ކ. މާލެ
|
16 ސެޕްޓެންބަރ 2023 | ހޮނިހިރު 13:12
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު
ރައީސް އޮފީސް
ޗާގޯސް މައްސަލަ
މިއުވާންގެ ސުވާލު، އިދިކޮޅަށް: ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ތިޔަ ވިދާޅުވަނީ ކިހިނެއްތޯ؟
ނިމިފައި އޮތް، ކުރިއަށް ނުދެވޭނެ މައްސަލައެއް ކުރިއަށް ގެންދަވާނެ ގޮތުގެ ވާހަކަ ނުދެއްކެވޭނެ ނޫންތޯ

ޗާގޯސް މައްސަލައާ ގުޅިގެން، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވައިދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ބައެއް ބޭފުޅުން މިދަނޑިވަޅުގައި ވިދާޅުވަމުން ގެންދަވާއިރު، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އެކަމަށް ރައްދު ދެއްވައިފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިއުވާން ވަނީ، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ވިދާޅުވާ ބޭފުޅުން މިހާރު ކެމެރާ ކުރިމަތިން ގެއްލިވަޑައިގެންފައި ވާކަމަށް ވިދާޅުވެފައެވެ. އަދި އެތަން ހޯދާ ވާހަކައާއި އެކަން ކުރާނީ ކިހިނެއްތޯ މިއުވާން ވަނީ ސުވާލު އުފައްދަވާފައެވެ.

ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެކަމަށް ވިދާޅުވާ ބޭފުޅުންނާ (މިވަގުތު ސިޔާސީ މައިދާނުން މާބޮޑަށް ނުފެނުނަސް، މައްސަލަ ކުރިއަށްދިޔައިރު ވަރަށް އަޑުގަދަ ކުރެއްވި ބޭފުޅުން އެއީ) ސުވާލުކުރައްވާ. ސުވާލު ކުރައްވާ، ކިހިނެއް އެތަން ހޯދާ ވާހަކަތޯއޭ ތި ދައްކަވަނީ، ކިހިނެއްތޯ އެކަން ކުރައްވަނީ. ލާހިކު ކުޅަދަނާއެއް ނޫން އެ ބޭފުޅުންނަށް ވިދާޅުވާކަށް. ނުހޯދޭނެ އެއްޗެއްގެ ވާހަކަ، ނިމިފަ އޮތް، ކުރިއަށް ނުދެވޭނެ މައްސަލައެއް ކުރިއަށް ގެންދަވާނެ ގޮތުގެ ވާހަކަ ނުދެއްކެވޭނެ ނޫންތޯ! ރައްޔިތުންނަށް މިހާރުވެސް އިތުރުފުޅު ހައްދަވާ ބޭފުޅުންނަށް ވުމުން، ކޮންމެވެސް އެއްޗެކޭ ވިދާޅުވެދާނެ. ތިބޭފުޅުން ގާނޫނީ ފުންނާބުއުސް ބޭބޭފުޅުން އަރިހުން އައްސަވާ، އެކަން ކުރެވޭނެތޯ. ވިދާޅުވާނެ އެކަމެއް ނުކުރެވޭނެޔޭ. އެއީ ނުކުރެވޭނެ ކަމަކަށްވާތީ. ރައްޔިތުންނަށް މިފަދަ ވައުދުތައް ވެވަޑައިގަންނަވާއިރު ރައްޔިތުން ސުވާލުކުރައްވާށޭ. އޭރުން ދެއްވޭނެ ޖަވާބެއް ނޯންނާނެ. ޖަވާބެއް ނެތް ސުވާލަކަށް ކިހިނެއްތޯ ޖަވާބު ދެއްވާނީ؟
މިއުވާން މުހައްމަދު

މިއުވާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ފުލުފުލުން މިކަހަލަ ދޮގު ވާހަކަތައް އަޑުއިވެގެންދާނެ ކަމަށާއި، ވާހަކައެއް ދައްކަވާއިރަށް ސޯޝަލް މީޑިއާގައި އެ ވާހަކައެއް ޝެއަރ ކުރުމުގެ ބަދަލުގައި ހަގީގަތް ބެލުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ވަނީ ނިންމާފައެވެ.

ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ޚާއްސަ އިގުތިސާދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ.

މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި, ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފުން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ރާއްޖޭން ބުނެފައިވަނީ ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ. އިން ވަކިކުރުމުގެ މައްސަލާގައި، ރާއްޖޭން ވަކާލާތުކުރީ، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބަލަން ޖެހޭނީ ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ، ރާއްޖެއިން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައެވެ. އިޓްލޮސްގެ ސްޕެޝަލް ޗެމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.

އިދިކޮޅުން ބޭއްވި އިންޑިޔާ އައުޓް މުޒާހަރާތަކަށްފަހު ފެށީ ޗާގޯސް މައްސަލައިގެ މުޒާހަރާތަކެވެ. ފުރަތަމަ ކިޔަމުން އައީ ޗާގޯސް ވިއްކާލައިފި ކަމަށެވެ. ދިވެހިންގެ ތަނެއް ބޭރު ބަޔަކަށް ހިބައިން ދީފިކަމަށެވެ. އެކަމަކު މޮރިޝަސްގެ އަތްދަށަށް އެތަން ދިޔައިރު ކަހާތަން ހިރުވާވެސް ނުލައި ކުރިން ވެރިކަމުގައި ތިބި މީހުން ދައްކާން ފެށުމުން އެ "ލަވަ" މީހުންނަށް ގަޔާވާގޮތެއް ނުވިއެވެ. ކަމަކު ނުދިޔައެވެ. ދެން ކިޔާން ފެށީ ކަނޑުގެ ބޮޑުބައެއް ލިބޭން އޮއްވާ އެކަން ނުކޮށް ބައެއް ގެއްލުނީ ސަރުކާރުން ހެދި ޑީލެއްގެ ސަބަބުން ކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި، ބައިނަލްއަގުވާމީ ގާނޫނުތައް، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާއި ރާއްޖޭގެ ތާރީޚާއި ދިވެހިން ދިރިއުޅެފައި ހުރި ގޮތަށް ބަލާއިރު ނެގުނު ދިފާއުން ކާމިޔާބު ލިބުނީ ރާއްޖެއަށްކަން މިހާރު ގިނަ ދިވެހިންނަށް ސާފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް