ކ. މާލެ
|
12 ސެޕްޓެންބަރ 2023 | އަންގާރަ 13:45
އިންޑިއާ ސިފައިން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް
އިންޑިއާ ސިފައިން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް
ރާއްޖެއެމްވީ
ރާއްޖޭގައި އުޅޭކަމަށް ބުނާ އިންޑިއާ ސިފައިން
ރާއްޖޭގައި އުޅޭކަމަށް ބުނާ އިންޑިއާ ސިފައިންނަކީ ވާތު ސަންގު ކަހަލަ އެއްޗެއް!
އެމްއެންޑީއެފްގެ ލީޑަރޝިޕުންވެސް ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭނެ ފަދަ އެއްވެސްކަމަކަށް ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން ދީފައި

ރާއްޖޭގައި އިންޑިއާ ސިފައިން އުޅޭކަމަށް ސިޔާސީ ބައެއް ފަރާތްތަކާއި ބައެއް ނޫސްތަކުން އަބަދުވެސް ތުހުމަތު ކުރެއެވެ. އެކި ވާހަކަތައް އެކި ގޮތަށް ދައުރު ކުރަމުންދެއެވެ. އިންޑިއާ ސިފައިންނޭ ކިޔައިގެން އެކި ގޮތްގޮތަށް ދޮގު ވާހަކަތައް ފަތުރަމުންދެއެވެ. ސަރުކާރުން މީގެ ކުރިން ވެސް އެކަންތައްތައް ވަނީ ރައްދުދީފައެވެ. އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން ނުދާ ކަމަށް ބުންޏެވެ. މިފަދަ ސިޔާސީ ފަރާތްތަކުންނާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދިޔައީ ރަސްމީ ސިފައެއްގައި ޤައުމީ ސަލާމަތީ ބާރުތަކުން އެއްޗެއް ނުބުނުމުންނެވެ. މިހާރު މިކަމާއި ގުޅިގެން ޤައުމީ ސަލާމަތީ ބާރުތަކުން އިންޓަވިއު ދެއްވުމުން ވެސް އެބޭފުޅުން އިތުރުފުޅު ހައްދަވަނީ ކަމަށް ބުނެ ދަނީ ތުހުމަތުތައް ކުރަމުންނެވެ.

ދިވެހި އަސްކަރިއްޔާގެ ބާރު ނުހިނގާ އެއްވެސް ސަރަހައްދެއް އަދި އުޅަނދެއްވެސް ނެތްކަމާއި، އެހެން ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެނެތްކަމުގެ ޔަޤީންކަން ޤައުމީ ދިފާޢީ ބާރުގެ ލީޑަރޝިޕުން ވަނީ މި އިންޓަވިއުގައި ދެއްވާފައެވެ. އެމްއެންޑީއެފްގެ ލީޑަރޝިޕުންވެސް ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭނެ ފަދަ އެއްވެސްކަމަކަށް ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ.

ބައެއް ނޫސްތަކުން އިންޑިއާ ސިފައިން ރާއްޖޭގައި އުޅޭކަމަށް ތުހުމަތުކުރި ނަމަވެސް އެކަމުގެ ތެދު ދޮގު ސާބިތުވާވަރަށް ރައްޔިތުންނާއި ހަމައަށް ގެނެސްދީފައެއް ނުވެއެވެ. އައްޑޫއިންނާއި ހަނިމާދޫއިން ވެސް އިންޑިއާ ސިފައިން ފެންނަ ކަމަށް ތުހުމަތު ކުރެއެވެ. ހިތުގައި އުފެދޭ ސުވާލަކީ މިފަދަ ނޫސްތަކުން އަސާސެއް ނެތް ޚަބަރުތައް ފެތުރުމުގެ ބަދަލުގައި އެތަންތަނަށް ގޮސް ރައްޔިތުންނާއި ހަމައަށް މިވާހަކަ ގެނެސް ނުދެނީ ކީއްވެގެން ބާއެވެ. އިންޑިއާ ސިފައިން ތިބިކަމަށްވާނަމަ، ހަމައެކަނި ވާހަކަތަކެއް ދައުރުކުރުމުގެ ބަދަލުގައި ވިޑީއޯ ރައްޔިތުންނާއި ހަމައަށް ގެނެސް ނުދެނީ ކީއްވެގެންބާއެވެ.

އިންޑިއާ ސިފައިންނާއި ގުޅޭގޮތުން ދާދިފަހުން ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމާ ވެސް ނޫސްވެރިޔަކު ސުވާލެއް ދެންނެވިއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުމާމެދު ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ އާއި ހަރަކާތްތެރިވަމުން އެބަދޭތޯ އެވެ. އެ ނޫސްވެރިޔާ ބުނީ އިންޑިއާ ސިފައިން ހަރަކާތްތެރިވަމުންދާކަމަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ. ނޫސްވެރިޔާގެ އެ ސުވާލުގެ ޖަވާބުގައި ރައީސް މައުމޫން ކުރެއްވީ އެ ނޫސްވެރިޔާއަށް ސުވާލެކެވެ. މައުލޫމާތު ލިބެނީ ކޮންތާކުންތޯއެވެ. މައުލޫމާތުގެ ސައްހަކަން ބެލިންތޯއެވެ. އަނެއްކާވެސް އެ ނޫސްވެރިޔާ ރައީސް މައުމޫނަށް ސުވާލެއް ދެންނެވިއެވެ. މިސާލަކަށް ހަރަކާތްތެރިވާނަމަ އެއީ މައްސަލައެއް ތޯއެވެ. ރައީސް މައުމޫން ވިދާޅުވިއެވެ. ނަމައަކުން ރިހައެއް ނުކެއްކޭނެއެވެ. ހަރަކާތްތެރިވާކަން ދެއްކެވުމަށް އެދިވަޑައިގެންނެވިއެވެ. މީހުން ދައްކާ ހުރިހާ ވާހަކައެއް ޤަބޫލުނުކޮށް އަމިއްލައަށް ބެލުމަށް އެދިވަޑައިގެންނެވިއެވެ. އިވޭ ކޮންމެ ވާހަކައެއް ރަނގަޅަށް ބެލުމަށްފަހު ނޫނީ ޤަބޫލުނުކުރުމަށް ކީރިތި ޤުރުއާނުގައި ވެސް އޮންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ދައުރުކޮށްފައިވެއެވެ. ޕޯސްޓުތަކުގައި ބުނެފައިވަނީ އިއްޔެ ޑޯނިއާ ފްލައިޓެއް މާލެއަށް ދަތުރުކުރީ ހަނިމާދޫގައި ތިބި ކަމަށްބުނާ އިންޑިއާ ސިފައިން ގޮވައިގެން ކަމަށެވެ. އަދި އެމީހުން މާލެއަށް ގެނެސްފައިވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައި ހުޅުލޭގައި ބޭތިއްބުމަށް ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެމްއެންޑީއެފުން ވަނީ އެކަން ދޮގުކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދިޔަ ދެ އަހަރުގެ ކުޑަކުއްޖަކު ޑޯނިއާ ފްލައިޓުގައި އިތުރު ފަރުވާއަށް މާލެ ގެނައި ދަތުރުގެ ވީޑިއޯއެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނަފްރަތު އުފެދޭގޮތަށް ހަބަރު ފެތުރުމަކީ ނޫސްވެރިކަމުގެ ހަމަތަކާއި މުޅިން ހިލާފު، ދަށު ދަރަޖައިގެ އަމަލެއް ކަމަށް ސަރުކާރުން ވެސް ބުންޏެވެ.

ބައެއް ބޭފުޅުންނަށް ސިޔާސީ ކަންކަމުގައިވެސް ވާގޮތަކީ ހުންނަވާ ފަޅިއެއްގެ ސަބަބުން އިންޑިއާ ސިފައިން ފެންނަނީއެވެ. ރާއްޖޭގައި އުޅޭ ކަމަށް ބުނާ އިންޑިއާ ސިފައިންނަކީ ވާތު ސަންގު ކަހަލަ އެއްޗެކެވެ. އިންޑިއާ ސިފައިންގެ ގައިގައި އަތްލި މީހެއް ވެސް، ދުއް މީހެއް ވެސް ފެންނާކަށް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް