ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 10:10
މާރިޔާ އަހްމަދު ދީދީ
މާރިޔާ އަހްމަދު ދީދީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
އެންމެންނާ ވެސް މަޝްވަރާ ކުރާނަން، ނުކުންނާނީ ގަދަކޮށް: މާރިޔާ
ވޯޓުލި ފަރާތްތަކުން ދިން މެސެޖު ބަލައިގަނެ އެކަންކަމާމެދު ވިސްނުމަށްފަހު އެކަށީގެންވާ ފިޔަވަޅުތައް އަޅާނެ
ދެވަނަ ބުރަކަށް ނުކުންނާނީ ގަދަކޮށް
މިއީ ސަރުކާރުދެކެ ނުވަތަ އެމްޑީޕީދެކެ އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން ނުކުތް ނަތީޖާއެއް ނޫން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހު ވާދަކުރައްވާއިރު އެ ބުރު ކާމިޔާބު ކުރުމަށް މަޝްވަރާ ނުކުރާނެ ބަޔަކު ނުތިބޭނެ ކަމަށް އެމަނިކުފާނުގެ ރިޔާސީ އިންތީޚާބުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އާ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލި ފަރާތްތަކުން ދީފައިވަނީ މެސެޖެއް ކަމަށެވެ. އެއީ ސަރުކާރުދެކެ ނުވަތަ އެމްޑީޕީދެކެ އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން ނުކުތް ނަތީޖާއެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ވޯޓުލި ފަރާތްތަކުން ދިން މެސެޖު ބަލައިގަނެ އެކަންކަމާމެދު ވިސްނުމަށްފަހު އެކަށީގެންވާ ފިޔަވަޅުތައް އަޅައި ދެވަނަ ބުރަކަށް ނުކުންނާނީ ގަދަކޮށް ކަމަށެވެ.

އަޅުގަނޑުމެންނަށް ހިންޓެއް ދީފި ސްޓްރޯންގް. އެމްޑީޕީ ދެކެ ލައިކް ނުވާތީ ނުވަތަ ސަރުކާރު ދެކެ ލައިކް ނުވާތީއެއް ނޫން. އެހެންވީމާ އަޅުގަނޑުމެން މިކަންކަމާމެދު ވިސްނާފައި އެކަށީގެންވާ ފިޔަވަޅު އަޅާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން ގަދަކޮށް ނުކުންނާނަން.
މާރިޔާ

މާރިޔާ އިތުރަށް ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަޝްވަރާ ނުކުރާނެ ބަޔަކު ނުތިބޭނެ ކަމަށެވެ. މިއީ އަބަދުވެސް އެޕާޓީން ބުނަމުން އައި ވާހަކައެއް ކަމަށާއި މަޝްވަރާތަކަށް އަބަދުވެސް ތައްޔާރަށް ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާރިޔާ މިފަދައިން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުތެރޭގައި ރައީސް ޞާލިހު ވެސް ވަނީ އެމަނިކުފާނާއެކު މަސައްކަތް ކުރައްވަން ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ. އަދި ކޯލިޝަނެއް ދެމެހެއްޓެވޭނީ އެމަނިކުފާނަށް ކަމަށާއި މި ދައުރުގައި ވެސް އެކަން ސާބިތުކޮށްދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރައްވައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސަށް ވޯޓު ލިބިވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށްވުރެ ގާތްގަނޑަކަށް ހަ އިންސައްތަ މަދުންނެވެ. މި އިންތިޚާބުގައި 20 އިންސައްތައެއްހާ މީހުން ވޯޓު ނުލައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މި މަހުގެ 30ވާ ހޮނިހިރު ދުވަހު ބާއްވާއިރު އެ ބުރުގައި ވާދަކުރައްވާނީ ރައީސް ޞާލިހާއި މުއިއްޒުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް