ކ. މާލެ
|
12 ސެޕްޓެންބަރ 2023 | އަންގާރަ 07:24
މެޗުގައި ލަނޑު ޖެހުމަށްފަހު ކްރޮއޭޝިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ކްރޮއޭޝިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ޔޫރޯ ކޮލިފިކޭޝަން
އަރުމޭނިއާ ބަލިކޮށް ކްރޮއޭޝިއާ އެއް ވަނަ އަށް
ގްރޫޕްގެ އެއް ވަނައިގައި ކްރޮއޭޝިއާ އޮތީ 10 ޕޮއިންޓާއި، ފައިދާ ލަނޑުން ކުރި ހޯދައިގެން

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި އަރުމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ކްރޮއޭޝިއާ ގްރޫޕް ޑީގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އަރުމޭނިއާއާ ދެކޮޅަށް ކްރޮއޭޝިއާ އިން ނުކުތްއިރު ގްރޫޕްގެ އެއް ވަނައިގައި އޮތީ ތުރުކީ އެވެ. އެއް ވަނަ އަށް ޖެހިލުމަށް ދެ ޓީމަށް ވެސް މުހިންމުވި މެޗު ކްރޮއޭޝިއާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގައި އަންދްރޭ ކްރަމަރިޗް ޖެހި ލަނޑުން ކުރި ހޯދައިގެންނެވެ. އެއީ ކްރޮއޭޝިއާ އަށް ލިބުނު ކޯނަރެއްގައި ކެޕްޓަން ލޫކާ މޮޑްރިޗް ހުރަސްކޮށްދިން ބޯޅައެއް، ގޯލު އޭރިޔާ ތެރެއިން އިވާން ޕެރިސިޗްގެ ފައިގައި ޖެހި އޭނާ އަށް ލިބުމުން ގޯލަށް ވައްދާލައިގެން ކްރަމަރިޗް ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ފަހުން މެޗުގައި އިތުރު ލަނޑު ޖަހައި، ލީޑު ފުޅާ ކުރުމުގެ ފުރުސަތު ވެސް ކްރޮއޭޝިއާ އަށް ވަނީ ލިބިފަ އެވެ.

މޮޅާއެކު ކްރޮއޭޝިއާ ވަނީ މި ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. ކްރޮއޭޝިއާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ދެ ވަނައިގައި އޮތް ތުރުކީ އަށް ވެސް ލިބެނީ 10 ޕޮއިންޓެވެ. ނަމަވެސް ފައިދާ ލަނޑުން ކުރި ހޯދަނީ ކްރޮއޭޝިއާ އެވެ. ކްރޮއޭޝިއާ އަތުން ބަލިވި އަރުމޭނިއާ އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދައިގެން ތިން ވަނައިގަ އެވެ.

- ކޮމެންޓް