދަވެރިކަމެއް ނެތި ވަކި ބަޔަކަށް ދިން ބޮޑު މަޝްރޫއެކެވެ.
ދެން އިވުނީ، އެ ނިމްސްއަށް ދިނީ ކުޅުދުއްފުށީ ހޮސްޕިޓަލު އެކަނި ނޫންކަމާ، އެތަނާ އެތަނުގައިވާހާ ތަކެއްޗާއި، މުވައްޒަފުންގެ އިތުރުން ދެ ފަޅުރަށްވެސް އެ ކުންފުންޏަށް ދިންވާހަކައެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސްއިން މިވާހަކަ ހާމަކުރުމާއެކު، ސަރުކާރުގެ މީޑިއާ މެދުވެރިކޮށް، ނިމްސްއަށް ހޮސްޕިޓަލު ދިން އިރު ފަޅު ރަށެއް ނުދޭކަމަށް ބުނެ އިކޮނޮމިކްޓައިމްސްގައި ނިމްސްގެ މެނޭޖިންގ ޑިރެކްޓަރާ ހަވާލާދީ ހާމަކޮށްފައިވާ މައުލޫމާތު ނިމްސްގެ ޑިރެކްޓަރ އަލީ އުސެއިދު ދޮގު ކުރިއެވެ.
ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް އެކިއެކި ފަރާތްތަކާ ހަވާލު ކުރުމުގައި އަމަލު ކުރެވެމުން އައި ދެފުށް ފެންނަ އުސޫލު ފިލާ ގޮސް ރަށްތަކާއި ފަޅުތަކާއި، އަދި މިހާރު ރައްޔިތުންގެ ހަރުމުދާ އެކިއެކި ފަރާތްތަކަށް ދީ ނިންމާލާ ވާހަކައަކީ އިވިއިވި އެއްގޯސްވެފައިވާ ވާހަކައެކެވެ. ނަމަވެސް ދައުލަތުގެ މުދަލާ ތަކެއްޗަކީ ސަރުކާރަށް މިލްކް ވެގެންވާ އެއްޗަކަށް ވުމުގެ ބަދަލުގައި އެއީ، ރައްޔިތުންގެ މުދާ އަދުލުވެރިކަމާއެކު ބަލަހައްޓާ ރައްޔިތުންނަށް އެންމެ މަންފާ ހުރި ގޮތެއްގައި ބޭނުން ކުރުމަށް ވަގުތީ ގޮތުން ހަވާލުކުރާ ބައެއް ކަމަށްވުމާއެކު، އެކަން އެހެން ނުދާނަމަ އެކަމާ ބެހޭ ސުވާލު އުފެދޭނެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލު ނިމްސްއާ ހަވާލު ކުރުމާ ހަމައަށް މިކަމުގައި ހަރުދަނާ އުސޫލެއް ނެތްކަން އެނގޭ ގޮތަކީ، އެ ހޮސްޕިޓަލް ނިމްސްއާ ހަވާލު ކުރަން ސަރުކާރުން ވިސްނާކަން ހާމަކޮށް ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި ނާޒިމް "މިހާރު" ނޫހަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވާ ވާހަކަތަކުންނެވެ. އެ އިންޓަވިއުގައި ބޭރުގެ ހޮސްޕިޓަލުތަކަށް ރާއްޖޭގެ ހޮސްޕިޓަލްތައް ހަވާލު ކުރުމާ ބެހޭގޮތުން އޭނާ ވިދާޅުވެފައިވަނީ:
"ޕްރޮޕޯޒަލް އެބަލިބޭ. އެކަމަށް އުސޫލެއް ކަނޑައަޅައިގެން ވަރަށް ބޮޑަށް ހަރުދަނާ ގޮތަށް ކުރިއަށް ގެންދާނީ. އެކަން ކުރިއަށް ދަނިކޮށް، ރޯގާ ކަންތައް ލައިގެން ހުރިހާ މުވައްޒަފުން އެކަމާ އުޅެނީ" [19 މާޗް 2017، "މިހާރު"] ކަމަށެވެ. ނިމްސްއިން 19 ޖޫން 2017 ގައި ޕީއެސްއެމްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވާނީ ދެ އަހަރުގެ މުއްދަތެއްގައި ކަމަށެވެ.
ކޮންމެއަކަސް ނިމްސްއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލު ކުރަން ސަރުކާރުން ނިންމިކަން މާޗް މަހުގެ ތެރޭގައި ހާމަ ކުރުމާއެކު، ޖޫން މަހުގެ މެދުތެރޭގައި ރަސްމިއްޔާތެއް ބާއްވާ، އެއްބަސްވުމުގައި ސޮއި ކުރިއެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ހޮސްޕިޓަލް ދިނީ 50 އަހަރަށް ކަމަށް ހާމަވެފައިވެއެވެ. 19 ޖޫން 2017 ގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް އަހަރެއްހާ ދުވަސް ތެރޭގައި ބަދަލުވެގެން ދާނެ ކަމަށެވެ. އެކަމަކު ފަހުން ނިމްސްއާ ހަވާލާދީ ޕީއެސްއެމް އިން ބުނެފައިވަނީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ދެ އަހަރު ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެވެ.
ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތައް އަޑި ނޭގޭ ގޮތައް ހޮވާ ވާހަކަ ދެކެވެމުން ދިއުމާއި، ދައުލަތުގެ ފައިސާއަށް ބޮޑެތި ޚިޔާނަތް ވެފައިވާކަން ފަޅާ އަރާފައިވާ ދަނިޑިވަޅެއްގައި، ކުޅުދުއްފުށީ ހޮސްޕިޓަލު އަޑިނޭގޭ ގޮތަކަށް އަމިއްލަ ބަޔަކަށް ހަވާލު ކުރުމާއެކު ކަންބޮޑުވުން ފާޅުކުރާ މީހުން ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް ދާދިފަހުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސްޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއްގައި ވިޔަފާރިވެރިން އަތުން ސަރުކާރުގެ އިސްވެރިން ފައިސާ ހޯދާ ސިޔާސީ ބޭނުންތަކަށް އެ ފައިސާ ބޭނުން ކުރާކަންވަނީ ހާމަކޮށްފައެވެ. މިކަންކަން މިހެން ހުރުމާއެކު، ގިނަ ވަސީލަތްތަކަކާއެކު ދައުލަތުގެ ފައިސާއިން ބިނާކޮށް ޚިދުމަތް ދެމުން އަންނަ ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލު އިންޑިއާގެ ނިމްސް އާ ހަވާލު ކުރުމުގައި އެއްވެސް ނޭދެވޭ ކަމެއް ހިނގާފައިވޭތޯ އާއި، އެ ހޮސްޕިޓަލު ދޫކޮށްފައިވަނީ، ރައްޔިތުންނަށާއި ދައުލަތައް އެންމެ ފައިދާހުރި ގޮތައްތޯވެސް ބަލާ ރައްޔިތުންނަށް އެކަން ސާފުކޮށްދޭން ޖެހޭނެވެ.
އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ނިމްސް ހޮސްޕިޓަލުގެ ވަފުދުތައް ރާއްޖެއަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ޒިޔާރަތް ކޮށް ރާއްޖޭގެ އަމިއްލަ ސިއްހީ ހިދުމަތްދޭ ފަރާތްތަކާ ބައްދަލު ކޮށް، އެމީހުންގެ ވިޔަފާރި ފުޅާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އެތައް ބަޔަކާ މަޝްވަރާ ކޮށްފައިވެއެވެ. އެނގޭ އެއްޗަކީ، ރާއްޖެ ފަދަ އާބާދީ ކުޑަ ގައުމެއްގައި ނިސްބަތުން އެކި ފާޑުގެ "ޕޭޝަންޓުން" މަދު ގައުމެއްގައި، ވިޔަފާރީގެ ބޮޑު ފައިދާއެއް ނުވާނެ ގޮތަކަށް އަދި އިންވެސްޓްމަންޓް އަވަހަށް ރިކަވަރ ނުވާނެ ގޮތަކަށް ޕްރައިވެޓް ހޮސްޕިޓަލަކުން ރާއްޖޭގައި މަސައްކަތް ނުފަށާނެކަމެވެ. ޕޭޝަންޓް ފްލޯއަށް އަށް ހަމައެކަނި ބަލައިގެން ޕްރައިވެޓް ކުންފުންޏަކުން ކުޅުދުއްފުށީ ހޮސްޕިޓަލު ހިންގަން ނުފަށާނެ ކަމީ، އެންމެ އަދައިގެ މީހާއަށް ވެސް ވިސްނޭނެ ހަގީގަތެކެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްއާ ނިމްސްއިން ހަވާލުވީ، ބޮޑު ސިނާއަތެއްގެ ގޮތުގައި އިންޑިއާގައި ޕްރައިވެޓް ކުންފުނިތަކުން ސިއްހީ ދާއިރާގައި ވިޔަފާރި ފުޅާކުރަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ. އިންޑިއާގެ މެޑިކަލް އިންޑަސްޓްރީ ބޭރުގެ ގައުމުތަކަށް ފެތުރުމަށް އެފްރިކާއާއި އޭޝިއާގެ ގައުމުތަކުން ފުރުސަތުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް އަމިއްލަ ކުންފުނިތަކުން ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. މި ގޮތުން އިންޑިއާގެ ޕްރައިވެޓް ހޮސްޕިޓަލުތަކުގެ ފަރާތުން ރާއްޖޭގައި އެމީހުންގެ ވިޔަފާރި ފުޅާކުރުމަށް ވަފުދުތައް ކެނޑިނޭޅި އަންނަމުން ދެއެވެ. ހައިރާންވާ ކަމަކީ، ރަނގަޅު ފެންވަރެއްގައި ޒަމާނީ ވަސީލަތްތަކާއެކު ސިއްހީ ޚިދުމަތްތައް ދިނުމަށް ތައްޔާރަށް ތިބި އެތައް ކުންފުންޏެއް އިންޑިއާގައި އަދި އެހެން ގައުމުތަކުގައިވެސް ތިއްބާ ނިމްސް ކުންފުންޏަކީ އެކަމަށް އެންމެ ގާބިލް ކުންފުނި ކަމުގައި ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ؟
ދިވެހި ސަރުކާރުން ނިމްސް ޑީލް ސިއްރުކޮށްފައިވަނިކޮށް، ނިމްސްގެ މެނޭޖިންގ ޑިރެކްޓަރ ފައިޒަލް ޚާން އިންޑިއާގެ އިކޮނިމިކް ޓައިމްސްއަށް ކިޔައިދެއްވި ގޮތުގައި، ދިވެހި ސަރުކާރުންކުޅުދުއްފުށީ ހޮސްޕިޓަލާއި، ދެ ފަޅުރަށް ދިނީ މެޑިކަލް އެޑިއުކޭޝަން ސެންޓަރަކާއި، ޖެނެޓިކް ރިސާޗް ސެންޓަރަކާއި، އޭވިއޭޝަން އެކެޑަމީއަކާއި، މެރިން އިންޖިނިއަރިން ކޮލެޖަކާއި، ފަރުވާދޭ ސެންޓަރެއް ހެދުމަށް ކަމަށް ޚާން ވިދާޅުވިއެވެ. އަދި ސްޕޭސް ރިސާޗް ސެންޓަރެއް ހެދުން މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ވާހަކަތައް ވަނީ ފެތުރިފައެވެ. މުޅި މަޝްރޫއުގެ އަގަށް 16.5 ބިލިއަން އިންޑިއަން ރުޕީސް ހޭދަވާނެ ކަމަށްވެސް އޭނާއާ ހަވާލާދީ އެ ނޫހުގައި ވެއެވެ. އެއީ ގާތްގަނޑަކަށް 256 މިލިއަން އެމެރިކާ ޑޮލަރެވެ. މީގެ ތެރެއިން 60 ކުރޯޑް އިންޑިއަން ރުޕީސް ހޭދަކުރަނީ ހޮސްޕިޓަލުގައި ކެތް ލެބެއް ހެދުމަށާއި އިކުއިޕްމަންޓް ގަންނަން ކަމަށް ޚާން އާ ހަވާލާދީ ނޫހުގައި ވެއެވެ. މި ޚަބަރުގައި ވާ ގޮތުން މި ޑީލުގެ ތެރެއިން ދެ ފަޅުރަށް ދީފައިވަނީ ރަށްތައް މޯގޭޖް ކޮށްގެން ލޯނު ނެގުމަށެވެ.