ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 14:53
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ޓްރާންސްޕޭރެންސީ މޯލްޑިވްސް
ވޯޓް އޮޅުވާލުމުގެ މައްސަލައެއް ނުވަތަ ސައްހަ ނަތީޖާއަށް ހުރަސް އެޅިދާނެފަދަ ކަމެއް ފާހަގަކުރެވިފައެއް ނުވޭ: ޓްރާންސްޕޭރެންސީ
ޖުމްލަ ގޮތެއްގައި އިންތިހާބު ދިޔައީ ރަނގަޅަށް

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓް އޮޅުވާލުމުގެ މައްސަލައެއް ނުވަތަ ވޯޓް ކަރުދާސް ގުނާ ސައްހަ ނަތީޖާއަށް ހުރަސް އެޅިދާނެ ފަދަ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މައިގަނޑު ގޮތެއްގައި ފާހަގަކުރެވިފައިވާ މައްސަލަތަކަކީ ވޯޓުގެ ސިއްރުކަމާއި ގުޅޭ ބައެއް މައްސަލަތަކާއި ވޯޓްލާ އެކި މަރުކަޒުތަކުގައި ތިބޭ އޮފިޝަލުން ތަފާތު ގޮތްގޮތަށް ކަންތައްތައް ނިންމުމާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ.

ޓްރާންސްޕޭރެންސީން ބުނީ މަރުކަޒުތަކުގެ ލޭއައުޓްތައް އެއްގޮތަކަށް ހުރި ނަމަވެސް އެކި މަރުކަޒުތަކުގެ ކުޑަބޮޑުމިން ތަފާތުވުމުން ބައެއް މަރުކަޒުތަކުގައި މަންދޫބުންނާއި އޮބްޒާވަރުން އަދި މޮނީޓަރުން ތިބެންޖެހުނީ ބޫތާ ކައިރީގައި ކަމަށާއި އޭގެ ސަބަބުން ވޯޓުކަރުދާހުގައި ފާހަގަޖަހާ މަންޒަރު ފެނުމުގެ ފުރުސަތު އޮތް ކަމަށެވެ.

ގިނަ ދާއިރާތަކުގައި ވޯޓުލުމަށް ހޭލުންތެރިކުރުން އިތުރުކުރުމުގެ ހަރަކާތްތައް ވެސް އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާ ކަމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އީސީން ފޯރުކޮށްދިން އެފަދަ މައުލޫމާތުތައް ލިބެންޖެހޭ ފަރާތްތަކަށް ލިބުނުކަން ޔަގީން ނުވާކަމަށް ވެސް ޓްރާންޕޭރަންސީއިން ބުނެއެވެ.

މިފަދަ މައްސަލަތައް ހައްލުކޮށް، ދެ ވަނަ ބުރުގެ އިންތިހާބުގައި ވޯޓު ކަރުދާހުގެ ސިއްރު ނުގެއްލޭނެ ގޮތަކަށް ވޯޓު މަރުކަޒުތަކުގެ ލޭއައުޓް ބަދަލުކޮށް ޖާގަ ތަނަވަސް ތަންތަނަށް މަރުކަޒުތައް ބަދަލު ކުރުމަށް ޓްރާންސްޕޭރެންސީން ވަނީ އީސީއަށް ގޮވާލާފައެވެ. އަދި ފާހަގަޖަހާ ވަގުތު ފޮޓޯ އަދި ވީޑިއޯ ނުނަގާކަން ކަށަވަރުކުރުމަށް ވެސް ވަނީ އެދިފައެވެ.

ޓްރާންސްޕޭރެންސީން އިތުރަށް ބުނީ މިފަދަ މައްސަލަތައް ފާހަގަކުރެވިފައިވީ ނަމަވެސް ޖުމްލަ ގޮތެއްގައި އިންތިޚާބުގެ ކަންތައްތައް ދިޔައީ ރަނގަޅަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް