އިއްޔެ ބައެއް ނޫސްތަކާއި ޓީވީ ޗެނަލްތަކުގެ ފަލަ ސުރުޚީއަކީވެސް އެއީއެވެ. ފޭސްބުކާއި ޓްވިޓަރ ފަދަ ސޯޝަލް މީޑިޔާ ފްލަޑް ކޮށްލީވެސް އެ ވާހަކައިންނެވެ. މުޅި ޤައުމު ސިއްސުވާލާ ބިރުވެރި ވާހަކައެކެވެ. މިތަނުގައި ތިބި އިންޑިޔާ މިލިޓްރީ ސިފައިންތަކެއް ފުރުވާލަން އުޅޭކަމަށް ދައްކަން ޚާއްސަ އޮޕަރޭޝަނެއް ހިންގާ ކަމުގެ ވާހަކައެވެ. އެކަމުގައި ބޭނުން ކުރަމުންދިޔައީ ހަނިމާދޫއިން ޑޯނިއާ އެއަރކްރާފްޓަކަށް ސިފައިން އަރާ ފޮޓޯއެކެވެ.
ފެންނަ ފެނުމަށް ވަރަށް ގޯހެވެ. ފޮޓޯއިން ފެންނަ މަންޒަރަށް ބަލާއިރު ބިރުވެރިއެވެ. ހަޤީގަތެއް ކަމަށް ޤަބޫލު ކުރެވެއެވެ.
މުޅި ޤައުމު އެކަމުގައި ކެކި ނެގީއެވެ.
އެކަމަކު މަންޒަރު ބަދަލުވީ އެ ފޮޓޯއާ ގުޅޭ ވާހަކަ ސިފައިން އާއްމު ކުރި ހިސާބުންނެވެ. ހަޤީގަތަކީ ތިނަދޫގައި ސީރިއަސް ހާލަތެއްގައި އޮތް ދެއަހަރުގެ ތުއްތު ކުއްޖަކު އައިޖީއެމްއެޗަށް ގެނައުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެކެވެ. އެކަމަކު މަންޒަރު ދެއްކީ މުޅިން ތަފާތު ގޮތަކަށެވެ. އަޑު ފެތުރީ ދިމާ އިދިކޮޅަށެވެ. ހަނިމާދޫއިން ކާޑެއްދޫއަށް ދާން ފުރި ފޮޓޯ ދައްކާފައި ބުނީ އިންޑިޔާ ސިފައިން ރާއްޖެއިން ފުރާކަން ދައްކުވަނީ ކަމަށެވެ. އެފްލައިޓް އެކުއްޖާއާއި އާއިލާ ގޮވައިގެން އައިސް ހުޅުލެއަށް ޖެއްސި ވީޑިއޯ ލާފައި ބުނަމުން ދިޔައީ އިންޑިޔާ ސިފައިން ރާއްޖެ އަތުވެއްޖެ ކަމަށެވެ. ޤައުމު ހިފަނީ ކަމަށެވެ.
އަނެއްކާ އަނެއް ވާހަކައެވެ. ދިވެހި ސިފައިންނާއެކު އިންޑިއަން ހައިކޮމިޝަނުން ޕްރެސް ކޮންފަރެންސެއް ބާއްވަނީޔޯލައެވެ. ދާދި އަވަހަށް އެ ޕްރެސްކޮންފަރެންސް ދައްކާނެ ވާހަކަވެސް ބުންޏެވެ. އެކަމަކު އެއީ އެއިން އެއްވެސް މުއައްސަސާއަކުން ދެނެހުރިވެސް ކަމެއް ނޫނެވެ.
މިއީ އެންމެ ދުވަހެއްގެ ކުޑަކުޑަ މިންވަރެކެވެ. ކޮންމެ ދުވަހަކު ކެނޑިނޭޅި ފަތުރަމުންދަނީ އެފަދަ ބޮޑެތި ދޮގުތަކެވެ. އިންޑިއާ ސިފައިން ރާއްޖޭގެ ރަށްރަށުގައި ބަޑި ހިފާފައި ތިބޭ ވާހަކައެވެ. ދިވެހި ސިފައިންގެ ބާރެއް އެމީހުންގެ މައްޗަށް ނޯންނަ ވާހަކައެވެ. އަމުރު މައުރޫފް ހިންގަނީ އިންޑިއާ ސިފައިން ކަމަށެވެ. މި ވެރިކަން ފެށުނީންސުރެ ދައްކަމުން އަންނަ އެވާހަކަތަކާ އެއްގޮތައް އެބުނާ އެއްވެސް ރަށަކުން އެފަދަ ކަމެއް ފެންނާކަށް ނެތެވެ. އެކަމަކު އެރަށެއްގެ ބަޔަކަށް އެއީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގުކަން އެނގުނު ނަމަވެސް އެހެން ރަށްރަށުގެ މީހުންނަށް އެއީ ތެދުކަމަށް ޤަބޫލު ކުރެވޭ ހިސާބަށް ޚަބަރާއި އެޑިޓް ކޮށްފައި ހުންނަ ފޮޓޯ ވީޑިއޯތައް ކެނޑިނޭޅިދަނީ ފަތުރަމުންނެވެ.
ބައެއް ފަހަރަށް ދޮގު ތަކުރާރުކޮށް ހަދަހަދާ ގޮސް އެންމެފަހުން އެއީ ހަޤީގަތެއް ކަމަށް ގަބޫލު ކުރެވޭ ހިސާބަށް ދެއެވެ. އަދި އެކަމަށް އެންމެ ބޮޑަށް ބާރު ލިބެނީ ކިޔަވައިގެން ތިއްބެވި ބައެއް ދީނީ އިލްމުވެރިންވެސް ސިޔާސީ ބޭނުމުގައި އެ ޕޯސްޓްތައް ޝެއަރކޮށް އެއީ ތެދުކަމަށް ހާމަވާ މިންވަރަށް ބަސްބުނެ އުޅެން ފެށުމުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިޙުގެ ސަރުކާރުގެ ސްޓޭންޑް ވަރަށް ސާފެވެ. އެފަދަ ކަމަކާ ހުރެ ނޫސްވެރިއަކު ހައްޔަރެއް ނުކުރާނެއެވެ. އެފަދަ ތަނަކަށް ފުލުހުންނެއް ނުފޮނުވާނެއެވެ. އެޒިންމާ ހަވާލުކޮށްފައި އޮންނަ މީޑިއާ ކައުންސިލް އަޅާނުލިއަސް ސަރުކާރުން ފަރުވާލެއްވެސް ނުބަހައްޓާނެއެވެ. ސަރުކާރުގެ ބަސް ސާފެވެ. އެއީ އިއްޔެއަކުވެސް މިއަދަކުވެސް އަދި މާދަމާއަކުވެސް ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލޭ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާވަރުގެ އެއްވެސް ކަމެއް ނުކުރާނެކަމެވެ. އަދި އެފަދަ އެއްބަސްވުމެއްވެސް ނުހަދާނެކަމެވެ.
ކޮންމެއަކަށް ވަކި ބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ މިސްކިތްތަކުން ބަންގީގެ އަޑެއް ނީވޭނެ ކަމަށާއި ހުރިހާ މިސްކިތްތައް ބުދުފައްޅިތަކަކަށް ބަދަލު ކުރާނެ ކަމަށް ދެއްކި ބަޔަކުވެސް އުޅުނެވެ. މިއަދު މިދައްކަނީވެސް ހަމަ އެފަދަ ވާހަކަތަކެކެވެ. ވެރިކަމުގެ ދައުރު ނިމިގެން ދަނީއެވެ. އެބުނާ ގެއްލުނު މިނިވަންކަމެއް ނެތެވެ. ބަޑި ހިފައިގެން އައިސް ބާރުގެ ދަށަށް ގެންދިޔަ ރަށެއް، ތަނެއް ނެތެވެ. ދިވެހިންގެ ބަސް ނުހިނގާ އެއްވެސް ކަމެއް މިތަނަކު ނުހިނގައެވެ. މުޅިންވެސް ހޮޅި ވާހަކައެވެ. އިންތިޚާބާ ދިމާކޮށް ދޮލަނގަކަށް ދޮގުތައް އަޅައިގެން ހިނގާ ފިތުނައިގެ ހިނގުމެކެވެ. މިއީ ނުރައްކާތެރި ކަމެކެވެ.