މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން ރީ ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި، ފޯމު ހުށަހެޅުމުގެ މުއްދަތު ވެސް ވަނީ ހަމަވެފައެވެ. ރީ ރަޖިސްޓްރީވާން ތިން ދުވަހުގެ މުއްދަތެއް ދިން އިރު 47،000 މީހުން ފޯމު ހުށަހެޅި ކަމަށް އީސީން ވަނީ ބުނެފައެވެ. މިއާއެކު އިދިކޮޅުގެ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒު އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުން އަންނަ ކަމެއް ކަމަށާއި އޭގައި ވެރިކަން ކުރާ މައި ޕާޓީ އަދި ވާދަވެރިން ކަމުގައިވާ އެމްޑީޕީގެ އަތެއްވާ ކަމުގައި ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އިންތިޚާބެއްގައި ވޯޓުލުމަށް ބަޔަކު ރަޖިސްޓްރީ ކުރުމަކީ އަދި ތެޅިފޮޅިގަންނަންވީ ސަބަބެއް ނޫނެވެ.
ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްގު 282،395 މީހުންނަށް ލިބުނުއިރު އޭގެ ތެރެއިން 60،000 އާ ގާތްކުރާ އަދަދެއްގެ ރައްޔިތުން ވޯޓެއް ނުލައެވެ. މީގެ ތެރޭގައި އެފަހަރު ވޯޓުލާން ބޭނުން ނުވާ މީހުންނާއި އަދި ރީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅި މުއްދަތުގައި ރީ ރަޖިސްޓްރީ ނުކުރެވުނު މީހުންވެސް ތިބޭނެކަން ޔަގީނެވެ. ދިވެހިންނަކީ ކިތަންމެ ދިގު މުއްދަތެއް ދިން ކަމުގައިވިނަމަވެސް އެންމެ ފަހު ވަގުތު އެކަމެއް ކުރަން ތިބޭ ބަޔަކަށްވާއިރު ރީރަޖިސްޓްރީ ކުރަން ފަހުވަގުތަށް މަޑުކޮށްގެންތިބި އެތައް ބަޔަކަށް ރަޖިސްޓްރީ ނުކުރެވި ފުރަތަމަ ބުރުގައި ދިޔައެވެ. އެހެންކަމުން ދެވަނަ ބުރުގައި އެ ފަރާތްތަކުން ވެސް ރީ ރަޖިސްޓްރީ ކުރަން ބޭނުންވާނެއެވެ.
މީގެ އިތުރުން މި މަހުގެ 27-28 އަކީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޢީދު މީލާދީ ދުވަހާ ގުޅިގެން ބަންދު ދެދުވަހެވެ. ހަފުތާ ބަންދާއި އިންތިޚާބާ ގުޅިގެން އާދީއްތަ ދުވަސްވެސް ބަންދުވާނެ ކަމަށް ބަލައި ފަސް ދުވަހުގެ ބަންދެއް އެބަލިބެއެވެ. އެހެންކަމުން އެ ބަންދުގެ ތެރޭގައި ދަތުރު ކުރަން ބޭނުންވާނެ މީހުން ވެސް ތިބޭނެއެވެ. ދަތުރު ކުރިޔަސް ވޯޓުލުމުގެ ޙައްގުގެ ބޭނުން ހިފަން ބޭނުންވާ ފަރާތްތަކުން ރީ ރަޖިސްޓްރީ ކުރާނެއެވެ.
ފުރަތަމަ ބުރަށްފަހު އިންތިޚާބުގެ ދެވަނަ ބުރެއް އިއުލާން ކުރުމާއެކު ވާދަކުރާ ޕާޓީތަކުން ވެސް އަވަސްވެގަތީ ރީ ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެކަން ކުރެވޭގޮތް ހަދައިދީ ވީހާވެސް ގިނަ ބަޔަކު އެކަމަށް އަހުލުވެރިކުރުވަން މަސައްކަތް ކުރުމަށެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެން ތަނެއްގައި ވޯޓުލާން އެދޭނަމަ ރީ ރަޖިސްޓްރީވުމަށް އިލްތިމާސްކޮށް، އޮންލައިންކޮށް ވެސް އެކަމަށް އެދެވޭ ގޮތް ހަދައިދީފައެވެ. އެހެންކަމުން ބައެއް މީހުން ރީ ރަޖިސްޓްރީ ކުރަން އޮންލައިންކޮށް އަދި ފިޒިކަލްކޮށްވެސް ފޯމު ހުށަހެޅުމަކީ އެކަށީގެންވާ ކަމެކެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މާގިނަބަޔަކު ރީ ރަޖިސްޓްރީ ކުރަން ހުށަހަޅައިފި ކަމަށްބުނެ އިދިކޮޅުން ކަންބޮޑުވަމުންދާއިރު މިއީ 2018 ވަނަ އަހަރު ހުށަހެޅި ފޯމުތަކާ ގާތްކުާ އަދަދެއްވެސް ނޫނެވެ. މިއަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގައި 47،000 ފޯމު ހުށަހެޅިއިރު 2018 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގައި 103،047 މީހުން ރީ ރަޖިސްޓްރީކުރަން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ ވިދާޅުވެފައެވެ.
ރީ ރަޖިސްޓްރޭޝަންގެ މަރުހަލާގައި ފޯމުތައް ޕްރޮސެސް ކުރާއިރު އެ ފޯމުތައް ވެރިފައި ކުރާނެ ކަމުގެ ޔަގީންކަން އީސީން ދަނީ ތަކުރާރުކޮށް ދެމުންނެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ފޯމުތަކުގައި ވެސް ލައިވް ފޮޓޯ ބޭނުންވާއިރު ފިޒިކަލް ފޮމު ހުށަހެޅުމުން އެ ފޮމުގައިވާ ނަންބަރަށް ގުޅައި ކަށަވަރު ކުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ރީ ރަޖިސްޓްރީ ކުރުމަށްފަހު އަދި ނިމުނީއެއްވެސް ނޫނެވެ. ވޯޓުލެވޭ މީހުންގެ ލިސްޓު އާއްމުކޮށް ޝަކުވާއަށް ވެސް ހުޅުވާލާނެއެވެ. އޭގެ އިތުރުން ތިމާ ދެވަނަ ބުރުގައި ވޯޓުލާން އޮތީ ކޮންތަނެއްގައިތޯ ފަސޭހަކަމާއެކު (VR Space ID) ޖެހުމަށްފަހު 1414 އަށް މެސެޖުކޮށްގެން ވެސް ބަލައިލެވޭނެއެވެ.
އެއްވެސް އިންތިޚާބެއްގައި ރީ-ރަޖިސްޓްރީވާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން އެއްވެސް ބަޔަކު، ހާއްސަކޮށް، ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ކަންބޮޑުވާން ނުޖެހޭނެއެވެ. އެއީ އިންތިޚާބުގައި ވީހާވެސް ގިނަ ބައެއްގެ ބަސް އޮތުމަކީ މުހިންމު ކަމަކަށްވާތީއެވެ. ނަމަވެސް އެކަމާ ކަންބޮޑުވެ އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް ބުނެ ތުހުމަތުތައް ކުރަމުންދާތީ އެކަން ކުރަނީ ދެވަނަ ބުރުގައި ލިބޭ ވޯޓު މަދުވެދާނެތީތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.