Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2023 | އާދީއްތަ 22:56
ރައީސް ސާލިހަށް މަރުހަބާ ދަންނަވަން ނުކުމެތިބި މަކުނުދޫ ޒުވާނުން
ރައީސް ސާލިހަށް މަރުހަބާ ދަންނަވަން ނުކުމެތިބި މަކުނުދޫ ޒުވާނުން
އެމްޑީޕީ
މަކުނުދޫ ރޭސިންގ ޓްރެކް
މަކުނުދޫ ޒުވާނުންނަށް ރައީސްގެ ތަފާތު ވައުދުފުޅެއް، ވިދާޅުވީ ރޭސިންގ ޓްރެކެއް އަޅުއްވައިދެއްވާނެ ކަމަށް
މަކުނުދޫ އެއަރޕޯޓާއެކު އިތުރު 3 ރަށް ފަތުރުވެރިކަމަށް ހިއްކުން
ބަނދަރު ފުންކޮށް، އައިސްޕްލާންޓެއް އެޅުން
މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން

މަކުނުދޫ ޒުވާނުން އެދިފައިވާފަދައިން، އަންނަ ދައުރުގެ ތެރޭގައި ރޭސިންގ ޓްރެކެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ހދ. މަކުނުދޫއަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަކުނުދޫ ރައްޔިތުންނަކީ ތަރައްގީއަށް ބޭނުންވެފައި ތިބި ބައެއް ކަމަށެވެ. އެގޮތުން މަކުނުދޫ ބިން ހިއްކަވައިދެއްވައި ހައުސިން ޔުނިޓް ކުރިއަށް އޮތް ދައުރުގައި އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަކުނުދޫ ބޮޑެތި މަގުތަކުގައި ތާރު އަޅުއްވައި ޒަމާނީ ފެންވަރަށް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަކުނުދޫގެ ޒުވާނުން ބޮޑު ފުޓްބޯޅަ ދަނޑެއް ބޭނުންވާ ކަމަށެވެ. އަދި އަންނަ ދައުރުގައި މި ފުޓްބޯޅަ ދަނޑާއެކު ރޭސިންގ ޓްރެކެއް އަޅުއްވައިދެއްވާނެ ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ އުފާވެރި އަމާންރާއްޖެ މެނިފެސްޓޯގައި 3 ސަރަހައްދެއްގައި ރޭސިންގ ޓްރެކް އަޅާ ވާހަކަ އޮންނާނެ ކަމަށެވެ. އޭގެ ތެރެއިން އެއް ޓްރެކް މަކުނުދޫގައި އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބަނދަރު ތިލަވުމުގެ ޝަކުވާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި، ބަނދަރު ފުންކޮށްދެއްވައި، މަސްވެރިންނަށް ބޭނުންވާ އައިސްޕްލާންޓް ތަރައްގީކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އިތުރު ރިސޯޓް ތަރައްގީކުރުމަށް ހުޅުއްވާލައްވައި، މެރިކަލްޗަރއަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅުއްވައި، އެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަކުނުދޫ އެއަރޕޯޓުގެ ސަބަބުން މަކުނުދޫ ރައްޔިތުން ބޭނުންވާ ތަފާތު ބޮޑު ތަރައްގީ އަންނާނެ ކަމަށެވެ. އަދި މަކުނުދުއަކީ މުޅި ރާއްޖެއާ ވަކިން އޮތް ނަމަވެސް، ރީތި ފަޅަކާއި ފަރެއް އޮތް ތަނެއް ކަމަށާއި، ފަތުރުވެރިކަމުގެ ތަފާތު ކަންކަން ފެށޭނެ ކަމަށެވެ. އެއް ރިސޯޓް ދަނީ ހެދެމުން ކަމަށާއި، އިތުރު ރިސޯޓެއް ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަރޕޯޓާއެކު 3 ރަށް ހިއްކުން ވެގެންދާނީ ފަތުރުވެރިކަމަށް ހުޅުވިގެންދާ ދޮރަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއާއެކު ވަޒީފާ އިތުރުވެގެންދާނެ ކަމަށާއި، އެއަރޕޯޓުގެ ކުރިން މަކުނުދޫގެ އެކަހެރިކަން އާރުޓީއެލްއިން ފިލުވާދެވިފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

Advertisement

Advertisement
- ކޮމެންޓް