ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 17:12
ރައީސުލްޖުމްހޫރިއްޔާ، ހދ. ނެއްލައިދޫ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވުން
ރައީސުލްޖުމްހޫރިއްޔާ، ހދ. ނެއްލައިދޫ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވުން
އެމްޑީޕީ
ރައީސް ހދ އަތޮޅަށް
ރައީސް، ހދ. ނެއްލައިދޫ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި
އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައިވޭ
ކުރީގެ އިންޖީނުގެއަށްވުރެ ޖާގަ ތަނަވަސްކޮށް، އަދި ބޭނުންވާ އިތުރު ވަސީލަތްތަކާއެކު އިންޖީނުގެ ވަނީ ގާއިމުކޮށްފައި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު، ހދ. ނެއްލައިދޫ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވީ އެމަނިކުފާނު ހޯމަ ދުވަހު އެ ރަށަށް ވަޑައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ނެއްލައިދޫ ބަނދަރު އަދި އިންޖީނުގެ ހުޅުއްވައިދެއްވައި، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

ނެއްލައިދޫ ބަނދަރާއި ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ.

ނެއްލައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ދަށުން، ބޮޑު ހިލަ ބޭނުންކޮށްގެން 164 މީޓަރުގެ ބޭރު ތޮށި ޖެހުމާއި، 224 މީޓަރުގެ އެއްގަމުން ތޮށި ލުމާއި، 125 މީޓަރު ގްރޮއިން ޖެހުމާއި އަދި ބަނދަރާގުޅޭ އިތުރު މަސައްކަތްތައް ކޮށްފައިވެއެވެ.

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 873 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި 1500 ކިއުބިކް މީޓަރުގެ ސަރަހައްދެއް ތަރައްގީކޮށްފައިވެއެވެ.

އެރަށު އައު އިންޖީނުގެއަކީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ، ކުރީގެ އިންޖީނުގެއަށްވުރެ ޖާގަ ތަނަވަސް، އަދި ބޭނުންވާ އިތުރު ވަސީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ.

އަދި ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 240 ކިލޯވޮޓް ނަމަވެސް އައު އިންޖީނުގެއާއެކު ކަރަންޓްދެވޭ ކެޕޭސިޓީ ވަނީ 980 ކިލޯވޮޓަށް މަތިކޮށްފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް