ކ. މާލެ
|
11 ސެޕްޓެންބަރ 2023 | ހޯމަ 11:20
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް
ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ
އެމްޑީޕީން އެދުނު ގޮތަށް، އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
ރައީސް ނަޝީދުގެ މަގާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރުގައި ބާކީ އޮތީ 21 މެންބަރުންގެ ސޮއި
ނާއިބު ރައީސް އިވާ މަގާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރުގައި އޮތީ ބާކީ 17 މެންބަރުންގެ ސޮއި
މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް މެންބަރުންގެ ތާއީދު ނެތުމުން މައްސަލަ ކުރިއަށް ނުގެންދެވޭނޭ ކަމަށް އަފީފު ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން ނިންމައި މައްސަލަ ބޭރުކޮށްލައިފި އެވެ. 

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ތ.ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ އެ މައްސަލައިގައި ސޮއިކުރެއްވި ގިނަ މެންބަރުންތަކެއް އެ ބޭފުޅުންގެ ސޮއި އަނބުރާ ނަންގަވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް މެންބަރުންގެ ތާއީދު ނެތުމުން މައްސަލަ ކުރިއަށް ނުގެންދެވޭނޭ ކަމަށް އަފީފު އިއުލާންކުރެއްވި އެވެ.

މެންބަރު އަފީފު ވިދާޅުވީ މެންބަރުން އަނބުރާ ސޮއިގެންދެވުމުން ރައީސް ނަޝީދުގެ މަގާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރުގައި ބާކީ އޮތީ 21 މެންބަރުންގެ ސޮއި ކަމަށެވެ. އަދި ނާއިބު ރައީސް އީވާ މަގާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރުގައި އޮތީ 17 މެންބަރުންގެ ސޮއިކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މެންބަރު އަފީފު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރުގައި ސޮއިކުރައްވާފައިވާ މެންބަރުންގެ އަދަދަކީ 54. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރުގައި ސޮއިކުރައްވާފައިވާ މެންބަރުންގެ އަދަދަކީ 50. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މަގާމުން ވަކިކުރެއްވުމަށް ހުށަހަޅުއްވާފައިވާ ގަރާރުތައް އަނބުރާ ގެންދެވުމަށް އެދިވަޑައިގެން އެގަރާރުތަކުގައި ސޮއިކުރައްވާފައިވާ އިއްޒަތްތެރި މެންބަރުންގެ ތެރެއިން 33 އިއްޒަތްތެރި މެންބަރުން ލިޔުން ފޮނުވާފައިވާ ވާހަކަ ދަންނަވަން. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބަޔާންވެގެންވަނީ އެފަދަ މައްސަލައެއް ހުށަހެޅުއްވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއް މެންބަރުން ސޮއިކުރައްވާ ހުށަހަޅުންކަމަށް އެއީ 22 މެންބަރުން. އިސްވެ ދެންނެވި ގޮތުން 33 މެންބަރު ކުރައްވާފައިވާ ސޮއި މެންބަރުން އަނބުރާ ގެންދެވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެއްވުމަށް ހުށަހަޅުއްވާފައިވާ ގަރާރުގައި ސޮއިކުރައްވާފައިވާ ބާކީ މެންބަރުންގެ އަދަދަކީ 21. އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރުގައި ސޮއިކުރައްވާފައިވާ ބާކީ މެންބަރުންގެ އަދަދަކީ 17.
ތ.ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު

މެންބަރު އަފީފު ހޯމަ ދުވަހުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ 12 ސެޕްޓެންބަރު ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެ އިއުލާން ކުރެއްވުމަށްފަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް