ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށިގެން ގޮސްފައިވަނީ ރަނގަޅަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ ވޯޓުލާ މަރުކަޒުގެ ތެރެއިން ހުރިހާ މަރުކަޒުތަކުގައި 9:00 ގައި ވޯޓްލާން ފަށާފައިވާ އިރު 85.8 އިންސައްތަ ވޯޓުލާ މަރުކަޒުގައި ވޯޓުލާން ފަށަން ކަނޑައަޅާފައިވާ ގަޑީގެ 10 މިނެޓް ތެރޭ ވަނީ ވޯޓުލާން ފަށާފައިވާ ކަމަށެވެ.
ހުރިހާ ވޯޓުލާ މަރުކަޒެއްގައިގެން މަރުކަޒުގައި ތިބެންޖެހޭ އޮފިޝަލުން ހާޒިރުވެ ތިބިކަން ފާހަގަކޮށްފައިވާ އިރު، ވޯޓުލުމަށް ބޭނުންވާތަކެތި ހުރިހާ މަރުކަޒުތަކުގައި ހަމައަށް ހުރި އިރު، ވޯޓުލާން ފެށުމުގެ ކުރިން ހުރިހާ ވޯޓުކަރުދާސް ގުނާ ހަމަކުރެވުނު ކަމަށެވެ. އަދި ހުރިހާ ވޯޓުފޮށިތައް ހުސްކަން ޔަގީންކޮށްފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެއެވެ.
އަދި ކެންޑިޑޭޓުންގެ މަންދޫބުން ހުރިހާ ވޯޓު މަރުކަޒުތަކެއްގައި ވެސް ހާޒިރުވެ ތިބި ކަމަށާއި، އެގޮތުން 89.5 އިންސައްތަ ވޯޓު މަރުކަޒުތަކުގައި މަދުވެގެން ތިން ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެތިބިއިރު، ހުރިހާ ވޯޓު މަރުކަޒެއްގައި ވެސް އެންމެ މަދުވެގެން ކޮންމެވެސް އެއް ކެނޑިޑޭޓެއްގެ މަންދޫބުން ހާޒިރުވެތިބިކަން ފާހަގަކޮށްފައިވެއެވެ. އަދި 7.2 އިންސައްތަ ވޯޓު މަރުކަޒުތަކުގައި މަދުވެގެން ފަސް ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެތިބިކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އަދި 72 އިންސައްތަ ވޯޓު މަރުކަޒުތަކުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަންދޫބުން ތިބި އިރު، 71 އިންސައްތަ ވޯޓު މަރުކަޒުތަކުގައި އެމްޑީޕީ/އޭޕީ/އެމްޑީއޭ ކޯލިޝަންގެ މަންދޫބުން އަދި 34 އިންސައްތަ ވޯޓު މަރުކަޒުތަކުގައި ޑިމޮކްރެޓްސް މަންދޫބުން ތިބި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އަދި 96 އިންސައްތަ ވޯޓު މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ ވޯޓުލާ ސަރަހައްދުތަކުގެ ބޭރުގައިކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ވޯޓުލާފޮށިތަކުގެ 97 އިންސައްތަ ފޮށި ތައްޔާރުކޮށްފައިވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާގޮތަށްކަމުގައި އޮބްޒާވަރުން ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް 3 އިންސައްތަ ވޯޓު މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުނުވާކަމަށް ވެސް ރިޕޯޓްކުރެވިފައިވެއެވެ. މި ފޮށިތައް ގާތުން ބަލަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.