ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 10:26
ރައީސް ޞާލިހު ކުމުންދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސް ޞާލިހު ކުމުންދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ކުމުންދޫގެ ތަރައްޤީ
ރައްޔިތުން އެދޭނަމަ ކުމުންދޫއަށް އައު ބަނދަރެއް ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
މަގުތައް ޒަމާނީ ފެންވަރަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި
ނެރުފައިކަށި ބަދަލުކުރުމުގެ ބަދަލުގައި ރައްޔިތުން ބޭނުންވާނަމަ އައު ބަނދަރެއްގެ ވާހަކަ ރައީސް ވިދާޅުވި
ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ

ހދ. ކުމުންދޫގެ ނެރުފައިކަށި ބަދަލުކުރުމުގެ ބަދަލުގައި ރައްޔިތުން އެދޭނަމަ އައު ބަނދަރެއް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ހދ. ކުމުންދާއަށް ވަޑައިގެން ބޭއްވެވި "ބަނދަރު ބައްދަލުވުން" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރިން ގޮތް ނުނިންމާ ތިބި އެތައް ބަޔަކު އެމްޑީޕީއާ ގުޅެމުންދާ ކަމަށާއި ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަށްރަށުން އެ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ ކުުމުންދޫއިން ވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ.

ރައީސް ވިދާޅުވީ ކޮންމެ ރަށަކުން ވެސް ފެންނަނީ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށްދާން ބޭނުން ނުވާ ކަމަށެވެ. ރަށްރަށުން ފެންނަނީ އައިސްފައި ހުރި ބޮޑު ބަދަލު ކަމަށާއި، ރައްޔިތުންގެ ފަރާތުން ފެންނަނީ ހިތްހަމަޖެހުން ކަމަށެވެ. އެކަން ކުރެވުނީ މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ހަމަނުޖެހުމުގެ ތެރެއަށް ނުގޮސް މަސައްކަތް ކުރެއްވުމުން ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށްވެސް ވަޑައިގަޑައިގަންނަވާނީ އެގޮތަށް ކަމަށެވެ. އަމާޒަކީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ދައުރުގައި ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދިޔަ 1000ށް ވުރެ ގިނަ ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެހެން ރަށްރަށަށް ބަދަލު ކުރެވުނު ކަމަށާއި، ސިޔާސީ ހަރަކާތްތައް ހިންގުމަކީ މަނާކެއް ކަމަށެވެ. ކުރީ ސަރުކާރުން މާލޭގައި ސިޔާސީ ޖަލްސާއެއް ބާއްވަން ފުރުސަތުވެސް ދެނީ ސަރުކާރަށް ޕްރެޝަރު ބޮޑުވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. ގޭގައި ނިދާފައި ތިއްބާ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، ޓްވީޓެއް ކުރުމުން ހިފާ ހައްޔަރުކުރާ ކަމަށެވެ. ނަމަވެސް މި ދައުރުގެ ތެރޭގައި ސިޔާސީ ހިޔާލުތަފާތުވުންތަކާއި ގުޅިގެން އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއްކޮށްފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދައުރުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ކުރަމުންދާ ކަމަށާއި، އަލަށް އިތުރުކަމެއް ވައުދުވެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އަންނަ ދައުރަކީ އައު ކަންކަން ކުރުމަށް ރާވާފައިވާ ދައުރެއް ކަމަށާއި، އެ މަސައްކަތް ފަށާނީ ރިޔާސީ އިންތިހާބަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ދައުރުގައި ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދައުރުގައި ކުމުންދޫގެ ތަރައްގީއަށްޓަކައި ކޮށްދެއްވާނެ ކަންކަމުގެ ތެރޭގައި ރައީސް ވިދާޅުވީ ކުމުންދޫއަކީ ގާމަތި ރަށަކަށް ވުމުން ލަފާފުރުމުގެ ދަތިތައް އެބަހުރި ކަމަށާއި، ބަނދަރެއް އޮތް ނަމަވެސް ވަދެ ނުކުތުމުގައި ދަތިތައް އެބަހުރި ކަމަށެވެ. އެގޮތުން ނެރު ފައިކަށި އެހެން ދިމާލަކަށް ބަދަލުކުރުުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ރައްޔިތުން އެދޭނަމަ އައު ބަނދަރެއް ރަށުގައި ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރާ އިރުގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ފެނާ ނަރުދަމާގެ މަސައްކަތް ނިމުމުން އަމާޒަކީ ރާއްޖޭގެ ރަށްރަށުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުން ކަމަށާއި، ކުމުންދޫގެ ވެސް ބޮޑެތި މަގުތަކުގައި ތާރުއަޅުއްވާނެ ކަަމަށެވެ. ސްކޫލަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް ވަށާފާރު ރާނާ މަލްޓިޕަރޕަސް ހޯލެއް ގާއިމްކޮށް، ކުނި ނައްތާލުމަށްޓަކައި ޒަމާނީ ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތްތަކާއެކު ކުރިއަށްދެވޭނީ ކުރިއަށް އޮތް ދައުރު ލިބިގެން ކަމަށެވެ. 2018 ގައި ވެސް ކުމުންދޫއިން ބޮޑު އަޣުލަބިއްޔަތަކުން ވޯޓު ދިން ކަމަށާއި، މިހާރުވެސް ފެނިވަޑައިގަންނަވަނީ އެ މަންޒަރު ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް