ކ. މާލެ
|
11 ސެޕްޓެންބަރ 2023 | ހޯމަ 08:49
އަލްބޭނިއާ އަދި ޕޮލެންޑު ކުޅުނު މެޗުގެ ތެރެއިން
އަލްބޭނިއާ އަދި ޕޮލެންޑު ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
ޔޫރޯ ކޮލިފައިން
އަލްބޭނިއާ އަތުން ބަލިވެ ޕޮލެންޑަށް ހާސްކަން
ޕޮލެންޑު އޮތީ ހަ ޕޮއިންޓާއެކު ހަތަރު ވަނައިގައި

މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފިކޭޝަންގައި އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ޕޮލެންޑަށް އިތުރު ހާސްކަމެއް ކުރިމަތިވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޕޮލެންޑު ބަލިވީ، 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލްބޭނިއާ އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އަލްބޭނިއާ އަށް ލީޑު ނަގައިދިނީ ޖާސިރް އަސަނީ އެވެ. އޭނާ އެ ލަނޑު ޖެހީ އެލްސީޑް ހައިސާޖް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ވެސް އަލްބޭނިއާ އަށް ވަނީ ލީޑު ފުޅާ ކުރުމަށް ފުރުސަތު ލިބި، ބޭކާރުވެފަ އެވެ. އަލްބޭނިއާގެ ދެ ވަނަ ލަނޑު މާލިންޑް ޑަކޫ ޖެހީ މެޗުގެ 62 ވަނަ މިނެޓުގަ އެވެ. އޭނާ އެ ލަނޑު ޖެހީ ރަމަޑާނީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގައި ޕޮލެންޑަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ނިންމާނުލެވިފަ އެވެ. ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އަށް ވަނީ ލަނޑު ޖަހާނެ ތިން ފުރުސަތު ލިބި، ބޭކާރުވެފަ އެވެ.

މި ގްރޫޕްގައި ފެރޯ އައިލެންޑްސް އަދި މަލްޑޮވާ ކުޅުނު މެޗު 1-0 އިން ކާމިޔާބު ކުރީ މަލްޑޮވާ އެވެ. ގްރޫޕް އީގެ އެއް ވަނައިގައި އަލްބޭނިއާ އޮތީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ލިބެނީ ހަތަރު މެޗުން އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މަލްޑޮވާ އަށް، އަށް ޕޮއިންޓު ލިބެނީ ފަސް މެޗުންނެވެ. ހަތަރު ވަނައިގައި އޮތީ ޕޮލެންޑެވެ. އެއީ ކުޅުނު ފަސް މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ފުލުގައި އޮތް ފެރޯ އައިލެންޑްސް އަށް ލިބެނީ އެންމެ ޕޮއިންޓެވެ.

- ކޮމެންޓް