ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 07:21
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
ރާއްޖޭގެ ސިޔާސީ މަސްރަހު
"އެއްވެސް ވެރިއަކަށް ދެ ދައުރު ނުލިބުމުން، ރާއްޖޭގެ އިގްތިޞާދު އިންތިހާ އަށް ހީނަރުވޭ"
އެއް ފަސް އަހަރަށް ފަހު އަނެއް ފަސް އަހަރު އަޑި އަޅާލާ ކަމަށް އޭނާ ވިދާޅުވި
އެއްވެސް ޕާޓީ އަކަށް އެކަނި ވެރިކަަމަށް އާދެވޭ ވަރަށް ތާއީދު ނުއޮންނަ ކަމަށް ވިދާޅުވި
ފާއިތުވި ފަސް އަހަރު ރައީސްގެ ކިބައިން ފެނިވަޑައިގެންނެވި ކަމަކީ ވައުދުތައް ފުއްދުމާއި ތަފާތު ނުކުރުން ކަމަށް އޭނާ ވިދާޅުވި

އެއްވެސް ވެރިއަކަށް ދެ ދައުރު ވެރިކަން ކުރަން މިހާތަނަށް ލިބިފައިނުވާ ކަމަށާއި އެއީ ރާއްޖޭގެ އިގްތިޞާދު އިންތިހާ އަށް ހީނަރުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

މެލޭޝިއާގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ އެއްވެސް ވެރިއަކަށް ދެ ދައުރު ވެރިކަން ކުރަން ނުލިބުމުން ސަރުކާރުން ކުރިއަށް ގެންގޮސްފައި ހުންނަ މަޝްރޫޢުތައް ކުރިއަށް ނުދާކަމަށެވެ. އެހެން ވަނީ އެއް ވެރިއަކު ކުރައްވާ ކަންކަން ކަމުނުދިއުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެއް ފަސް އަހަރަށް ފަހު އަނެއް ފަސް އަހަރު އަޑި އަޅާލާ ކަމަށާއި ބަދަލުގެ ގޮތުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދޭން ޖެހެނީ ރައްޔިތުންނަށް ކަންކަން ކޮށްދޭން ހުންނަ ފައިސާ އިން ކަަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ޤާނޫނު އަސާސީ އޮންނަގޮތުން އެއްވެސް ލީޑަރަކަށް އަދި އެއްވެސް ޕާޓީއަކަށް އެކަނި ވެރިކަަމަށް އާދެވޭ ވަރަށް ތާއީދުނެތްކަން މުހައްމަދު ރަޝީދު ހުސައިން ފާހަގަކުރެއްވިއެވެ. އެކަން އެހެން އޮތް އިރު ކޯލިޝަނެއްގެ ތެރެއިން ވެރިކަަމަށް އައުމަށް ފަހު ދުވަސްކޮޅެއްގެ ތެރޭގައި އެ ކޯލިޝަން ރޫޅުމުގެ ނަތީޖާ އަކީ ރާއްޖޭގެ ހަމަޖެހުން ގެއްލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ އޭނާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 1985 ވަނަ އަހަރު ކަމަށެވެ. އަދި އެމްޑީޕީ އުފެދުމުގެ މާކުރީއްސުރެން ރައީސް އިބްރާޙީމް މުހައްމަދު ޞާލިހާއި އަރިހުގައި މަސައްކަތް ކުރެއްވި އިރު ތަޖުރިބާ ކުރެވުނު ކަމަކީ އެމަނިކުފާނަކީ އެންމެންގެ ވާހަކަ ކެތްތެރިކަމާއެކު އަޑު އައްސަވާ ބޭފުޅަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައީސް ޞާލިހަކީ ވައުދެއް ވެވަޑައިގެންފި ނަމަ އެކަމެއް ފުއްދަވާ ބޭފުޅެއް ކަން ވެސް މުހައްމަދު ރަޝީދު ހުސައިން ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ސުލްހަ ގާއިމްކުރެވުނީ ކޯލިޝަންތެރޭގައި ޚިޔާލު ތަފާތުވުން އޮތްނަމަވެސް އެ ކޯލިޝަނާއެކު ރައީސް ޞާލިހު މަސައްކަތްކުރެއްވުމުން ކަމަށް އޭނާ ވިދާޅުވިއެެވެ.

ފާއިތުވި ފަސް އަހަރު ރައީސްގެ ކިބައިން ފެނިވަޑައިގެންނެވި ކަމަކީ ވައުދުތައް ފުއްދުމާއި ތަފާތު ނުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ސާލިޙަކީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ކޮށްދެއްވާ، އެންމެ ބޮޑަށް ވައުދު ފުއްދެވި ރައީސް ކަަމަށް ވެސް މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް