އެއީ ސެޕްޓެމްބަރު 8 ވީ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަޤުތެވެ. އުތުރު އެފްރިކާގެ މަޣްރިބް ސަރަޙައްދުގައި އޮންނަ ކިންގްޑަމް އޮފް މޮރޮކޯ ސިއްސުވާލީ ބާރުގަދަ ބިންހެލުމެއްގެ ހެލިގަތުމުންނެވެ. މޮރޮކޯގެ ތާރީޚީ ސިޓީއެއް ކަމަށް ވާ މަރަކީޝްގެ ރަށްވެހިންގެ ލޯ ކުރިމަތީގައި އަދިވެސް އެ މަންޒަރުތައް ސިފަވެއެވެ. ރެކްޓަރ މިންގަނޑުން 7.0ގެ ބާރު މިނުގައި އެ ވަރުގަދަ ބިންހެލުމުން ގެނުވި ނުތަނަވަސްކަން، ހިނދު ކޮޅަކަށް ނަމަވެސް ފިލާ ނުދެއެވެ.
ސެޕްޓެމްބަރ 9 ވީ ހޮނިހިރު ދުވަހު، މޮރޮކޯގެ ދާޚިލީ ވުޒާރާއިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ބިންހެލުމުގެ ކާރިޘާގައި މަރުވި މީހުންގެ ޢަދަދު ވަނީ 2000 އަށް ވުރެ މައްޗަށް އަރާފައެވެ. ޒަޚަމްވީ މީހުންގެ ޢަދަދުވެސް 2000 އިން މަތީގައި އުޅޭއިރު، 1400 އަށް ވުރެ ގިނަ މީހުން އޮތީ ކުރިޓިކަލް ހާލެއްގައެވެ.
ބިންހެލުމުގެ އެޕިސެންޓަރ ނުވަތަ ބިންހެލުން އުފެދިގެން އައި ސަރަޙައްދު އޮންނަނީ އަލް ހާއޫޒް ޕްރޮވިންސްގެ އިޣީލް އަވަށާ ކައިރީގައެވެ. އެއީ ތާރީޚާއި ތަރިކައާއި ސައެންސާއި ޘަޤާފަތާ ބެހޭ އދގެ އިދާރާ (ޔުނެސްކޯ)އިން ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ މަރަކީޝްގެ ހުޅަނގު ދެކުނުން އެންމެ 70 ވަރަކަށް ކިލޯމީޓަރު ދުރެވެ.
ބިންހެލުން އައީ ގަޑިން ގާތްގަނޑަކަށް ރޭގަނޑު 11:30 ގަ. އަހަރެން އުޅުނީ ކައިރި، އެހެން އަވަށެއްގަ. އެއީ ވަރަށް ނުރައްކާތެރި ވަޤުތުކޮޅެއް. އެންމެން ތިބީ ޝޮކެއްގަ. މީ ޤަބޫލު ކުރަންވެސް ދަތި ކަމެއް. މީގެ ކުރިން، މަރަކީޝްއަށް މި ވަރުގެ ކަމެއް ކުރިމައްޗެއް ނުވޭ. އަހަރަމެންނަށް ވަރަށް ބޮޑަށް އަސަރު ކޮށްފަ މިއޮތީ. ނަފްސާނީ ގޮތުންނާއި މާލީ ގޮތުންވެސް... އަހަރަމެންގެ ގެތަކަށްވެސް ވަރަށް ބޮޑަށް ގެއްލުން ވެފަ އޮތީ.ސާއިދު އަދީރުދޫރު؛ އާންމު ރަށްވެއްސެއް
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވާ ޓީމުތަކުން ދަނީ، ދިރި ތިބި މީހުން ހޯދާ ސަލާމަތް ކުރެވޭތޯ އަދިވެސް މަސައްކަތް ކުރަމުންނެވެ.
އަހަރެން ދިރިއުޅެނީ މަރަކީޝްގެ މިއްލާ ސްޓްރީޓްގަ. ބިންހެލުން އައި ގާތްގަނޑަކަށް 23:30 ހާ އިރު. އޭރު އަހަރެން އުޅުނީ ބޭރުގަ. ޖިމާ އަލް-ފިނާ މައިދާން ކައިރީގަ، ވިޔަފާރިކޮށްލަން އުޅުނީ. އަހަރެންގެ އަންހެން ދަރިފުޅާއި ފިރިހެން ދަރިފުޅުވެސް ގޭގަ ބަހައްޓާފަ ދިޔައީ. ގެތަށް ހެލޭ މަންޒަރު ފެނުނީމަ ވަރަށް ބޮޑަށް ބިރުގަތް. ހީވީ ބިރުވެރި ހުވަފެނެއްގެ ތެރޭގަ އުޅެވޭހެން. އަހަރެން ދުއްވައިގަތީ ގެޔަށް. ހެދުން ކޮޅާއި ރަޖާކޮޅެއް އެއްކޮށްލައިގެން ބޭރުގަ ނިދަން ތައްޔާރުވީ. އަހަރަމެން ދަންނަ 9 މީހަކު މިހާރުވެސް މަރުވެއްޖެ. ސަބްރާ ސްޓްރީޓްގަ ދިރިއުޅޭ ޢާއިލާ މެންބަރަކާ، އޭނާގެ ތުއްތުތުއްތު ދަރިފުޅުވެސް އޭގެ ތެރޭގަ ހިމެނޭ.ފާޠިމާ ސަމީރު؛ އާންމު ރަށްވެއްސެއް
ޗައިނާގެ ރެޑްކްރޮސް ސޮސައިޓީ (އާރްސީއެސްސީ)އިން ހޮނިހިރު ދުވަހު ވަނީ މޮރޮކޯގެ ރެޑް ކްރެސެންޓަށް، ނަގުދު ފައިސާގެ ގޮތުގައި 2 ލައްކަ އެމެރިކާ ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ. އެއީ ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ ކުއްލި ހާލަތުގެ އިންސާނީ އެހީގެ ގޮތުގައި ފޯރުކޮށްދޭ އެހީއެވެ. ވީ ވަރަކުން، ކުރިއަށް އޮތް ތަނުގައި އަދިވެސް އިތުރު އެހީތައް ދެމުން ދާނެ ކަމަށް އާރްސީއެސްސީއިން ވަނީ ބުނެފައެވެ.
އާދީއްތަ ދުވަހުގެ ހެނދުނަށް އަލިވިލުނުއިރުވެސް މަރަކީޝްގެ ގިނަ ބަޔަކު ތިބީ މަގުމަތީގައެވެ. ބިންހެލުމަށް ފަހު ދެ ރޭ ފާއިތުވެގެން ދިޔައީ އެގޮތުގައެވެ. މިއީ މިދިޔަ ބައި ޤަރުނެއްހާ ދުވަހުގެ ތެރޭގައި އެ ސަރަޙައްދަށް ކުރިމަތިވި އެންމެ ގެއްލުންދެނިވި ބިންހެލުމުގެ ކާރިޘާއެވެ.